Roadha Mihaaru
ފިޔަވަޅު އެޅީ ކީއްވެ ކަމެއް ނޭނގެ: އަލީ ހުސެއިން

އަޅުގަނޑުގެ ކުށެއް، ފިޔަވަޅު އެޅީ ކޮންކަމާ ކަން ވެސް ނޭނގެ: އަލީ ހުސެއިން

02 ނޮވެމްބަރ 2016

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން، ސުޕްރީމް ކޯޓުން މަނާކުރިއިރު އޭނާގެ ކުށެއް އަދި ފިޔަވަޅު އެޅި މައްސަލައެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ގާނޫނީ ވަކީލް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން، ސުޕްރީމް ކޯޓުން މަނާކުރިއިރު އޭނާގެ ކުށެއް އަދި ފިޔަވަޅު އެޅި މައްސަލައެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ގާނޫނީ ވަކީލް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އަލީ ހުސެއިންގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އަލީީ ހުސެއިން ވިދާޅުވީ ވަކާލާތު ކުރުމުގެ ހުއްދަ ބާތިލްކުރިކަން އެނގިވަޑައިގަތީ މީޑިއާ އިން ކަމަށެވެ. ފިޔަވަޅު އެޅި ސަބަބެއް ތުހުމަތުކުރާ ކުށެއް ވެސް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުއްދަ ބާތިލްކުރިކަން އަންގައި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނުގައި ވެސް ސަބަބު ހާމަކޮށްފައެއް ނުވެ އެވެ. ހުއްދަ ބާތިލްކުރީ، ބަޔާނުގައި ބުނެފައިވާ ގޮތުގައި، ދެ ވަކީލުންނާ ގުޅޭ މައްސަލައެއް ބަލަމުން އަންނާތީ، އެ މައްސަލަ ނިމެންދެންނެވެ. އަދި އެ ފިޔަވަޅު އެޅީ ސުޕްރީމް ކޯޓުގެ ގަވާއިދާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުންނާ ބެހޭ ގަވާއިދުގެ ދަށުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ސަސްޕެންޑްކުރުމުން ހިތްހަމަޖެހިވަޑައިނުގެން އަލީ ހުސެއިން ވިދާޅުވީ "ކޯޓުތަކުން، ޖޭއެސްސީގެ ބާރުކަނޑުވާލައި ފަނޑިޔާރުން ރެގިއުލޭޓްކޮށް ވަކީލުންގެ ލީގަލް ޕްރޮފެޝަން ރެގިއުލޭޓްކުރާއިރު ޕްރޮސިކިއުޓާ ޖެނެރަލާއި އެޓާނީ ޖެެނެރަލް ނިދާފައި" ކަމަށެވެ.

އަލީ ހުސައިނާއި ސުއޫދު ވަކާލާތު ކުރުން މަނާ ކުރި އިރު، އެކި މަގްސަދުތައް ހާސިލްކުރަން ކޯޓުތަކުގެ ހުކުމްތައް މާނަ ކުރަމުންދާ ކަމަށާއި އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް އަންގައި ސުޕްރީމް ކޯޓުން ވަނީ ބަޔާނެއް ނެރެފެ އެވެ. އެ ބަޔާނުގައި ބުނީ، ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކާ ވަކީލުން ވަކި މުއްދަތެއް ނެތް ގޮތަށް ވަކާލާތު ކުރުން މަނާ ކުރުމާއި ހުއްދަ ބާތިލް ކުރުމުގެ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.