Roadha Mihaaru
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!

ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި": ޖޭއެސްސީ އަށް ޖުޑިޝަރީ ނުހިންގޭ!

17 އޯގަސްޓް 2023

އިދާރީ ގޮތުން އެންމެ ފުރިހަމަ މިނިވަންކަން ސުޕްރީމް ކޯޓަށް ނެތް ކަމަށާއި ކޯޓުގެ ހިންގުން ހުއްޓިފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިދާރީ ގޮތުން އެންމެ ފުރިހަމަ މިނިވަންކަން ސުޕްރީމް ކޯޓަށް ނެތް ކަމަށާއި ކޯޓުގެ ހިންގުން ހުއްޓިފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ސުއޫދު މިހެން ވިދާޅުވީ ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ޖޭއެސްސީ އަށް ކުރިމަތިކުރި ސުވާލުތަކުގެ ތެރޭގަ އެވެ.

އެންމެފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި ބަދަލާ އެކު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވަނީ އެ ތަނުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެކުރިން ޑީޖޭއޭ ހިންގަމުން ދިޔައީ ސުޕްރީމް ކޯޓުގެ ދަށުންނެވެ. ކޯޓުތަކުގެ އިދާރީ ހިންގުމުގެ ކަންކަން ވެސް މިހާރު ކުރިއަށް ދަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ.

ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަންކުރުމުގެ ކަންކަން ވެސް ކުރިއަށް ދަނީ ޖޭއެސްސީގެ ދަށުންނެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް މައްސަލާގައި ކޯޓުތަކުގެ އިދާރީ މުވައްޒަފުން ވަކިކޮށްފައިވަނީ ޑީޖޭއޭއިން ކަމަށް ވިޔަސް، ކޯޓުގައި ތަމްސީލް ކުރަނީ ޖޭއެސްސީންނެވެ. އެހެންވެ، އެކަމާ ގުޅޭ ގޮތުން މިއަދު ފަނޑިޔާރުން ގިނަ ސުވާލުތަކެއް އަމާޒުކުރި އެވެ.

އެ ސުވާލުތަކުގެ ޖަވާބެއްގެ ގޮތުން ޖޭއެސްސީގެ ވަކީލުން ފާހަގަކުރައްވާ ގޮތުން، މިހާރު ޝަރުއީ ދާއިރާ އިދާރީ ގޮތުން ހިންގުމުގެ ބާރު ވެސް ގާނޫނީ ގޮތުން އޮތީ ޖޭއެސްސީއަށެވެ. އެއާ އެކު ސުއޫދު ވަނީ ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނަރަލެއް ލިބޭނީ ކޮން ދުވަހަކުތޯ ސުވާލު ކުރައްވައިފަ އެވެ. އެ ކޯޓުގައި އެ މަގާމު ހުސްކޮށް ހުންނަތާ ގާތްގަނޑަކަށް ދެ އަހަރު ވެއްޖެ އެވެ.

"މިހާރު ދެ އަހަރުވެގެން މި ދަނީ މި ތަނުގެ އިދާރީ އެންމެ އިސް މުވައްޒަފު ނެތި. ތިޔަ ބޭފުޅުން ޖޭއެސްސީއަކީ މި ތަނުގެ އިދާރީ އެންމެ އިސް ފަރާތް ކަމަށްވާ ނަމަ ކޮން ދުވަހަކުންތޯ އަޅުގަނޑުމެންގެ އިދާރީ އެންމެ އިސް މުވައްޒަފުން ލިބެނީ؟،" ސުއޫދު އެއްސެވި އެވެ.

"...މި ތަން މި އޮތީ ހަމަ ހުއްޓިފައި. ހިންގުން އެއްކޮށް ހުއްޓިފައި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިއީ. ކޮން އިރަކުންތޯ މިއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ލިބެނީ. ވިދާޅުވެދެއްވަބަލަ؟ މި ތަން ހިންގާނީ ކިހިނެއްްތޯ؟ އިދާރީ ގޮތުން މި ކޯޓު ހިންގޭކަށް، އިދާރީ ގޮތުން މި ކޯޓަށް މިނިވަންކަމެއް ނެތް މުވައްޒަފުން ލާކަށް."

ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓަކީ ދައުލަތުގެ އެއްބާރު ކަމަށާއި ނަމަވެސް، ތިބެން ޖެހިފައިވަނީ "ބަޔަކު ދިނިއްޔާ ކައިގެން، ފޮތް ފަންސޫރު ބަޔަކު ދިނިއްޔާ ހޯދައިގެން" ކަމަށެވެ.

"އަޅުގަނޑުމެންނަށް އިދާރީ އެންމެ އިސް މުވައްޒަފެއް ލިބޭނެ ދުވަހެއް އަޅުގަނޑު ބޭނުން ބަލަން،" ފަނޑިޔާރު ސުވާލު ތަކުރާރު ކުރައްވަމުން ގެންދެވި އެވެ.

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން.

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން.

އެ ސުވާލަށް ޖަވާބު ދެއްވަމުން، ޖޭއެސްސީ ތަމްސީލް ކުރައްވާ ވަކީލް ފަތުހުﷲ އިސްމާއިލް ވިދާޅުވީ، އެކަމަށް އޭނާއަށް އެއްޗެއް ވިދާޅުވާން އުނދަގޫ ކަމަށެވެ. ނަމަވެސް، އެ ކަންބޮޑުވުން ޖޭއެސްސީއާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ސުވާލުތައް ތަކުރާރު ކުރައްވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި ދެ އަހަރު ވެގެންދާއިރު ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނަރަލެއް އައްޔަން ނުކުރެވި، އެކަމުގައި އާދޭސްކުރަން ޖެހިފައިވާ ކަމަށެވެ. ޖޭއެސްސީއަށް އެކަން ނުކުރެވޭއިރު ސުޕްރީމް ކޯޓުން އަމިއްލަ މުވައްޒަފުން އައްޔަންކުރުން، އެއީ ނުފޫޒެއްގެ ތެރެއަށް ކޯޓު ވަނުންތޯ ސުއޫދު ސުވާލު އުފެއްދެވި އެވެ. އަދި ގާނޫނުއަސާސީން ތަސައްވަރުކުރާ ގޮތަކީ ކޯޓުތަކުން އާދޭސްކުރާ ގޮތަށް ބޭއްވުންތޯ ވެސް ފަނޑިޔާރު އެއްސެވި އެވެ.

"ކޮން ނުފޫޒެއްގެ ދަށުގައިތޯ އަޅުގަނޑުމެން މި ތިބީ؟ ދެން ކޮން ވާހަކައެއް ތި ދައްކަނީ؟ މިއީ ކޮން ކަމެއްތޯ،" ވަރަށް ވަރަށް ކޯފާ އިސްކުރައްވައި، ސުއޫދު ސުވާލުކުރައްވަމުން ގެންދެވި އެވެ.

ސުއޫދު ވިދާޅުވީ ރަނގަޅަށް އިދާރީ ގޮތުން ހިންގި، ކޯޓުތަކަށް މުވައްޒަފުންނަށް ގަވައިދުން ޑީޖޭއޭއަށް އައްޔަން ކުރެވޭނެ ނަމަ ބާރުތައް ނަންގަވައިގެން ތިބެން ރަނގަޅު ކަމަށާއި ނަަމަވެސް އެކަން ނުވާ ކަމަށެވެ.

"ޖޭއެސްސީ އަށް ޖުޑިޝަރީ ހިންގޭ ނަމަ ރަނގަޅު. އެކަމެއް ނުކުރެވޭ. މިތަނަށް މުވައްޒަފެއް ލެވެނީއެއް ނޫން. ދެން މި ތަނަށް އައިސް ތިބުނަނީ ތިމަންނަމެންނޭ ހިންގަނީ. ހަތް ފަނޑިޔާރުން ނޫން ބަޔަކު މިތާ ނެތް. ދެން ތިބުނަނީ ތިމަންނަމެންނޭ ޖުޑިޝަރީ ހިންގަނީ، ހިންގާނީ." ފަނޑިޔާރު ވިދާޅުވި އެވެ.

"ދެން ކިހިނެއް ހަދަންވީ؟"