Roadha Mihaaru

ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި

އެޗްޑީސީން ހުޅުމާލޭގެ މާސްޓަޕްލޭނަށް މުހިންމު ބައެއް ބަދަލުތަކެއް ގެެނެސް މިއަދު އާންމުކޮށްފި އެވެ.

ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

26 މެއި 2025

އެޗްޑީސީން ހުޅުމާލޭގެ މާސްޓަޕްލޭނަށް މުހިންމު ބައެއް ބަދަލުތަކެއް ގެެނެސް މިއަދު އާންމުކޮށްފި އެވެ.

ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ 2 ގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރުންނާއި އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ މާސްޓަޕްލޭނަަށް ބަދަލު ގެނައީ ހުޅުމާލޭގައި އިތުރުވަމުން އަންނަ އާބާދީ އަށް ބޭނުންވާ ގިނަ ކަންތައްތައް މަގުފަހި ކުރުމަށް ކަމަށެވެ. ހުޅުމާލޭގެ ފަޅުތެރެއިން އިތުރު ބައެއް ހިއްކާފައިވުމުން، ބިމުގެ ޖާގަ އިތުރުވުމާ ގުޅިގެން އެ ބިންތައް ބޭނުންކުރާނެ ގޮތްތަކާ މެދު ފަންނީ ގިނަ މަޝްވަރާތަކާއި ލަފާތައް އެޗްޑީސީގެ މެނޭޖްމަންޓުން ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ޕްލޭން އިފްތިތާހުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ޕްލޭން އިފްތިތާހުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޒަމާނަށް އަންނަ ބަދަލާ އެކު، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ބޭނުންވާނެ ހިދުމަތްތަކާއި އިތުރު ވަސީލަތްތައް ގާއިމްކުރުމަށް އާ ޕްލޭންގައި ވަނީ ހިމަނައިފަ އެވެ. އަދި ވިޔަފާރި އާއި އިގުތިސާދީ ހަރަކާތްތައް އިތުރުކޮށް، ކުރީގެ ޕްލޭންގައި ނެތް ގިނަ ކަންކަން ވެސް ހިމަނާފައިވެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭގެ މާސްޓަ ޕްލޭންގެ ތުރީޑީ މޮޑެލް އެއް ވެސް ދައްކާލައިފަ އެވެ. އަދި އެޗްޑީސީގެ އާ ވެބްސައިޓު ވެސް އެ ރަސްމިއްޔާތުގައި އިފުތިތާހުކުރެއްވި އެވެ.

ހުޅުމާލެއަށް 21 އަހަރުވީ އިރު، އެ ތަނުގެ މާސްޓަޕްލޭނަށް އެކި ފަހަރު މަތިން ބަދަލު ގެެނެސްފައިވެ އެވެ. ހުޅުމާލެ މާސްޓަޕްލޭނަށް އެންމެފަހުން ބަދަލު ގެނެސްފައި ވަނީ ޑިސެމްބަރު 2023 ގަ އެވެ.

މާސްޓަޕްލޭނަށް ގެނައި ފާހަގަކޮށްލެވޭ ބަދަލުތައް

އެޗްޑީސީން މިއަދު ބޭއްވި އިވެންޓުގައި ވަނީ މި މާސްޓަޕްލޭނަށް ގެނައި ބަދަލުތައް ފެންނަ ހާއްސަ ޕްޒެންޓޭޝަނަށް ދައްކައިފަ އެވެ.

އެ ފްރެޒެންޓޭޝަނުން ފެންނަ ގޮތުގައި، އެންމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ މިހާރު ހިއްކަމުން އަންނަ ހުޅުމާލެ 3 ގެ ބިމުގެ ސަރަހައްދަށެވެ. ހުޅުމާލެ 2 އާއި 3 ގެ ދެމެދުގައި ކުރިން "ކޯރެއްގެ" ގޮތުގައި ކަނޑައަޅާފައި އޮތް ބައި ހިއްކައި، ދެ ސަރަހައްދު އެއްކޮށްލަން ވަނީ ނިންމައިފަ އެވެ. އެ ބައި ހިއްކަނީ އެ ސަރަހައްދުގެ ކަނެކްޓިވިޓީ ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ގެންނަ ބަދަލެއްގެ ގޮތުގަ އެވެ.

ހުޅުމާލޭގެ ބަނދަރު ސަރަހައްދުގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ 36 ހެކްޓަރުގެ ސަރަހައްދު 53 ހެކްޓަރަށް ބޮޑުކުރުމަށް ކަނޑައަޅާފައިވެ އެވެ. އެއާ އެކު، ހުޅުމާލޭގެ ބަނދަރުގައި އުޅަނދުފަހަރު އެޅުމަށާއި ލޮޖިސްޓިކަށާއި އުޅަނދުތަކަށް ބޭނުންވާ އެ ނޫން ކަންކަމަށް ލިބޭ ޖާގަ ތަނަވަސްވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ބައެއް އިސްވެރިން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ބައެއް އިސްވެރިން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސްކޫލްތަކާއި މިސްކިތްތަކާއި އޮފީސް އިމާރާތްތަކާއި ގްރީން ސްޕޭސް އާއި އެ ނޫން ވެސް އަސާސީ ހިދުމަތްތައް ދޭނެ ބިންތައް ހުޅުމާލޭގެ އެކި ނެއިބަހުޑްތަކާ ކައިރިން ކަނޑައަޅާފައިވެ އެވެ. އެ ބިންތައް ކަނޑައަޅާފައި ވަނީ ކޮންމެ ނެއިބަހުޑަކުން ފަސް މިނެޓުން ހިނގާފައި ދެވޭނެ ދުރުމިނުގަ އެވެ.

"ކޮންމެ މީހަކަށް 2.5 ސްކެއާ މީޓަރުގެ އޯޕަން ސްޕޭސްއަކާ އެކު، މި ޕްލޭން އެކުލަވާލެވިފައި ފެހި އަދި ހިތްފަސޭހަ ޖާތަކާ އެކުގައި،" އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ 1 ގައި 194 ހެކްޓަރު ބިން އޮތްއިރު، އެއީ 100،000 މީހުން އާބާދީއަކަށް އަމާޒުކޮށް ތަރައްގީ ކޮށްފައިވާ ސަރަހައްދެކެވެ. މިހާރު ހިއްކަމުން އަންނަ ބަޔަކާ އެކު ހުޅުމާލެ 2 ގައި ޖުމްލަ 251 ހެކްޓަރުގެ ބިން އޮންނާނެ އިރު، އެ ސަރަހައްދުގައި ދިރިއުޅޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 250،000 މީހުންގެ އާބާދީއެކެވެ.

ހުޅުމާލޭގެ ބިންތައް ހަމަޖައްސާފައިވާ ގޮތް

• 29.84 ޕަސެންޓް ބިން ރެޒިޑެންޝަލް ބޭނުންތަކަށް

• 10.41 ޕަސެންޓް ބިންތައް ސްކޫލްތަކާއި މިސްކިތްތަކާއި ކޮމިއުނިޓީ ބޭނުންތަކަށް

• 5.56 ޕަސެންޓް ބިން ކޮމާޝަލް ބޭނުންތަކަށް

• 1.44 ޕަސެންޓް ބިން މިކްސްޑް ރެސިޑެންޝަލް ކޮމާޝަލް ޒޯނުގެ ގޮތުގައި

• 30.62 ޕަސެންޓް ބިން ގްރީން ސްޕޭސް އާއި ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބޭނުންތަކަށް

• 3.64 ޕަސެންޓް ބިނން އޮފީސް ޖާގަ އާއި އެހެނިހެން ބޭނުންތަކަށް

• 5.76 ޕަސެންޓް ބިން އިންޑަސްޓްރިއަލް މަސައްކަތްތަކަށް

މާސްޓަޕްލޭނަށް ގެނައި ބަދަލުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް އެޗްޑީސީން ވަނީ ދީފަ އެވެ. އެކަމަށް ހާއްސަކޮށް އެޗްޑީސީގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް އަންނަ މަހު 16 ގެ ނިޔަލަށް ހިޔާލު ހުށަހެޅޭނެ އެވެ.