Roadha Mihaaru
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި

ރައީސް ވިދާޅުވި ގޮތަށް ވިނަރެސް ފްލެޓްތަކުން 4،200ރ. ކަނޑާލައިފި

01 ފެބުރުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރު މަހު ވައުދުވެވަޑައިގެންނެވި ގޮތަށް ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓްތަކުގެ އަގުން 4،200ރ. އެޗްޑީސީ އިން މިއަދު ކަނޑައިދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރު މަހު ވައުދުވެވަޑައިގެންނެވި ގޮތަށް ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓްތަކުގެ އަގުން 4،200ރ. އެޗްޑީސީ އިން މިއަދު ކަނޑައިދީފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓުން ހަ ޕަސެންޓަށް ކުޑަކުރުމަށް ފަހު، ދައްކަން ޖެހޭ އަދަދުން އިތުރު 4،200ރ. ކުލިން އުނި ކުރާނެ ކަމަށެވެ. އެ ބަދަލާ އެކު، ވިނަރެސް ފްލެޓްތަކުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 9،000ރ. އާއި 13،000ރ. އާ ދެމެދުގެ އަދަދުތަކަކަށް ކުޑަވާނެ އެވެ.

އެޗްޑީސީ އިން އެ ބަދަލު ގެނައީ ވިނަރެސް ފްލެޓްތަކުގެ ކުލިތައް 10،000ރ. އަށް ކުޑަކޮށްދޭން އެދި ފްލެޓު ލިބުނު ގިނަ އަދަދެއްގެ މީހުންގެ ޕެޓިޝަނެއް ރައީސް އޮފީހަށް ހުށަހަޅާފައި ވަނިކޮށެވެ.

އެ ކުންފުނިން ބުނިގޮތުގައި، ބޭންކު މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާ އިން އެއްފަހަރާ އަގު އަދާކުރާ އުސޫލުން ވިނަރެސް ފްލެޓްތައް ގަނެފައިވާ މީހުންނަށް ވެސް މިއަދު އާންމުކުރި ލުއިތައް ލިބޭނެ އެވެ. ބޭންކު ލޯނަށް އެވްރެޖުކޮށް ދައްކަން ޖެހޭ އަދަދުން 4،200ރ. އެވްރެޖުކޮށް ކުޑަކުރާނެ ގޮތަށް ފްލެޓުގެ އަގުން ޑިސްކައުންޓް ދޭނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އަމިއްލަ ފައިސާ އިން އެއްފަހަރާ އަގު އަދާކުރާ މީހުންނަށް ފްލެޓުގެ އަގުން ވެސް އެ ވަރުގެ ޑިސްކައުންޓެއް ދޭނެ ކަމަށް އެޗްޑީސީން އިން ބުންޏެވެ.

އެ ކުންފުނިން ބުނީ، މިހާތަނަށް ކުލި އެއްކޮށް ދައްކާފައިވާ މީހުންނަށް ޑިސްކައުންޓަށް ފައިސާ އަނބުރާ ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. ޑައުންޕޭމެންޓަށް ވާ އަދަދުގެ 50 ޕަަސެންޓު އަގުން އުނިކުރި އިރު، އޭގެ ކުރިން އަގު އަދާކުރި މީހުންނަށް އެ ޑިސްކައުންޓަށް ވާ ފައިސާ އަނބުރާ ދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އަލަށް މި ގެނައި ބަދަލުގެ ސަބަބުން އެއްބަސްވުންތަކަށް ބަދަލު ގެނައުމުގެ މަސައްކަތްތައް އެ ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ.

ވިރަނެސް ފްލެޓްތަކުގެ ގޮތުގައި 1،344 ފްލެޓް ހިމެނޭ 13 ބުރީގެ 10 ޓަވަރު ވަނީ އިމާރާތް ކޮށްފަ އެވެ. ވިނަރެސްގައި ހުރި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.