Roadha Mihaaru
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!

އެއް ފަހަރާ ގިނަ ބަޔަކު ވަނުމުން ވިނަރެސްގެ ޕޯޓަލް "ހުއްޓިއްޖެ"

05 ނޮވެމްބަރ 2023

ވިނަރެސް ފްލެޓްތަކަށް ފޯމު ހުށަހަޅާ ޕޯޓަލަށް އެއްފަހަރާ ގިނަ ބަޔަކު ވަންނަން މިއަދު މަސައްކަތް ކުރުމުން މައްސަލަތަކެއް ދިމާވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިނަރެސް ފްލެޓްތަކަށް ފޯމު ހުށަހަޅާ ޕޯޓަލަށް އެއްފަހަރާ ގިނަ ބަޔަކު ވަންނަން މިއަދު މަސައްކަތް ކުރުމުން މައްސަލަތަކެއް ދިމާވެއްޖެ އެވެ.

އާބަންކޯގެ އޮފިޝަލަކު "މިހާރު" އަށް އެކަން ކަށަވަރުކޮށްދެއްވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ވިނަރެސްގެ ނުވިކި ހުރި އެޕާޓްމެންޓްތައް ވިއްކަން މިއަދު ހެނދުނު 10:00 ގައި ހުޅުވައިލުމުން އެއްފަހަރާ ގިނަ ބަޔަކު ޕޯޓަލަށް ވަންނަން މަސައްކަތް ކުރުމުން މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް މީހުން ދަނީ ޕޯޓަލް އަށް ވަންނަ ބޭނުންވާ އޯޓީޕީ ފޯނަށް ނުލިބޭ ކަމުގެ ޝަކުވާ ކުރަމުންނެވެ. އޯޓީޕީ އާއި ކޯޑް ފޯނަށް ލިބުނުއިރު އޯޓީޕީ ޖަހަން ޖެހޭ ވަގުތު އޮންނަނީ ހަމަވެފަ އެވެ. އެހެންވެ، އެތައް ބަޔަކަށް ވިނަރެސް ފޯމު ނުލެވުނު ޝަކުވާ ވަރަށް ގިނަ އެވެ.

ވިނަރެސް ފްލެޓްތަކަށް މިއަދު ފޯމު ހުށަހެޅުމުގެ ވަގުތު ބަންދުވި ފަހުން ވެސް އީފާސް މައްސަލަތައް ބޮޑެވެ. އީފާސް ޕާސްވޯޑާއި އޯޓީޕީ ވެސް ލިބެނީ އެތައް އިރެއް ވާ ފަހުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތައް: އެތަނުން ނުވިކި ހުރި ފްލެޓްތައް ގަންނަން ވަނީ ފުރުސަތު ހުޅުވާލާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތައް: އެތަނުން ނުވިކި ހުރި ފްލެޓްތައް ގަންނަން ވަނީ ފުރުސަތު ހުޅުވާލާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕޯޓަލަށް ވަންނަ ފަހުން "އެރާ މެސެޖު"ތަކެއް އަރައި ފޯމު ސަބްމިޓް ނުކުރެވޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

"ފައިލެއް އަޕްލޯޑް ވަނީ 20-30 ފަހަރު އުޅެގެން. ފުރަން ޖެހޭ މައުލޫމާތު އެހާ ގިނަ. ވެބްސައިޓުގައި ނެތް އޮން ޑިމާންޑް ސޭލް ހެދޭވަރުގެ ކެޕޭސިޓީއެއް. ނަން ޖަހާފަ އައިޑީ ކާޑު ޖަހަން ވާއިރަށް ކްރޭޝް ވޭ،" ވިނަރެސް ފްލެޓަށް ފޯމު ހުށަހަޅަން ހުޅުވާލި ޚަބަރު "މިހާރު"ގައި ޖެހުމުން މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.

"ފޯމަށް އެރާ އަރާވަރުން ނުފުރޭ. މިކަމަށް އާބަންކޯ އިން ރެޑީ އެއްނުވޭ. ރައްޔިތު މީހާ އެކަނި ރެޑީވީ. އެންމެ ފަހުން ޔުނިޓް ސެލެކްޝަން އާއި ހަމައަށް ދެވުނީ 30 މިނިޓުން. އޭރު ހުރިހާ ޔުނިޓްއެއް ހުސްވެއްޖެ."

ވިނަރެސްގެ ނުވިކި ހުރި އެޕާޓްމެންޓްތައް ވިއްކަން ހުޅުވާލިތާ ބައިގަޑިއިރުގެ ތެރޭގައި ހުރިހާ ފްލެޓްތަކެއް ވަނީ ބުކްކޮށްފަ އެވެ.

އާބަންކޯ އިން ވިނަރެސް ފްލެޓްތަކަށް އެދި ފޯމު ހުށަހަޅަން ދީފައިވާ ޕޯޓަލް އިން ދައްކާ ގޮތުގައި މިހާތަނަށް 281 ފްލެޓް ވަނީ ބުކްކޮށްފަ އެވެ. ބާކީ އެއްވެސް ފްލެޓެއް ނެތް ކަމަށް ވެސް އެ ޕޯޓަލްގައިވެ އެވެ. އަދި ޕްރޮސެސިންގައި 1،063 ފްލެޓް އޮތް ކަމަށް ޕޯޓަލް އިން ދައްކަ އެވެ. އެނގިފައިވާ ގޮތުގައި މިއަދު 200 ވަރަކަށް ފްލެޓް ބުކްކުރި އެވެ.

ވިނަރެސްގެ ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލީ، ފުރަތަމަ އެދޭ ބަޔަކަށް އެ ވިއްކާ އުސޫލުންނެވެ. އެނގިފައިވާ ގޮތުގައި، ދެން ވިނަރެސް އިން ފްލެޓް ވިއްކަން ހުޅުވާލާނީ، މިއަދު ހުށަހެޅި ފޯމުތަކުން ކެންސަލްވާ ފްލެޓްތައް އެކަންޏެވެ.

ވިނަރެސް ފްލެޓް ބުކް ކުރަން ދެން ހުޅުވާލާނީ މާދަމާ ހެނދުނު 10 ޖަހާއިރު އެވެ. އެކަމަކު، އެއީ މިއަދު ބުކްކުރި މީހުންގެ ފޯމުތައް ކެންސަލްވާ ތަރުތީބުންނެވެ.

ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ.

ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންނަށް އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން ހަ ޕަސެންޓަށް މިދިޔަ މަހު ކުޑަކޮށްފަ އެވެ. އެ ބަދަލާ އެކު، 25 އަހަރުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ފްލެޓް ގަންނަ މީހުންނަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ވަރު ކުޑަވެ އެވެ.