Roadha Mihaaru
ވިނަރެސް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަނީ

ވިނަރެސް ފްލެޓް ލިބުނު ގުޅިފަޅު ސްކީމުގެ މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

14 ޖޫން 2023

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކ. ގުޅިފަޅުގައި ހިންގަން އުޅުނު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ގަނެ، އެތަން ނުލިބުނު މީހުންގެ ތެރެއިން ވިނަރެސް ފްލެޓަށް ކުރިމަތިލި މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކ. ގުޅިފަޅުގައި ހިންގަން އުޅުނު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ގަނެ، އެތަން ނުލިބުނު މީހުންގެ ތެރެއިން ވިނަރެސް ފްލެޓަށް ކުރިމަތިލި މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން މިއަދު ފަށައިފި އެވެ.

އާބަންކޯގެ ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތައް ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

ވިނަރެސް ފްލެޓްތައް ދެނީ ގުޅިފަޅާއި ސީލައިފް އަދި ހިޔާ މަޝްރޫއުން ލިބުނު ފްލެޓްތައް ދޫކޮށްލި މީހުންނަށާއި އާންމުންގެ ތެރެއިން ހޮވި މީހުންނަށެވެ. އޭގެ ތެރެއިން މިއަދު އެއްބަސްވުމުގައި ސޮއިކުރަން ފެށީ ގުޅިފަޅު ކަސްޓަމަރުންނާއެކު ކަމަށް އާބަންކޯ އިން ބުންޏެވެ.

ވިނަރެސް ފްލެޓްތައް: މި ފްލެޓްތައް ލިބުނު މީހުންނަށް އަންނަ މަހު ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އާބަންކޯ އިން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވިނަރެސް ފްލެޓްތައް: މި ފްލެޓްތައް ލިބުނު މީހުންނަށް އަންނަ މަހު ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އާބަންކޯ އިން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ކުންފުނިން ބުނި ގޮތުގައި، ގުޅިފަޅު ފެލްޓް ގަތް 100 މީހަކަށް ވިނަރެސް ފްލެޓް ލިބެ އެވެ. އޭގެ ތެރެއިން ކޮންމެ ދުވަހަކު 25 މީހަކު އެއްބަސްވުމުގައި ސޮއިކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެއްބަސްވުންތަކުގައި ސޮއިކުރުން އޮންނަނީ ހުޅުމާލެ ސެންޓްރޯ މޯލްގައި އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

"ގުޅިފަޅު ކަސްޓަމަރުންގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ހައުސިން ޔުނިޓް ލިބޭ އެހެން ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ،" އާބަންކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެންޑް ޔޫސާ އަދި ފްލެޓްތަކަށް ފުލް ޕޭމަންޓް ދައްކާފައިވާ މީހުންނަށް ބޭނުންވާ ފްލެޓެއް އިހުތިޔާރުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހާތަނަށް 128 ފްލެޓެއް އެގޮތަށް ނަގާފައިވާ ކަމަށެވެ.

އާންމުނަށް ހުޅުވާލައިގެން ފޯމު ހުށަހެޅި މީހުންގެ ތެރެއިން، ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ މީހުންގެ ފައިނޭންޝިއަލް އިވެލުއޭޝަން ފަށައި އެ މީހުންނަށް ފްލެޓްތައް އިހުތިޔާރުކުމުގެ މަރުހަލަ އަންނަ ހަފުތާއި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާބަންކޯ އިން ބުނި ގޮތުގައި، ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާނީ އަންނަ މަހު އެވެ.

ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ. އެ ފްލެޓްތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.