Roadha Mihaaru
ހުޅުމާލޭގައި ލަގްޒަރީ ފްލެޓް އަޅަން 5 ބިމެއް ވިއްކަނީ

ހުޅުމާލޭގައި ލަގްޒަރީ ފްލެޓް އަޅަން ފަސް ބިމެއް ވިއްކަނީ

17 ޖުލައި 2023

ހުޅުމާލެ 1 ގައި ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެއް ހަދަން ފަސް ބިމެއް ވިއްކަން ނިންމައި ބީލަން ހުށަހެޅުމުގެ ފުރުސަތު އާބަންކޯ އިން އިއްޔެ ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ 1 ގައި ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެއް ހަދަން ފަސް ބިމެއް ވިއްކަން ނިންމައި ބީލަން ހުށަހެޅުމުގެ ފުރުސަތު އާބަންކޯ އިން އިއްޔެ ހުޅުވާލައިފި އެވެ.

އެ ކުންފުނީގެ އިއުލާނެއްގައި ބުނީ، އެ ބިންތައް ގަންނަން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 17 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ބީލަން ހުޅުވާލުން ވެސް އޮންނާނީ ހަމަ އެ ދުވަހު ކަމަށް އެ ކުންފުނިން ބުންޏެވެ.

ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެއް ހަދަން ވިއްކަނީ ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި އޮންނަ ދެ ބިމަކާއި ދިރާގު ހުޅުމާލެ އޮފީސް ކުރިމަތީގައި އޮންނަ ތިން ބިމެކެވެ. އެއީ؛

• ލޮޓް 10322 - 25،660 އަކަފޫޓުގެ ބިމެއް

• ލޮޓް 11808 - 24،961 އަކަފޫޓުގެ ބިމެއް

• ލޮޓް 11809 - 24،652 އަކަފޫޓުގެ ބިމެއް

• ލޮޓް 11828 - 20،727 އަކަފޫޓުގެ ބިމެއް

• ލޮޓް 11829 - 23،229 އަކަފޫޓުގެ ބިމެއް

އިއުލާނާ އެކު އާންމުކުރި މައުލޫމާތު ކަރުދާހުގައިވާ ގޮތުގައި، މި ބިންތަކުގައި ހަދަން ޖެހެނީ 2+1 (1،000 އަކަފޫޓް) އާއި 3+1 (1،300 އަކަފޫޓް) ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ކޮންމެ އެޕާޓްމަންޓެއްގައި ސިޓިންރޫމަކާއި ބަދިގެ/ކާގެ އަކާއި ލޯންޑަރީ އަދި ބެލްކަންޏެއް ވެސް ހުންނަން ޖެހޭނެ އެވެ.

އެ ބިންތައް ގަންނަން ހުށަހަޅާ ޕްރޮޕޯސަލާ އެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ވެސް ހުށަހަޅަން ޖެހެ އެވެ.

އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އާބަންކޯ އިން މިހާރު ވެސް އަންނަނީ ހުޅުމާލޭގެ އެކި ތަންތަނުގައި ރެސިޑެންޝަލް އިމާރާތްތައް ހަދަމުންނެވެ.