Roadha Mihaaru
ވިނަރެސް ބާކީ ފްލެޓަށް ހުޅުވާލާނީ މަރުހަލާތައް ނިމުނީމާ

ވިނަރެސްގެ ބާކީ ފްލެޓުތަކަށް ހުޅުވާލާނީ އެޗްޑީސީން ހުރިހާ މަރުހަލާއެއް ނިންމީމާ: ޕްލޭނިން

08 މާޗް 2023

އެޗްޑީސީން ހުރިހާ މަރުހަލާއެއް ނިންމުމުން ވިނަރެސްގެ ބާކީ ފްލެޓުތަކަށް އިއުލާނުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެޗްޑީސީން ހުރިހާ މަރުހަލާއެއް ނިންމުމުން ވިނަރެސްގެ ބާކީ ފްލެޓުތަކަށް އިއުލާނުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ވިނަރެސް ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާނުކުރި އެވެ. ޝަކުވާތައް މުރާޖައާކުރުމަށް ފަހު ހައުސިން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ދާއިމީ ލިސްޓު އާއްމުކޮށްފަ އެވެ.

އެ ކުންފުނިން މިހާރު ކުރަމުން އަންނަނީ ފްލެޓަށް ޝަރުތު ހަމަވި މީހުންގެ މާލީ ގާބިލްކަން ބެލުމުގެ މަސައްކަތެވެ. އެ މަރުހަލާ ނިމުމުން ބުކިން ފީ ނެގުމާއި ބޭނުންވާ ފްލެޓް އިހްތިޔާރު ކުރުމުގެ ފުރުސަތަށް ހުޅުވާލާނެ އެވެ.

މާލީ ގާބިލްކަން ބަލާއިރު ޝަރުތު ހަމަނުވާ މީހުންގެ ފްލެޓުތައް ގެއްލޭނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ އެޗްޑީސީން ހުރިހާ މަރުހަލާއެއް ނިންމުމުން ބާކީ ހުރި ފްލެޓުތަކަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ވަނަ ފަހަރަށް އިއުލާނުކުރާއިރު ޝަރުތަށް ބަދަލެއް ގެނައުމުގެ ފުރުސަތު އެބައޮތެވެ.

އެޗްޑީސީން ނެރެފައިވާ އުސޫލުގައިވާ ގޮތުން ފްލެޓަށް އެދި ހުށަހެޅުމުގެ ކުރިން މާލޭގައި 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައިވާ މީހަކަށް ވެގެން ނުވާނެ އެވެ. އަދި ފްލެޓަށް އެދޭ މީހާ އަށް މަހަކަށް ޖެހޭ އާމްދަނީ 61،000ރ. އަށް ވުރެ އިތުރު ނަމަ، މި ސްކީމުގެ ދަށުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުއެކެވެ. ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް އަދި ޕާކިން އޭރިއަކާއި ފިހާރަތަކާއި ޖިމާއި ކުނި އުކުމަށް ގާބޭޖް ޝޫޓެއް ވެސް ހުންނާނެ އެވެ.

އެ ތަންތަނުގެ އަގު އުޅޭނީ 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.