Roadha Mihaaru
މަރުވި/ވަރިވި މީހުންގެ ފްލެޓްގެ މައްސަލަ ހައްލުކުރަނީ

ފްލެޓް ލިބުނު ފަހުން މަރުވި މީހުންގެ ފްލެޓް އެއްބަސްވުމުގައި ސޮއިކުރާނީ އުސޫލެއް ކަނޑައެޅުމުން

13 ޖުލައި 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ބޮޑު ބައެެއް ހިއްކައިގެން ހިންގި "ހިޔާ" މަޝްރޫއުގެ ފްލެޓް ލިބުނު ފަހުން މަރުވި މީހުންނާއި ވަރިވެފައިވާ މީހުންނަށް، އެ މީހުންގެ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދާނީ އެކަމާ ގުޅޭ އުސޫލެއް ޕްލޭނިން މިނިސްޓްރީން އެކުލަވައިލުމުން ކަމަށް އެޗްޑީސީން ރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ބޮޑު ބައެެއް ހިއްކައިގެން ހިންގި "ހިޔާ" މަޝްރޫއުގެ ފްލެޓް ލިބުނު ފަހުން މަރުވި މީހުންނާއި ވަރިވެފައިވާ މީހުންނަށް، އެ މީހުންގެ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދާނީ އެކަމާ ގުޅޭ އުސޫލެއް ޕްލޭނިން މިނިސްޓްރީން އެކުލަވައިލުމުން ކަމަށް އެޗްޑީސީން ރޭ ބުނެފި އެވެ.

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަމާ ގުޅިގެން އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ކްލަބްހައުސްގައި ބޭއްވި ސެޝަންގައި އާންމުންގެ ބައެއް މީހުން ވަނީ ފްލެޓް ލިބުނު ބައެއް މީހުން މިހާރު މަރުވެފައިވާތީ ދެން އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ.

"ފްލެޓް ލިބުނީ އަޅުގަނޑުގެ މަންމަ އަށް. ފްލެޓް ލިބުނު އިރު މަންމަ ދުނިޔޭގައި ހުރި ނަމަވެސް މިހާރު މަންމަ ނިޔާވެފައިވާތީ ދެން ކިނެއްތޯ ކުރިއަށް ދާނީ. އަޅުގަނޑުމެންނަށް އަންގާފައި އޮތީ އެޗްޑީސީން ސިޓީއެއް ލާން މަންމަ ނެތް ހާލަތެއްގައި ދެން ފްލެޓް ލިބޭނީ ކާކަށްކަން،" ސުުވަލު ކުރި މީހަކު ބުންޏެވެ.

އޭގެ ޖަވާބުގައި އެޗްޑީސީގެ އޮފިޝަލުން ވިދާޅުވީ، ސޮއިކުރަން މިހާރު ހަމަޖެހިފައިވާ ޓަވަރުތަކުން ފްލެޓް ލިބުނު ބައެއް މީހުންގެ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސައިލާނެ ކަމަށެވެ. އޭގެ ތެރޭގައި ފްލެޓް ލިބުނު ފަހުން މަރުވި މީހުން ވެސް ހިމެނެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ފްލެޓް ލިބުނު ފަހުން މަރުވި މީހުންގެ ފްލެޓާ މެދު އަމަލުކުރާނީ ޕްލޭނިން މިނިސްޓްރީން ވަކި އުސޫލެއް އާންމުކުރުމުން އެ އުސޫލާ އެއްގޮތަށެވެ.

ފްލެޓް ލިބުނު ފަހުން ވަރިވި މީހުނަށް ވެސް ކުރިމަތިވެފައިވަނީ ހަމަ އެފަދަ ގޮތެކެވެ.

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް ޕޯޓަލް އަށް ފޯމު ހުށަހަޅާއިރު، އޭނާ ހުށަހަޅަން ޖެހޭނީ ކޮން ފޯމެއްތޯ ސާފުކުރުމަށް ރޭ މީހަކު ސުވާލުކުރި އެވެ. އެއީ މިހާރު ވަރިވެފައިވާތީ ދެމަފިރިންގެ ފޯމު ހުށަހެޅެން ނެތުމުންނެވެ.

އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ ފޯމު ފުރިހަމަވާނީ ހުރިހާ މައުލޫމާތެއް ފުރައި ހުށަހެޅުމުން ކަމަށާއި އެގޮތަށް ފޯމު ފުރިހަމަ ނުކޮށް ހުށަހެޅި ނަމަވެސް ފޯމު ބާތިލުވާނެ ކަމަށެވެ. އެހެންވެ، ވަރިވެފައިވާ މީހުންނާއި މަރުވެފައިވާ މީހުނާ މެދު އަމަލުކުރާނެ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވާނީ މިނިސްޓްރީގެ ލަފަޔަކަށް އެދިފައި އެކަމުގައި. ލަފާ ލިބުމާއެކު ކުރިއަށް ގެންދާނެ ގޮތް އާންމުކޮށް ތާވަލު ކުރާނެ، އެ މީހުންގެ ސޮއިކުރުމުގެ ކަންތައް އޮތްގޮތް،" އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހިޔާ ފްލެޓު ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން ފަށާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ފްލެޓް ލިބުނު ފަހުން މަރުވި މީހުންނާއި ވަރިވެފައިވާ މީހުނާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ކަނޑައެޅޭނީ ކިހާ ދުވަހެއްގެ ތެރޭގައި ކަމެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.