Roadha Mihaaru
ހިޔާގެ ބިރުވެރިކަން ގުޅިފައި އޮތީ ސިނގިރޭޓް ފިލްޓަރާ!

ހިޔާ ފްލެޓްތަކުގެގެ ބިރުވެރިކަން ގުޅިފައި އޮތީ ސިނގިރޭޓް ފިލްޓަރުތަކާ!

17 އޮކްޓޯބަރ 2021

"އެޗް1 ޓަވަރުގެ ހުޅަނގު ފަރާތު އެޕާޓްމަންޓަކުން ނިއްވާނުލާ ވައްޓާލި ސިނގިރޭޓް ފިލްޓަރު އަޅުގަނޑުގެ ފްލެޓްގެ ބެލްކަންޏަށް ވެއްޓި އެ ވަގުތު ބެލްކަނީގައި ހުރި އަޅުގަނޑުގެ ދަރިފުޅުގެ ފައި ފިހިއްޖެ،" ފްލެޓް ލިބުނު މީހުންގެ މެދުގައި ހަދާފައިވާ "ހިޔާ ޔޫނިއަން" ގްރޫޕަށް މީހަކު ފޮނުވި މެސެޖެއްގައިވެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

"އެޗް1 ޓަވަރުގެ ހުޅަނގު ފަރާތު އެޕާޓްމަންޓަކުން ނިއްވާނުލާ ވައްޓާލި ސިނގިރޭޓް ފިލްޓަރު އަޅުގަނޑުގެ ފްލެޓްގެ ބެލްކަންޏަށް ވެއްޓި އެ ވަގުތު ބެލްކަނީގައި ހުރި އަޅުގަނޑުގެ ދަރިފުޅުގެ ފައި ފިހިއްޖެ،" ފްލެޓް ލިބުނު މީހުންގެ މެދުގައި ހަދާފައިވާ "ހިޔާ ޔޫނިއަން" ގްރޫޕަށް މީހަކު ފޮނުވި މެސެޖެއްގައިވެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެއް ފުންޏަކަށް އިމާރާތްކޮށްފައިވާ ޓަވަރުތަކަށް މިހާރު އޮތް އެންމެ ބޮޑު ބިރަކަށް ވެފައި ވަނީ ސިނގިރޭޓް ފިލްޓަރުގެ ނުރައްކަލެވެ. ފްލެޓްތަކުގައި އަދި 300 އެއްހާ އާއިލާ ވެސް ދިރިއުޅޭކަށް ނުފަށަ އެވެ. އެކަމަކު އޭގެ މާކުރިން މިހާ އަވަހަށް މި މައްސަލަ ކުރިމަތިވެ، ފްލެޓް ލިބުނު މީހުން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

ވައިބާ ގްރޫޕަށް ފޮނުވި އެ މެސެޖާ އެކު އެއީ އެތައް ބައެއްގެ ކަންބޮޑުވުމެއްކަން ވެސް އެނގުނެވެ. އެކަން ދޭތެރެއަކުން އެކި އާއިލާތަކަށް ކުރިމަތިވަމުންދެ އެވެ. އެކަމަކު ތަނަކަށް، އަދި މީހަކަށް ވެސް މިހާތަނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާތީ އެ ވާހަކަ ނުދައްކާ ތިބެނީ އެވެ.

"ހިޔާ"ގެ 25 ބުރީގެ 16 ޓަވަރުގައި 6،720 ފްލެޓް ހުރިިއިރު މިއިން ކޮންމެ ފްލެޓެއްގައި ވެސް ބެލްކަނި އެބަ ހުއްޓެވެ. ފިލްޓަރުގެ ބިރުވެރިކަން ހިޔާ ސަރަހައްދަށް ކުރިމަތިވެފައި ވަނީ އެތަނުގައި އުޅޭ މީހުން ބެލްކަނީގައި ތިބެ، ސިނގިރޭޓް ބުއިމަށް ފަހު އެއްލައިލާ ފިލްޓަރު އެގޮތް މިގޮތަށް "ހޫރެމުން" ގޮސް ބައެއް ފަހަރު ކޮންމެވެސް ޓަވަރެއްގެ ބެލްކަންޏަކަށް ވެއްޓޭތީ އެވެ.

ފްލެޓްތަކުގެ ބެލްކަނިތަކުގައި ވެސް ބައެއް ފަހަރު އެތައް ސާމާނެއް ހުރެ އެވެ. އަލިފާން ހިފާ ޒާތުގެ މުދަލެއް އެތަނުގައި ހުރެއްޖެ ނަމަ، މުޅި ފްލެޓަށް އެކަމުގެ ނުރައްކާ ބޮޑުވާނެ ކަމާ މެދު ޝައްކެއް ނެތެވެ.

ކުރިން ހިޔާ ފްލެޓްތައް ސަރަހައްދުގައި ހުރި ކުނި ފުނިތަކުގައި އަލިފާނުގެ ހާދިސާތަކެއް ހިނގި އެވެ. ގާތްގަނޑަކަށް ފަސްފަހަރު ކުނިތަކުގައި ރޯވެ، އެތަން ނިއްވުމުގައި މީހުން އުޅެން ޖެހުނެވެ. އެ ފަސް ފަހަރު ވެސް އަލިފާން ހިފީ ސީދާ ސިނގިރޭޓް ފިލްޓަރުގެ ސަބަބުން ކަމެއް އެޗްޑީސީއަކަށް ވެސް ނޭނގެ އެވެ. އެކަމަކު ހިކިފައި ހުރި ކުނިތަކެއްގެ ތެރެއަށް މިގޮތަށް ނުނިއްވާ ފިލްޓަރު އުކާނަމަ، އެއީ މުޅި ސަރަހައްދަށް ވެސް އޮތް ނުރައްކަލެކެވެ.

"އެޗްޑީސީއަކަށް ވެސް ސީދާ އެނގިފައެއް ނެތް އަލިފާން ރޯވީ ކޮން ސަބަބަކާ ހުރެ ކަމެއް. މީހުން ކުނީގައި ރޯކުރީ ކަމެއް. ނޫނީ ސިނގިރޭޓް ބަޓު ވެއްޓިގެން ރޯވީ ކަމެއް،" އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހިޔާ ފްލެޓްގައި މަސައްކަތް ކުރަމުން އަންނަ މީހަކު ކިޔައިދިން ގޮތުގައި އެތަނުގައި އެންމެ ފުރަތަމަ މަސައްކަތް ފެށިތާ ކައިރީގައި ވެސް މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގި އެވެ. އޭނާ ބުނި ގޮތުގައި ރޭގަނޑު ވަގުތު މަސައްކަތުގައި ތިއްބާ ބެލްކަންޏަށް ސިނގިރޭޓް ފިލްޓަރެއް ވެއްޓި، އަލިފާން ހިފީ ބެލްކަނީގައި އޮތް ފޮތިގަނޑެއްގަ އެވެ.

އެ ދުވަހު ސަލާމަތްވީ ސިނގިރޭޓް ފިލްޓަރު ވެއްޓުނު ވަގުތު ވެސް އެ ފްލެޓްގައި މީހުން ތިބުމުންނެވެ. އެކަން ރިޕޯޓްކުރުމުން އެ ދުވަހު އެތަނަށް އެޗްޑީސީގެ އޮފިޝަލުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

"ނަސީބެއް އެތަނުގައި މީހުން ތިއްބާ އެކަން ހިނގިކަން. އަވަހަށް އަހަރެމެން ގޮސް ފޮތިގަނޑު ނިއްވާލީ. އެހެން ނޫން ނަމަ ބޮޑު ހާދިސާއެއް ވެސް މެދުވެރިވުން ގާތް،" އޭނާ ބުންޏެވެ.

ހިޔާ ފްލެޓް ސަރަހައްދަށް އަޅާފައި ހުރި ކުނިތަކެއްގައި ރޯވެފައިވާ އަލިފާން ނިއްވާލަން ފެން ޖަހަނީ--

ހިޔާ ފްލެޓް ސަރަހައްދަށް އަޅާފައި ހުރި ކުނިތަކެއްގައި ރޯވެފައިވާ އަލިފާން ނިއްވާލަން ފެން ޖަހަނީ--

އޭގެ އެތައް ދުވަހެއް ފަހުން މިދިޔަ ހަފްތާގައި ވެސް އަނެއްކާ އެފަދަ ނުރައްކާތެރި ހާދިސާއެއް ތަކުރާރުވެގެން ދިޔައިރު އެކަމުގެ ކަންބޮޑުވުން އެ ސަރަހައްދުގައި އުޅޭ މީހުންގެ އިންތިހާއަށް އެބަ ހުއްޓެވެ. ކޮންމެ ފަހަރަކު ސިނގިރޭޓް ބޯން ތިރިއަށް އެންމެނެއް ނުފައިބާނެ އެވެ. އެހެންވީމަ، ތިރިއަށް ފިލްޓަރު އުކުން ގިނަވާނެ ކަމަށް ބެލެވެ އެވެ.

"ސިނގިރޭޓް ބޮއިފައި ހަމަ ވައްޓާލާއިރަށް ހުރި ސީދަލަށް ތިރިއަކަށް ނޫން މި ވެއްޓެނީ. އެހާ އުސްވީމަ ވައި ހުންނަ ގޮތަކުން އެނބުރެމުން ގޮސް ހަމަ ކޮންމެވެސް ފްލެޓެއްގެ ބެލްކަންޏަކަށް ގިނަ ފަހަރަށް ވެއްޓުމުގެ ފުރުސަތު އޮންނަނީ."

އެކަމަކު ފްލެޓްގައި އުޅޭ މީހުންގެ އާދޭހަކީ ބެލްކަނީގައި ސިނގިރޭޓް ބޯނަމަ، އަޅިކެނޑިއެއް ބަހައްޓައިގެން އެކަން ކުރުމެވެ. ވަރަށް ކުޑަ ކަމަކަށް ހަދައިގެން ސިނގިރޭޓް ފިލްޓަރު އެއްލާލަނިކޮށް ބޮޑު ހާދިސާއެއް ހިނގާކަށް އެކަކު ވެސް ނޭދޭނެ އެވެ.

ފްލެޓަށް އެންމެން ބަދަލުވުމާ އެކު އެތަނުގެ އާބާދީ 30،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެ އެވެ. މިހާ ބޮޑު އާބާދީއެއް އެތަނަށް ދިއުމަށް ތައްޔާރުވަމުން އަންނައިރު އެއް ފުންޏަކަށް ހުރި ޓަވަރުތަކުން އެއް ޓަވަރުގައި ރޯވިޔަސް، އޭގެ ނުރައްކާތެރިކަން މުޅި ސަރަހައްދަށް އޮންނާނެ އެވެ.

އެޗްޑީސީން ވެސް އެދެނީ އެ ސަރަހައްދުގައި އުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ސިނގިރޭޓް ފިލްޓަރުތައް ނޫކުމަށެވެ. ބޮޑު ހާދިސާއަކުން އިޔާދަކުރަން އުނދަގޫ ގެއްލުމަކަށް ވެދާނެތީ އެވެ. މި ބިރުވެރިކަން ފިލައިގެންދާން އޮތީ އެންމެންގެ އެއްބާރުލުމާއި އެހީ ލިބިގެންނެވެ.