Roadha Mihaaru
ވިނަރެސްގެ ފްލެޓްތައް ތިން މަސް ލަސްވެއްޖެ

ވިނަރެސްގެ ފްލެޓްތައް ނިންމުން ތިން މަސް ލަސްވެއްޖެ

07 އޮކްޓޯބަރ 2021

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ "ވިނަރެސް" ފްލެޓްތަކުގެ މަސައްކަތް، ކޮވިޑާ ގުޅިގެން ކުރިމަތިވި ދަތިތަކާ ގުޅިގެން ނިމޭނީ އަންނަ އަހަރުގެ ޖުލައި ހިސާބުގައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ "ވިނަރެސް" ފްލެޓްތަކުގެ މަސައްކަތް، ކޮވިޑާ ގުޅިގެން ކުރިމަތިވި ދަތިތަކާ ގުޅިގެން ނިމޭނީ އަންނަ އަހަރުގެ ޖުލައި ހިސާބުގައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި އެ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ އަންނަ އަހަރުގެ މޭ މަހު ކަމަށް ކުރިން އޮތީ ބުނެފަ އެވެ. އެކަމަކު، ކޮވިޑާ ގުޅިގެން އެކި ގޮތްގޮތުން ކުރިމަތިވި ދަތިތަކާ ހެދި އެ މަސައްކަތް އިތުރަށް ލަސްވީ ކަމަށް އެޗްޑީސީން ބުންޏެވެ.

"މެޓީރިއަލްސް ގެނައުމަށް ހުރި ދަތިތަކާއި އެ ކަހަލަ ސައިޓެއްގައި ކޮވިޑްގެ ކޭސްއެެއް ފެނުނަސް މުޅި ސައިޓް އެކީ ބަންދުކުރަން ޖެހޭ. [އެ ހާލަތުގައި] 45 ވަރަކަށް ދުވަސް އެބަ ނަގާ ބަންދުގައި. މީގެ ތިން މަހެއް ކުރިން އެކަހަލަ ކޭހެއް ދިޔަ އެ ތަނުގައި ވެސް،" ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޮމްޕެނީން ކުރަމުން އަންނަ އެ މަސައްކަތް ލަސްވި ސަބަބާ ގުޅޭ ގޮތުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ވަރަށް ގިނަ މީހުން ތިބޭ ތަނެއް ވީމާ އެ ކަހަލަ ޑިލޭތައް ވެސް އެބަ އުޅޭ."

ޔާމީންގެ ވެރިކަމުގައި ހިއްކާފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 13 ބުރީގެ 10 ޓަވަރުގައި ހުންނާނީ 1،344 ފްލެޓެވެ. މިއީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މީޑިއާ އަށް މައުލޫމާތު ދިނުމަށް އެޗްޑީސީން އިއްޔެ ބޭއްވި ސެޝަނެއްގައި އެ ކުންފުނިން ބުނީ ހިޔާ ފްލެޓު ދޫކޮށްލައި "ވިނަރެސް" އަށް ބަދަލުވުމަށް 200 އެއްހާ މީހުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް މިހާތަނަށް އެކަމަށް އެދި ފޯމު ހުށަހަޅާފައި ވަނީ 75 މީހަކު ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު އިމާރާތް ކުރަމުން އަންނަ "ވިނަރެސް" ފްލެޓްތައް.---ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު އިމާރާތް ކުރަމުން އަންނަ "ވިނަރެސް" ފްލެޓްތައް.---ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އެ ފޯމުތައް އިވެލުއޭޓް ކުރުމަށް ފަހު ފްލެޓް ލިބޭ ނަމަ، އެ މީހުންނަށް މެސެޖެއް ކުރާނެ އެވެ. "ވިނަރެސް" ފްލެޓް ނުލިބޭ މީހުން އަނބުރާ ދާން ޖެހޭނީ އެ މީހުންނަށް ލިބުނު ހިޔާ ފްލެޓަށެވެ.

އާންމުންނަށް "ވިނަރެސް" ފްލެޓް ގަތުމަށް ހުޅުވައިލުމުގެ ކުރިން ގުޅިފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ 214 މީހުންނަށް މި ފްލެޓަށް ބަދަލުވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އަދި އެ މީހުންގެ ތެރެއިން "ވިނަރެސް" ފްލެޓް ގަންނަން ބޭނުންވާ މީހުން ތިބިތޯ ބެލުމަށް ފަހު އާންމުންނަށް އެތަނުން ފްލެޓް ގަތުމަށް ހުޅުވައިލާނެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަނީ "ވިނަރެސް" ފްލެޓް ގަތުމުގެ ފުރުސަތު އާންމުންނަށް ވެސް މި މަހު ހުޅުވައިލުމަށެވެ.

އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓެއްގައި އެޗްޑީސީގެ އޮފިޝަލުން އިއްޔެ "މިހާރު" އަށް ދައްކާލަނީ.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓެއްގައި އެޗްޑީސީގެ އޮފިޝަލުން އިއްޔެ "މިހާރު" އަށް ދައްކާލަނީ.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ތިން ކޮޓަރީގެ "ވިނަރެސް"ގެ އެޕާޓްމަންޓެއް ބޮޑުމިނަކީ 902-883 އަކަފޫޓެވެ.

މި ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިމޭއިރު، ލިވިން ރޫމާއި ކޮޓަރިތަކުގައި ހުންނާނީ ތަށިމުށި ޖަހައިފަ އެވެ. ފާހާނާގެ ތަޅުމާއި ފާރުގައި ވެސް ތަށިމުށި ޖަހައި ފާހާނާގައި ފިކްސްޗާސްތައް ވެސް ހަރުކުރާނެ އެވެ. ބަދިގެ ކަބަޑު ސެޓު ވެސް ފާރުގައި ހަރުކޮށްފައި ހުންނާނެ އެވެ. ބެލްކަނި ހުންނާނީ ދޮންނަ މެޝިން ބެހެއްޓޭ ގޮތަށެވެ. ލިވިން ރޫމާއި ކޮޓަރިތަަކުގައި ވެސް އޭސީ ހަރުކޮށްފައި ހުންނާނެ އެވެ. އެކަމަކު އެޕާޓްމަންޓްތައް ހަވާލުކުރާއިރު އެތަނުގައި ފަރުނީޗަރެއް ނުހުންނާނެ އެވެ.

އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓެއްގެ އެތެރެ.---ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓެއްގެ އެތެރެ.---ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އެ މަޝްރޫއުގެ ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން، ސީސީޓީވީ، އަދި ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް ހުންނާނެ އެވެ. އެތަނުގެ ގްރައުންޑާއި ފަސްޓް ފްލޯ ހާއްސަ ކޮށްފައި ވަނީ ކޮމާޝަލް ބޭނުންތަކަށެވެ. އެ ތަންތަނުގައި އޮފީސް ޖާގަ އާއި ސުޕަމާޓް އަދި ކޮންވީނިއެންޓް ސްޓޯރާއި ކެފޭ ރެސްޓޯރަންޓާއި ޖިމް ހުންނާނެ އެވެ.

މި ފްލެޓްތައް ވިއްކާނީ ތިން މޮޑެލްއެއްގެ ދަށުންނެވެ. ލީސް ޓު އޯން މޮޑެލްގެ ދަށުން، އެޕާޓްމަންޓް އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކުމަށް ފަހު، 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ. އަދި ޑައުންޕޭމަންޓަށް 20 ޕަސެންޓް ދައްކައިފި ނަމަ 25 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ.

އޯން އިކުއިޓީ ފައިނޭންސިން މޮޑެލްގެ ދަށުން، ޕްރޮޖެކްޓްގެ އަގު އެއްފަހަރާ ވެސް ދެއްކޭނެ އެވެ. އަދި ބަހާލައިގެން ޕޭމަންޓް ޝެޑިއުލްގެ ދަށުން ވެސް ފައިސާ ދެއްކޭނެ އެވެ. އެންޑް ޔޫސާ ފައިނޭންސިން މޮޑެލްގެ ދަށުން ބޭންކެއް ނުވަތަ އެހެން ފައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ލޯނެއްގެ ދަށުން އެޕާޓްމަންޓް ގަނެވޭނެ އެވެ.

އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓްގެ ކޮޓަރިއެއް.---ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓްގެ ކޮޓަރިއެއް.---ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އެޗްޑީސީން ބުނީ އޯން އިކުއިޓީ ނުވަތަ އެންޑް ޔޫޒާ މޮޑެލް ބޭނުންކުރާ ނަމަ 10 ޕަސެންޓްގެ ޑިސްކައުންޓެއް ވެސް ލިބޭނެ ކަމަށެވެ.

މި އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. އެކަމަކު އިންސްޓޯލްމަންޓް އުސޫލުން 20 އަހަރުން ނުވަތަ 25 އަހަރުން ފައިސާ ދައްކާ ނަމަ އެޕާޓްމަންޓްގެ އަގު ގާތްގަނޑަކަށް ދެގުނަ ވެ އެވެ.