Roadha Mihaaru
900އަށް ވުރެ ގިނަ މީހުން ފްލެޓް ބަދަލުކުރަން އެދުނު

"ހިޔާ ޔޫނިއަން" މެދުވެރިކޮށް އެކަނިވެސް 900 އަށް ވުރެ ގިނަ މީހުން ފްލެޓް ބަދަލުކުރަން އެދުނު

21 ޖުލައި 2021

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުންގެ ތެރެއިން، "ހިޔާ ޔޫނިއަން" މެދުވެރިކޮށް އެކަނިވެސް 900 އަށް ވުރެ ގިނަ މީހުން ފްލެޓް ބަދަލުކުރަން އެދިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުންގެ ތެރެއިން، "ހިޔާ ޔޫނިއަން" މެދުވެރިކޮށް އެކަނިވެސް 900 އަށް ވުރެ ގިނަ މީހުން ފްލެޓް ބަދަލުކުރަން އެދިއްޖެ އެވެ.

ޓަވަރެއްގެ ތިރީ ބުރިން ފްލެޓް ލިބުނު މީހަކު މަތީ ބުރިއަށް ބަދަލުވާން ބޭނުން ނަމަ، ނުވަތަ މަތީ ބުރިން ފްލެޓް ލިބުނު މީހަކު ތިރީގެ ފްލެޓަކަށް ބަދަލުވާން ބޭނުން ނަމަ ދެ ފަރާތް ގުޅިގެން އެކަން ކުރެވޭ ގޮތަށް ހުޅުވައިލުމުން "ހިޔާ ޔޫނިއަން" ގެ ފްލެޓް އެކްސްޗޭންޖް ޕްލެޓްފޯމުގެ ހިދުމަތް 900 އަށް ވުރެ ގިނަ މީހުން ހޯދާފައިވާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

ފްލެޓް ލިބުނު މީހުން ހިމެނޭ ވައިބާ ގްރޫޕެއް ވެސް އެ ޔޫނިއަނުން ހިންގަމުން އަންނައިރު ފްލެޓް ބަދަލުކުރުމަށް އެތައް ބަޔަކު ވަނީ އެ ގުރޫޕުގައި އެދިފަ އެވެ. ފްލެޓް ލިބުނު ފްލޯ އާއި އިތުރު މައުލޫމާތު ހިމެނުމުން އެ ތަން ބޭނުންވާ އިތުރު މީހަކު ހުރި ނަމަ އެކަން ދިޔައީ އެ ގުރޫޕުގައި އަންގަމުންނެވެ.

ޔޫނިއަން މެދުވެރިކޮށް އެކަނިވެސް 900 އަށް ވުރެ ގިނަ މީހުން ފްލެޓް ބަދަލުކުރަން އެދުނުއިރު، މިގޮތަށް ފްލެޓް ބަދަލުކުރުމަށް ސީދާ އެޗްޑީސީ އަށް ހުށަހެޅި މީހުންގެ އަދަދު އަދި ސާފެއް ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި 6،720 ފްލެޓް ލިބުނު މީހުންނަށް އެ ތަންތަން ދައްކައިލުމަށް ފަހު، މިހާރު ކުރިއަށް ގެންދަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަމެވެ. އެކަމަކު މި އީދު ބަންދަށް ސޮއިކުރުން މި ވަގުތަށް މެދުކަނޑާލާފައި އޮތް ނަމަވެސް ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުން އަންނަ އާދިއްތަ ދުވަހު އަނެއްކާވެސް ފަށާނެ އެވެ.

ފިނިޝިންގެ މަސައްކަތް ނުނިންމައި ފުރަތަމަ ފަހަރަށް ދޫކުރާ މި ސޯޝަލް ހައުސިން ޔުނިޓްތަކުގެ ސާވިސް ފީއާ އެކު މަހު ކުލީގެ ގޮތުގައި 8،500ރ. އެޗްޑީސީ އަށް ނަގާނެ އެވެ. އެކަމަކު އެ ކުލި ކުޑަކުރުމަށާއި ފިނިޝިން ނިންމުމަށްދޭ ތިން މަސް ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް ފްލެޓް ލިބުނު މީހުންދަނީ އާދޭސް ކުރަމުންނެވެ.