Roadha Mihaaru
ވިނަރެސް ފްލެޓް ވިއްކުން ލަސްވަނީ ހިޔާ ފްލެޓާ ހެދި

ވިނަރެސް ފްލެޓް ވިއްކަން ހުޅުވައިލާނީ ހިޔާ ފްލެޓް ދޫކޮށްލާ މީހުން އެނގުމުން: އެޗްޑީސީ

07 ޖުލައި 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "ވިނަރެސް" ފްލެޓްތައް ވިއްކުން މި މަހުގެ ތެރޭގައި ހުޅުވައި ނުލެވޭނެ ކަމަަށާއި އެ ފުރުސަތު ހުޅުވައިލާނީ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ދޫކޮށްލާ މީހުންގެ އަދަދު އެނގުމުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "ވިނަރެސް" ފްލެޓްތައް ވިއްކުން މި މަހުގެ ތެރޭގައި ހުޅުވައި ނުލެވޭނެ ކަމަަށާއި އެ ފުރުސަތު ހުޅުވައިލާނީ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ދޫކޮށްލާ މީހުންގެ އަދަދު އެނގުމުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ވިނަރެސް ފްލެޓް ވިއްކުމަށް މި މަހު ހުޅުވައިލާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން ވިދާޅުވި ނަމަވެސް އެކަން އެގޮތަށް މިހާރު ކުރެވެން ނެތީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުން ބޭނުން ނަމަ، ސަރުކާރުގެ އެހެން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ދޭން ނިންމާފައިވާތީ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުން އެންމެ އަވަހަށް މަސައްކަތް ނިމެން އޮތީ ވިނަރެސް ފްލެޓްތަކުގެ އެވެ. އެހެންވެ، ސަރުކާރުން ނިންމީ ހިޔާ ފްލެޓް ދޫކޮށްލާ މީހުންނަށް ވިނަރެސް ފްލެޓު ގަތުމުގެ ފުރުސަތު ދޭށެވެ. އެގޮތަށް ބޭނުންވާ މީހުންނަށް މި މަހުގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ދީފަ އެވެ. އެ ފުރުސަތު ކޮންމެ ކެޓަގަރީއަކުން ފްލެޓް ލިބުނު މީހަކަށް ވެސް އޮންނާނެ އެވެ. މިހާތަނަށް "ވިނަރެސް" އަށް ބަދަލުކުރުމަށް އެދި ނަން ނޯޓުކުރީ 50 އެއްހާ މީހުންނެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު، "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ވިނަރެސް ފްލެޓް ވިއްކުމަށް ހުޅުވައިލާނެ ވަކި ތާރީހެއް އަދި ނޭނގެ އެވެ. އެކަމަކު ވިނަރެސް ފްލެޓަށް ބަދަލުވާ މީހުންގެ އަދަދު އެނގުނުހާ އަވަހަކަށް އާންމުންނަށް ފްލެޓް ވިއްކަން ހުޅުވާލާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ވިނަރެސް ފްލެޓްތަކުގެ ގާތްގަނޑަކަށް 45 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެތަނުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ އަންނަ އަހަރުގެ މެއި މަހު ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެއީ 13 ބުރީގެ 10 ޓަވަރުގައި ހުންނަ ތިން ކޮޓަރީގެ 1344 އެޕާޓްމެންޓެވެ. އޭގެ ތެރެއިން އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނާނެ އެވެ. ސްޓޭންޑާޑް ވިއު އެޕާޓްމެންޓްތަކުގެ ބޮޑުމިނުގައި ހުންނާނީ 883 އަކަފޫޓެވެ. މި ހުރިހާ ތަނަކީ ވެސް ތިން ކޮޓަރި ހިމެނޭ ގޮތަށް ތިން ފާހާނާ އާއި ބެލްކަންޏެއް ހުންނާނެ އެޕާޓްމެންޓްތަކެކެވެ.

ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމުމަށް ފަހު، އެ ތަންތަން ވިއްކަން ހުޅުވައިލާއިރު އެ ފްލެޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ވިނަރެސް ފްލެޓް ވިއްކުމަށް ހުޅުވައިލުމުގެ ކުރިން ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް އެ މީހުން ބޭނުން ތަނަކުން އެޕާޓްމަންޓް ނެގުމުގެ ފުރުސަތު ލިބޭނެ އެވެ. ހިޔާ ފްލެޓަށް ވުރެ ޖާގައިގެ ގޮތުން ތަނަވަސް މި ފްލެޓްތަކުގެ މަހު ކުއްޔަށް ގާތްގަނޑަކަށް 20،000ރ. ދައްކަން ޖެހޭނެ އެވެ.