Roadha Mihaaru
ދޫކޮށްލާ ފްލެޓްތައް ދޫކުރާނީ ލިސްޓު ތަރުތީބުން

"ވިނަރެސް" އަށް ބަދަލުވުމަށް ދޫކޮށްލާ ހިޔާ ފްލެޓްތައް ލިސްޓު ތަރުތީބުން އެހެން މީހުންނަށް ލިބޭނެ

14 ސެޕްޓެމްބަރ 2021

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ބައެއް މީހުންގެ ތެރެއިން "ވިނަރެސް" ފްލެޓްތައް ބަދަލުވުމަށް ނަން ނޯޓުކުރިއިރު އެ މީހުންނަށް ހިޔާ އިން ލިބުނު ފްލެޓް ދޫކޮށްލައިފި ނަމަ ހިޔާ އިން ހުސްވާ ފްލެޓްތައް ދޭނީ ފްލެޓު ލިބުނު މީހުންގެ ލިސްޓުގައިވާ ތަރުތީބުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ބައެއް މީހުންގެ ތެރެއިން "ވިނަރެސް" ފްލެޓްތައް ބަދަލުވުމަށް ނަން ނޯޓުކުރިއިރު އެ މީހުންނަށް ހިޔާ އިން ލިބުނު ފްލެޓް ދޫކޮށްލައިފި ނަމަ ހިޔާ އިން ހުސްވާ ފްލެޓްތައް ދޭނީ ފްލެޓު ލިބުނު މީހުންގެ ލިސްޓުގައިވާ ތަރުތީބުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެއް އޭރު ވެސް އާންމުކުރި އެވެ. އެކަމަކު އެ ސަރުކާރު ބަދަލުވެ ފްލެޓް ލިބުނީ އެންމެ ހައްގުވެރިންނަށްތޯ ބެލުމަށް މި ސަރުކާރުން އުފެއްދި ކޮމިޓީން މީހުންގެ ހާލަތު އަލުން ބެލުމަށް ފަހު ފްލެޓް ލިބުނު މީހުންގެ ދާއިމީ އެހެން ލިސްޓެއް މިހާރު އޮތީ އާންމުކޮށްފަ އެވެ.

އެ ލިސްޓުގައި ހިމެނޭ 6،720 މީހުންނާ އެކު މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ފެށުމުގެ ކުރިން ޕްލޭނިން މިނިސްޓްރީން ވަނީ ފަންނީ ކެޓަގަރީން ފްލެޓް ލިބުނު މީހުންނަށް ސަރުކާރުގެ އެހެން މަޝްރޫއަކުން ފްލެޓް ދޭން ނިންމައިފަ އެވެ. އެގޮތަށް ހުޅުވައިލި ފުރުސަތުގައި ފަންނީ ކެޓަގަރީ ފިޔަވައި އެހެން ކެޓަގަރީތަކުން ފްލެޓް ލިބުނު މީހުން ވެސް އެހެން މަޝްރޫއުއަކަށް ބަދަލުވާން ބޭނުންވެގެން އެދެމުން ދިޔަ އެވެ. އެހެންވެ މިނިސްޓްރީން ވަނީ ފްލެޓް ލިބުނު އެންމެންނަށް ވެސް "ވިނަރެސް" މަޝްރޫއަށް ބަދަލުވާން ފުރުސަތު ދީފަ އެވެ.

އެކަމަށް އެދި ނަން ނޯޓުކުރަން ދިން މުއްދަތުގައި 350 އެއްހާ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެ މީހުން ފްލެޓް ދޫކޮށްލުމުން އެ ދޫކޮށްލާ ފްލެޓްތަކާ މެދު އަމަލުކުރާނީ ކޮން އުސޫލަކުންތޯ "މިހާރު" އިން ސުވާލުކުރުމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ އިން އެއްވެސް ފްލެޓެއް ހުސްވެއްޖެ ނަމަ، އެ ފްލެޓެއް ލިބޭނީ އެ ހުސްވާ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުގައިވާ ތަރުތީބުން ކަމަށެވެ.

"އަދި އެއްވެސް ފްލެޓެއް ހުސްވާ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެކަމަކު ހުސްވެއްޖެއްޔާ އެ ލިސްޓުގައިވާ ތަރުތީބުން ފްލެޓް ލިބޭނެ،" އަކްރަމް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގާ "ވިނަރެސް" ޕްރޮޖެކްޓްގައި އިމާރާތް ކުރަނީ 13 ބުރީގެ 10 ޓަވަރެވެ. ހިޔާ ފްލެޓްތަކާ މާދުރު ނޫން ހިސާބެއްގައި އެ ފްލެޓްތައް އަޅަމުން އަންނައިރު އެ ތަންތަނުގައި 1،344 ފްލެޓު ހުންނާނެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ވިނަރެސް ފްލެޓް ވިއްކުމަށް ހުޅުވައިލާނީ ހިޔާ ފްލެޓް ދޫކޮށްލާ މީހުންގެ ސީދާ އަދަދު އެނގުމުންނެވެ. ވިނަރެސް އިން ފްލެޓް ވިއްކުމަށް އިސްކަންދޭނީ ހިޔާ އިން ފްލެޓް ދޫކޮށްލާ މީހުންނަށެވެ. ކުރިން އަކްރަމް ވިދާޅުވީ، ވިއްކުމަށް ހުޅުވާލުމުގެ ކުރިން ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް އެ މީހުން ބޭނުން ތަނަކުން ބޭނުން އެޕާޓްމަންޓެއް ނެގުމުގެ ފުރުސަތު ވެސް ދޭނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފިނިޝިން ނުނިންމައި އެ ތަންތަން ހަވާލުކުރި ނަމަވެސް "ވިނަރެސް" މަޝްރޫއުގެ ދަށުން ފްލެޓް ދޭނީ އެއްކޮށް މަސައްކަތް ނިންމުމަށް ފަހު އެވެ. އެ ތަންތަން އަންނަ މޭ މަހުގެ ތެރޭގައި ނިމޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.