Roadha Mihaaru
ހިޔާ ފްލެޓްތަކުގެ ހަތަރު ކެޓަގަރީއެއްގެ ލިސްޓު ނެރެފި

ހިޔާ ފްލެޓްތަކުގެ ހަތަރު ކެޓަގަރީއެއްގެ ވަގުތީ ލިސްޓް ނެރެފި

24 އޯގަސްޓް 2020

ހިޔާ މަޝްރޫއުގައި ހުޅުވާލި 12 ކެޓަގަރީގެ ތެރެއިން ހަތަރު ކެޓަގަރީއަކުން ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށް ޝަކުވާ އަށް ފުރުސަތު ހުޅުވާލައިފި އެވެ.

ހިޔާ މަޝްރޫއުގައި ހުޅުވާލި 12 ކެޓަގަރީގެ ތެރެއިން ހަތަރު ކެޓަގަރީއަކުން ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށް ޝަކުވާ އަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެ ލިސްޓުތައް އާއްމުކުރީ ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގައި ފްލެޓްތައް ދިނީ ބޭއިންސާފުން ކަމަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އަލުން އިވެލުއޭޓްކުރުމަށް ފަހު އެވެ. ލިސްޓު އިއުލާންކުރީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީގެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް މިހާރު ވަނީ ގެޒެޓް ވެސް ކޮށްފަ އެވެ. (https://www.gazette.gov.mv/iulaan/view/132700)

ވަގުތީ ލިސްޓް އާއްމުކުރި ކެޓަގަރީތައް:

- ޑޮކްޓަރުންނާއި ނަރުހުން (އެޗް4)

- ޓީޗަރުން (އެޗް5)

- މާލޭގެ ރަށްވެހިން (އެޗް8)

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (އެޗް10)

ކުރީގެ ސަރުކާރުގައި، ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް ކުރިމަތިލާން ހުޅުވާލިއިރު ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް ހާއްސަކޮށްފައިވެ އެވެ. އެކަމަކު ލިސްޓު ނެރުނުއިރު އެ ކެޓަގަރީ އަށް އޮތީ 233 ފްލެޓެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީގެ 400 އަށް ވުރެން ގިނަ ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ވެސް 50 ޕަސެންޓް މާކްސް ނުލިބޭ ކަމަށެވެ. އޭގެތެރެއިން 233 ފްލެޓް ދޭން ނިންމީ ޝަރުތު ހަމަވި މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރުންނަށް ކުރިން 625 ފްލެޓް ޚާއްސަކޮށްފައި ވިޔަސް އެ އަދަދު ވަނީ 523 އަށް މަދުކޮށްފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީ އަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. މާލޭ ރަށްވެހިންގެ ކެޓަގަރީ އަށް ކުރިން 1،000 ފްލެޓް ކަނޑައަޅާފައިވިޔަސް އެ އަދަދު ވަނީ 1،772 އަށް އިތުރުކޮށްފަ އެވެ.

ކުރީގެ ސަރުކާރުގައި ވަނީ ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާއްމުކޮށް ލިއުން ވެސް ހަވާލުކޮށްފަ އެވެ. އެކަމަކު ކޮމިޓީން މިއަދު އާއްމުކުރީ މުޅިން އާ ލިސްޓެކެވެ.

ކޮމިޓީގެ މެމްބަރު ތޯހާ ވިދާޅުވީ ފޯމުތައް ވަކިވަކިން ބަލައި މާކްސް ދިނީ ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއަށް ކަނޑައެޅި ޕޮއިންޓް ދިނުމުގެ އުސޫލާ އެއްގޮތަށެވެ. އޭރު ދިރިއުޅުމުގެ ހާލަތަށް 30 ޕޮއިންޓް ހިމަނާފައި އޮތް އިރު އެ ޕޮއިންޓް ދިން އުސޫލެއް ސާފެއް ނޫނެވެ. އެކަމަކު މިފަހަރު އެ ޕޮއިންޓް ދިނީ ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލައިގެން ކަމަށް ވިދާޅުވި އެވެ.

ތޯހާ ވިދާޅުވި ގޮތުގައި ކޮންމެ ކެޓަގަރީއަކުން ވެސް އެ މީހަކަށް ކުރިން ލިބުނު މާކްސް އާއި އަލުން އިވެލުއޭޓްކުރުމުން އައި ތަފާތު ފެންނަން އޮންނާނެ އެވެ. އަދި ކުރީގެ ސަރުކާރުން މާކްސް ދޭން ނިންމި ޝަރުތުތައް ވެސް ހާމަކޮށްފައި އޮތުމުން ކޮމިޓީން މާކްސްދީފައި އޮތީ އިންސާފުވެރިކޮށްތޯ ނުވަތަ ނޫންތޯ ވެސް ބެލެނޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޓީން މަސައްކަތް ކުރިއަށް ގެންދިޔައީ ވަކި މީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ބަލައިގެން ނޫން ކަަމަށެވެ. އިސްކަންދިނީ އެންމެ ހައްގުވެރިން ހޮވަން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި ބާކީ ހުރި ކެޓަގަރީތައް ވެސް އިވެލުއޭޝަން ނިމޭވަރަކުން އާއްމުކުރާނެ އެވެ.

ކުރިން ހަމަޖައްސާފައި އޮތީ ކޮމިޓީގެ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމުމަށެވެ. ފްލެޓް ކޮމިޓީގެ މަސައްކަތް މިހާ ދިގުލައިގެން ދިޔައީ، އެ ކޮމިޓީން ބުނެފައިވާ ގޮތުގައި، ކެޓަގަރީތަކުން ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ފޯމުތައް ވަކިކޮށް، އެ ފޯމުތަކާ އެކު ހުށަހަޅާފައި ހުރި ލިޔެކިޔުންތައް ހަމަކޮށް، ތަރުތީބުކުރާށެވެ. އެ މުއްދަތުގެ ތެރޭގައި، ފްލެޓްތަކާ ގުޅިގެން ހުށަހެޅި ޝަކުވާތައް ވެސް ވަކިވަކިން ބެލި ކަމަށް ކޮމިޓީން ބުންޏެވެ.