Roadha Mihaaru
ހިޔާ މަޝްރޫއުން މާލޭ ރައްޔިތުންނަށް ފްލެޓް އިތުރުކޮށްފި

ހިޔާ މަޝްރޫއަށް ބަދަލު ގެނެސް މާލޭގެ ރައްޔިތުންނަށް ފްލެޓް އިތުރުކޮށްފި

24 އޯގަސްޓް 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި ހިޔާ މަޝްރޫއުގައި 12 ކެޓަގަރީ އަށް ފްލެޓްތައް ދޭން ކަނޑައެޅި އަދަދަށް ބަދަލު ގެނެސް މާލޭގެ ރައްޔިތުންނަށް ދޭ ފްލެޓްތަކުގެ އަދަދު އިތުރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި ހިޔާ މަޝްރޫއުގައި 12 ކެޓަގަރީ އަށް ފްލެޓްތައް ދޭން ކަނޑައެޅި އަދަދަށް ބަދަލު ގެނެސް މާލޭގެ ރައްޔިތުންނަށް ދޭ ފްލެޓްތަކުގެ އަދަދު އިތުރުކޮށްފި އެވެ.

ހިޔާ މަޝްރޫއުގައި ހުޅުވާލި 7،000 ފްލެޓަށް ކުރިމަތިލީ 25،000 މީހުންގެ ތެރެއިން އެކި ކެޓަގަރީތަކުން ޝަރުތު ހަމަވި ކަމަށް ނިންމައި ފްލެޓުގެ ލިއުން ދިނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މި ސަރުކާރުން ވަނީ ޝަކުވާތައް ބަލަން ކޮމިޓިއެއް އެކުލަވާލައިފަ އެވެ. މީގެ ދޮޅުއަހަރު ކުރިން އެކުލަވައިލި ކޮމިޓީން މައްސަލަތައް ބެލުމަށް ފަހު މިއަދު ވަނީ ހަތަރު ކެޓަގަރީއަކުން މުޅިން އާ ލިސްޓެއް އިއުލާންކޮށްފަ އެވެ.

ޑޮކްޓަރުންނާއި ނަރުހުންނާއި މާލޭގެ ރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލިސްޓު އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، މާލޭގެ ރަށްވެހިންނަށް ދޫކުރާ ފްލެޓްތަކުގެ އަދަދު މިހާރު ވަނީ 1،772 އަށް އިތުރުކޮށްފައި ކަމަށެވެ. ޔާމީންގެ ސަރުކާރުގައި މި ކެޓަގަރީ އަށް ކަނޑައެޅީ 1،000 ފްލެޓެވެ.

އަސްލަމް ވިދާޅުވިގޮތުގައި، މާލޭ ރަށްވެހިންގެ ކެޓަގަރީ އަށް ފްލެޓްތަކުގެ އަދަދު އިތުރުވީ އެހެން ބައެއް ކެޓަގަރީތަކަށް ކަނޑައެޅި އަދަދަށް ޝަރުތުހަމަވާ މީހުން ކުރިމަތިލާފައި ނުވާތީ އެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ، ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަކުރި ކެޓަގަރީ އަށް 475 ފްލެޓް ދޭން ކަނޑައެޅި ނަމަވެސް ޝަރުތު ހަމަވަނީ އެ ކެޓަގަރީ އަށް ހުށަހެޅި ދެބައިކުޅަ އެއްބައި މީހުންގެ އެވެ. އެހެންވެ، އެ ކެޓަގަރީން ވެސް ބާކީވި ފްލެޓްތައް ބަދަލުކުރީ މާލޭ ރަށްވެހިންގެ ކެޓަގަރީ އަށެވެ.

ފްލެޓު ކޮމިޓީން މިއަދު ބޭއްވި މީޑިއާ ބްރީފިންގެ ތެރެއިން.---ފޮޓޯ: ރައީސް އޮފީސް

ފްލެޓު ކޮމިޓީން މިއަދު ބޭއްވި މީޑިއާ ބްރީފިންގެ ތެރެއިން.---ފޮޓޯ: ރައީސް އޮފީސް

މާލޭ ރަށްވެހިންނަށް ހިޔާ މަޝްރޫއުގައި ވަކި ކެޓަގަރީއެއް ހާއްސަކުރިއިރު، އެހެން ބައެއް ކެޓަގަރީތަކުން ވެސް މާލޭ ރަށްވެހިންނަށް ކުރިމަތިލެވުނެވެ.

"މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދޭން ވަރަށް ބޮޑު އަމާޒެއް ހިފަން ޖެހިފައި އޮތް ކަމަށް ގަބޫލުކުރެވޭތީ މާލޭގެ ރަށްވެހިންގެ ކެޓަގަރީ އަށް އެލޮކޭޝަން އިތުރުކޮށްފައި މިއޮތީ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ ރަށްވެހިންގެ ތެރޭގައި ބޯހިޔާވަހިކަމެއް ނެތި 5،000 އަށް ވުރެ ގިނަ އާއިލާ އެބަތިއްބެވެ. އެ މީހުން މާލެ ދޫކޮށް ދާނެ ވަކި ތަނެއް ނެތްއިރު މާލެ އިން އެ މީހުންނަށް ބޯހިޔާވަހިކަން ހަމަޖަައްސައިދިނުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މާލޭ ރައްޔިތުންގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު އެހެން ރަށްރަށުގެ ރައްޔިތުންގެ ވާހަކަ ވެސް އެބައޮތް ލިސްޓުގައި. އެކަމަކު ޚާއްސަ ކަމެއް އެބަދޭން ޖެހޭ މާލޭގައި ކުރާ ކަމަކަށް ވާތީ މާލޭގެ ރައްޔިތުންނަށް. މާލޭގެ ރައްޔިތު މީހާ މިތާ އުޅެން ޖެހެނީ އޭނާ މިތަނަށް ވިހެއީތީ. އޭނަގެ މައިންބަފައިންނަށް ލިބުނު ތަންކޮޅު ބަހަމުން ބަހުން ގޮސް ހުސްވެއްޖެ. އޭނަ އަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދިނުމޭ މިކުރި ކަމަކީ،" އަސްލަމް ވިދާޅުވި އެވެ.

"އެހެން ތަންތަނުން އުނިކޮށްލީއެއް ނޫން. ރަށްރަށުގައި ވެސް ބޯހިޔާވަހިކަން ވެސް އަންނަން ޖެހޭނެ."