Roadha Mihaaru
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ

ދެ ކޮޓަރީގެ ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ

06 ޖުލައި 2020

ހިޔާ މާޝްރޫއުގެ ފްލެޓްތަކުގެ އަގާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ދެބަސްވުމެއް އުފެދިފައި ވަނިކޮށް، މަހު ކުލީގެ ގޮތުގައި ދެ ކޮޓަރި އަށް ނަގާ އަގު 7،000ރ. އަށް ވުރެން ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މާޝްރޫއުގެ ފްލެޓްތަކުގެ އަގާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ދެބަސްވުމެއް އުފެދިފައި ވަނިކޮށް، މަހު ކުލީގެ ގޮތުގައި ދެ ކޮޓަރި އަށް ނަގާ އަގު 7،000ރ. އަށް ވުރެން ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ދެއްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެ ސަރުކާރުގެ އެހެން ބޭފުޅުން ހިސާބު ޖައްސަވާ ގޮތުން ނަމަ، 5،600ރ. އެވެ. އަދި މެއިޓެނެންސް ފީގެ ގޮތުގައި 1،000ރ. އެވެ.

މި ސަރުކާރުން ހިސާބު ޖަހާ ގޮތުން ނަމަ، "ދަރަނީގެ ދަންތުރައެއްގައި" ޖެހި ނަގާފައިވާ ލޯނަކާ ހެދި ފްލެޓްތަކުގެ މަހު ކުލި 20 އަހަރަށް ބަހާލުމުން ވެސް އުޅޭނީ 11،000 ގަ އެވެ. ކުރީގެ ސަރުކާރުން ބުނާ އަގަކީ ހަގީގީ އަދަދެއް ނޫން ކަމަށް އެޗްޑީސީން ޖޫން، 25، 2020 ގައި ވަނީ ބުނެފަ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ފެށި މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ. މި މަޝްރޫއު އަށް ކުރީގެ ސަރުކާރުން ވަނީ ލޯނެއް ނަގައިފަ އެވެ. ޗައިނާގެ އެގްޒިމް ބޭންކުން 434 މިލިއަން ޑޮލަރުގެ އެ ލޯނު ހޯދާފައި ވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.

ޗައިނާގެ ކުންފުންޏާ އެކު ކުރީގެ ސަރުކާރުން އެއްބަސްވީ، އެޗްޑީސީން ބުނެފައިވާ ގޮތުގައި ފްލެޓަކަށް 62،000 ޑޮލަރު (956،040ރ.)ގެ މަގުން 7،000 ފްލެޓަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިނިސްޓަރު އަސްލަމް މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، 7،000 ފްލެޓުގެ އަގާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަގު ސަރުކާރުން ވައުދުވި މިންގަނޑުގައި ހިފަހައްޓާނެ ކަަމަށެވެ.

"އެ މިންވަރަކީ އަޅުގަނޑު ހަނދާންވާ ގޮތުން 7،000ރ. އަށް ވުރެން ތިރިން ހިފަހައްޓައިދޭނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

"މިތަނަށް ވަންނަ ރައްޔިތުން 11،000ރ. ދޭން ޖެހޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި ކަމަކަށް އަޅުގަނޑަށް ރިކަލެކްޓެއް ނުކުރެވޭ."

މި މަޝްރޫއުގައި 16 ޓަވަރު އިމާރާތްކޮށްފައިވާ އިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ. އެޗްޑީސީން ބުނިގޮތުގައި ފްލެޓްތަކުގެ 90 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެޗްޑީސީން އުއްމީދުކުރަނީ ފްލެޓްތައް ނިންމަން ކޮންޓްރެކްޓަރާ އެކު މިހާރު އެއްބަސްވެފައިވާ މިންވަރަށް މަސައްކަތްތައް މި އަހަރު ނިންމާލެވޭނެ ކަމަށެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ނިންމަން އަދި އަށް މަސް ހޭދަވާނެ ކަމަށެވެ.