25 އޯގަސްޓް 2020
ފްލެޓް ކޮމިޓީން އިއްޔެ އާއްމުކުރި ލިސްޓުތަކުން އަޅައިގަތް އެކެކެވެ؛
ފްލެޓް ކޮމިޓީން އިއްޔެ އާއްމުކުރި ލިސްޓުތަކުން އަޅައިގަތް އެކެކެވެ؛
މާލޭ ރަށްވެހިންގެ ކެޓަގަރީން ކުރިމަތިލައި 86 ޕޮއިންޓާ އެކު މިދިޔަ ސަރުކާރުގައި އޭނާ އަށް ފްލެޓެއް ކަށަވަރުކޮށްދިނެވެ. އެކަމަކު ހިޔާ މަޝްރޫއުގެ ފްލެޓް "ބަހާލީ" ކަމުގެ ތުހުމަތުތައް ބަލައި މި ސަރުކާރުން އިއުލާންކުރި ލިސްޓުގައި އޭނާ އަށް ވަނީ 62 ޕޮއިންޓް އުނިވެފަ އެވެ. ގެޒެޓްކުރި ލިސްޓުގައިވާ ގޮތުން ނަމަ، އެ މަޝްރޫއަށް ކުރިން ވެސް ކަނޑައެޅި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދިންއިރު އޭނާ އަށް ލިބެނީ އެންމެ 24 ޕޮއިންޓެވެ!
އާއިލާގެ ކުޑަބޮޑުމިނަށް ބަލައި ކުރިން 50 މާކްސް ދީފައި އޮތެވެ. އެކަމަކު ފްލެޓް ކޮމިޓީގެ އިވެލުއޭޝަނުން ލިބުނީ ފަސް ޕޮއިންޓެވެ. ދިރިއުޅުމުގެ ހާލަތުގެ ބައިން ކުރިން 36 މާކްސް ދީފައި އޮތެވެ. އެކަމަކު އޭނާ ދިރިއުޅޭ ގެއަށް މި ފަހުން ގޮސް ހާލަތު ބަލާފައި މާކްސް ދިންއިރު އެ ބަޔަށް ލިބެނީ އެންމެ 19 ޕޮއިންޓެވެ.
ފްލެޓް ކޮމިޓީގެ ތުހުމަތަކީ ކުރީގެ ސަރުކާރުގެ ލިސްޓުގައި އޭނާގެ ނަން އޮތީ މާ ބޮޑަށް ވެސް ފްލެޓް ހައްގުވެރިއެއްގެ ޖާގައިގައިކަމެވެ؛ އަލުން ޕޮއިންޓް ދިން އިރު އޭނާއަކަށް މާލޭގެ ރަށްވެހިންގެ ކެޓަގަރީން ފްލެޓެއް ނުލިބެ އެވެ. މިފަހަރު ޕޮއިންޓް ދިން ގޮތުގައި ހިތްހަމަނުޖެހުމެއް އުޅޭ ނަމަ ހެދި ހިސާބުތައް ދައްކައި އެކަން ސާފުކޮށްދޭން ފްލެޓް ކޮމިޓީ ތައްޔާރެވެ! އެކަމަށް ދެ ހަފުތާގެ މުއްދަތެއް ވެސް އޮތީ ދީފަ އެވެ.
ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާއްމުކުރީ ހަމައެކަނި ފޯމު ނަމްބަރު ޖަހައިގެންނެވެ. އެކަމަކު މިފަހަރު ކޮމިޓީން އިއުލާންކޮށްފައި އޮތީ ނަމާއި އެޑްރެހާއި ލިބުނު ޕޮއިންޓު އެނގޭ ގޮތަށެވެ. މި ފަހަރު ލިބުނު ޕޮއިންޓާއި ކުރީގެ ސަރުކާރުގައި އެ މީހަކަށް ޕޮއިންޓް ދީފައިވާ ގޮތް ވެސް ލިސްޓުން އެނގެން އެބަ އޮތެވެ.
ފްލެޓަށް އެދި ދެ މީހަކު ފޯމު ހުށަހަޅަނީ---ފޮޓޯ: ނިޝާން އަލީ/މިހާރު
ނުހައްގުން ފްލެޓް ދޫކުރި ކަމުގެ މައްސަލަތައް ބަލައި ލިސްޓުތައް އިއްޔެ އާއްމުކުރަން ފެށިއިރު ފުރަތަމަ ގެޒެޓްކުރި ހަތަރު ކެޓަގަރީގެ ލިސްޓުތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އިއްޔެ އާއްމުކުރީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި މާލޭގެ ރަށްވެހިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކުރި ކެޓަގަރީ އެވެ.
ލިސްޓުތަކުގައިވާ ގޮތުން، ކުރިން ޕޮއިންޓް މަދުން ލިބުނު މީހުންނަށް މިފަހަރުގެ ލިސްޓުގައި ޕޮއިންޓް އިތުރުވެފައިވެ އެވެ. އާދަޔާ ޚިލާފަށް ޕޮއިންޓް މަތިކޮށް ކުރިން ލިބުނު މީހުން ލިސްޓުގެ އެންމެ ފަހަތަށް ވެސް ވެއްޓިފައިވެ އެވެ. ބައެއް މީހުންނަށް 50 ޕޮއިންޓް އިތުރުވެފައިވާ އިރު ބައެއް މީހުންނަށް އެ ވަރު އުނިވެފައި ވެސް އެބަހުއްޓެވެ.
ހަތަރު ލިސްޓުން ވެސް ފެންނަން އޮތް ގޮތުގައި ޕޮއިންޓްތަކަށް ބޮޑު ފަރަގެއް އައީ ދިރިއުޅުމުގެ ހާލަތުގެ ބައިންނެވެ. މެއި، 2018ގައި ހުޅުވާލި ހިޔާ މަޝްރޫއަށް ކުރިމަތިލީ 25،000 މީހުންގެ ތެރެއިން ފްލެޓް ލިބޭ 7،000 މީހުންގެ ލިސްޓް އެކުލަވާލީ ދިރިއުޅުމުގެ ހާލަތު ރަނގަޅަށް ނުބަލަ އެވެ. އެކަމަކު އެ ބަޔަށް 40 ޕޮއިންޓް ދޭ ގޮތަށް އޮތީ އިއުލާންކޮށްފަ އެވެ.
އޭރު ދިރިއުޅުމުގެ ހާލަތުގެ ބަޔަށް މާކްސް ދީފައި ވަނީ އެ މީހާގެ ހާލަތާ ގުޅޭ ގޮތުން ފޯމުގައި ލިއެފައިވާ މައުލޫމާތަށް ބަލައިގެންނެވެ. ގޭގެއަށް ގޮސް އެ މައުލޫމާތު ސައްހަތޯ ކަށަވަރެއް ނުކުރެ އެވެ.
ފްލެޓް ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަނީ ދިރިއުޅުމުގެ ހާލަތުގެ ބައިން ކުރީގެ ސަރުކާރުގައި 40 ޕޮއިންޓް ދިން ގޮތާ މެދު ސުވާލު އުފައްދައިފަ އެވެ. ލިސްޓު އާއްމުކުރިއިރު 40 ޕޮއިންޓް އެކި މީހުންނަށް "ހިތުހުރި ގޮތަކަށް ބަހާލި" އުސޫލެއް ނެތެވެ.
ފްލެޓު ކޮމިޓީން ލިސްޓުތައް އިއްޔެ އާއްމުކޮށް ހައުސިން މިނިސްޓަރު އަސްލަމާއެކު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވި ގޮތުގައި ކޮމިޓީ އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެ އެވެ. ދިރިއުޅުމުގެ ހާލަތު ބެލީ ކިހިނެއް ކަން އެނގޭނެ އެއްވެސް ލިއުމެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
"ކުރީގެ ސަރުކާރުން މިކަން ކޮށްފައި އޮތްއިރު ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ގެންގުޅެފައި އޮތް ކްރައިޓީރިއާއެއް ނުވަތަ އެ ބަޔަށް ޕޮއިންޓް ދީފައި އޮތީ ކިހިނެއް ކަމެއް އެނގޭނެ އެއްވެސް ލިޔެކިޔުމެއް އަޅުގަނޑުމެންނަކަށެއް ނެތް ފެންނާކަށެއް. އެކަމަކު އެނގޭ ކަމަކީ ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ބައެއް ބޭފުޅުންނަށް ފުލް ޕޮއިންޓް ލިބިފައިވުމާ އެކު ފޯމު ލީ އެންމެންނަށް އެ ޕޮއިންޓް ދީފައިވާކަން،" ތޯހާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަހަރު ހުރިހާ ލިސްޓުތަކެއް އިއުލާންކުރީ ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލައިފަ އެވެ. މުޅިން އާ ލިސްޓެއް އެކުލަވާލިއިރު ކުރީގެ ސަރުކާރުން ޕޮއިންޓް ދީފައިވާ ގޮތަށް ނުބަލާ ކަމަށާއި ޕޮއިންޓް ދީ ލިސްޓު ތަރުތީބުކުރީ އޭރު ހައުސިން މިނިސްޓްރީން ހިޔާ މަޝްރޫއަށް އެކުލަވާލާފައި އޮތް ކްރައިޓީރިއާ އަށް ކަމަށް ވިދާޅުވި އެވެ،
ހިޔާ މަޝްރޫއުގެ ޝަކުވާތައް ބަލަން ފެށީ ފްލެޓް ދިން ގޮތުގެ ބޮޑެތި ޝަކުވާތަކެއް ފެންމަތިވުމުންނެވެ. ފްލެޓް ކޮމިޓީން ލިސްޓުތައް އާއްމުކުރިއިރު އޭގެތެރޭގައި ޝަރުތު ހަމަވި ކަމަށް ކުރިން ނިންމާފައިވާ ބައެއް މީހުންނަކީ ނުހައްގުން ދީފައިވާ މީހުން ކަމަށް ތުހުމަތުކުރެވޭނެ ލިސްޓެއް ވެސް އޮތީ އާއްމުކޮށްފަ އެވެ. ސޯޝަލް ހައުސިން ސްކީމުގައި 40 ޕޮއިންޓާއި 70 ޕޮއިންޓް ލިބިގެން މާލޭ ރަށްވެހިންގެ ކެޓަގަރީން ފްލެޓް ކަށަވަރުވި ބައެއް މީހުންނަކީ، ކޮމިޓީން އިއުލާންކޮށްފައިވާ ގޮތުން ނަމަ، ބިމާއި ފްލެޓުގެ މިލްކުވެރިންނެވެ. ބައެއް މީހުން ވަނީ ހުޅުމާލޭގެ އަމީން އެވެނިއުން އެޕާޓްމެންޓް ގަނެފަ އެވެ. ހުޅުމާލޭގައި އަމިއްލަ ބިން އޮންނަ މީހުން ވެސް ފްލެޓް ލިބޭ ލިސްޓުގައި ވަނީ ހިމަނައިފަ އެވެ.
މާލޭ ރައްޔިތުންގެ ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ތެރޭގައި އެކި ރަށްރަށުގެ މީހުން ވެސް ހިމެނެ އެވެ. ލިސްޓުގައި އެއީ ކޮން ބައެއް ކަން ވެސް އެނގެ އެވެ. ފޯމު ހުށަހެޅި އިރު ކައިވެންޏެއް ކޮށްފައި ނެތުމާއި ސައްހަ މައުލޫމާތު ހުށަހަޅާފައި ނެތަސް ފްލެޓް ހައްގުވެރިންގެ ގޮތުގައި ކުރިން އިއުލާންކޮށްފައިވާ ލިސްޓުގައި ހިމެނޭ މީހުން ވެސް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ. އެއްވެސް ލިޔެކިޔުމެއް ހުށަނާޅައި ހަމައެކަނި ދަރިންގެ އަދަދު ޖަހާލާފައި ފޯމު ލީ ބައެއް މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށް ކޮމިޓީން ބުންޏެވެ.
ތޯހާ ވިދާޅުވީ ފޯމު ލީ 120 މީހެއްގެ ތިން ދަރިން ތިބި ކަމަށް ނިންމައި ޕޮއިންޓުގެ އަދަދު އިތުރުކޮށްފައިވެ އެވެ. އެކަމަކު ކޮމިޓީން ބެލިއިރު އެ މީހުންގެ ދަރިންގެ އަދަދަކީ ދޭއް ކަމަށް އޭނާ ވިދާޅުވި އެވެ. ދަފްތަރުގައި ޖެހި މާލޭގައި އުމުރު ހޭދަކުރާތާ 20 އަހަރު ވީ މީހުން ބާކީވެ، 2018 ގައި އަލަށް ދަފްތަރުގައި ޖެހުނު ބައެއް މީހުންނަށް އެ ކެޓަގަރީން ފްލެޓް ދިނުން ކޮމިޓީން އޮތީ މައްސަލައެއްގެ ގޮތުގައި ނަގައިފަ އެވެ. މީގެ އިތުރުން 25 ޕޮއިންޓާއި 30 ޕޮއިންޓް ލިބިގެން ވެސް ފްލެޓް ލިބިފައިވާ ކަމަށާއި ކޮމިޓީން ސަރުކާރަށް ލަފާ ދިނީ ހިޔާ މަޝްރޫއުގައި ފްލެޓް ލިބޭނެ އެންމެ ދަށް މިނަކީ 50 ޕޮއިންޓް ކަން ކަނޑައެޅުމަށެވެ.
ކޮމިޓީން ބުނިގޮތުގައި ޕޮއިންޓްތަކުގައި މިހާ ބޮޑު ފަރަގެއް ހުއްޓަސް ހައްގުވެރިން ހޮވީ އިންސާފުވެރިކަމާ އެކު އެވެ. ވަކި މީހަކަށް ނުބަލައި ކޮމިޓީން ޕޮއިންޓް ދިނީ ހުށަހަޅާފައިވާ މައުލޫމާތާއި ހާލަތު ބަލައިގެން ކަމަށް ކޮމިޓީން ތަކުރާރުކޮށް ބުންޏެވެ.
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
ދަފްތަރު ލިސްޓާ މެދު މުއިއްޒު ސުވާލު އުފައްދަވައިފި
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
"ހިޔާގައި ތާއްޓެއް ނުވޭ، ލިސްޓު މިމަހު ނެރެންފަށާނެ"
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް
ހިޔާ ފްލެޓުތައް ނިމެން އަށް މަސް ނަގާނެ: އަސްލަމް
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ
މައްސަލަ ފުންޏެއް، ހައްގުވެރިން ހޯދާނީ ކިހިނެއް؟