Roadha Mihaaru
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް

ހިޔާ މަޝްރޫއުގައި ހިމެނޭ އެއް ކޮޓަރީގެ ފްލެޓްތަކެއް އިމާރާތެއް ނުކުރޭ

06 ޖުލައި 2020

ހިޔާ މަޝްރޫއުގެ ދަށުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓުތައް ހުޅުމާލޭގައި އިމާރާތް ކޮށްފައި ނެތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މަޝްރޫއުގެ ދަށުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓުތައް ހުޅުމާލޭގައި އިމާރާތް ކޮށްފައި ނެތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގައި ކެޓަގަރީތަކަކަށް ބަހާލައިގެން އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓުތައް ދޫކުރަން ޔާމީންގެ ސަރުކާރުން ނިންމާފައިވިޔަސް ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައި ވަނީ ހަމައެކަނި ދެ ކޮޓަރީގެ ފްލެޓުތައް ކަމަށެވެ.

އެއް ކޮޓަރީގެ ފްލެޓުތައް އިމާރާތް ކުރަން އިއުލާންކުރީ އުމުރުން 18-40 އަހަރުގެ މީހުންނާއި ދަފުތަރާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަލަތު ކައިވެންޏަށް ޚާއްސަ ކޮށްގެންނެވެ.

"އެއް ކޮޓަރީގެ އެއްވެސް ތަނެއް ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ނެތް ކަން އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުން،" އަސްލަމް ވިދާޅުވި އެވެ.

އަލަތު ކައިވެނީގެ ކެޓަގަރީ އަށް ހިޔާ މަޝްރޫއުން 1،000 ފްލެޓް ދޫކުރަން ނިންމި އެވެ. މި ކެޓަގަރީ އަށް ކުރިމަތިލީ އެންމެންނަށް ފްލެޓު ދޭން ނިންމައި އެކަން އިއުލާން ވެސް ވަނީ ކޮށްފަ އެވެ. އެކަމަކު ފްލެޓްތަކުގެ ލިއުން މި ކެޓަގަރީއަކަށް ދުލެއް ނުކުރެ އެވެ.

7،000 ފްލެޓު ބެހި ކެޓަގަރީތައް:

- ސިވިލް ސާވިސް: 1،000

- ކައިވެނި ކޮށްގެން އުޅޭ އުމުރުން 18-40 ދެމެދުގެ މީހުންނަށް: 1،000

- މާލޭގެ ރަށްވެހިންނަށް: 1،000

- ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށް: 1،044

- ޑޮކްޓަރުންނާއި ނަރުހުންނަށް: 475

- ޓީޗަރުންނަށް: 625

- ފުލުހުންނާއި ސިފައިންނަށް: 600

- އެކަނިވެރި މައިންނާއި ބަފައިންނަށް: 400

- ނުކުޅެދޭ އާއިލާތަކަށް: 200

- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް: 300

- މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅޭ ބަޔަކަށް ހާއްސަ: 256

މި ކެޓަގަރީތަކުން ޝަރުތު ހަމަވީ މީހުންގެ ލިސްޓު އާއްމުކޮށް، ޔާމީންގެ ސަރުކާރުން ވަނީ ފްލެޓު ލިބޭނެ ކަށަވަރު ކަމުގެ ލިޔުމެއް ވެސް ބައެއް މީހުންނަށް ދީފަ އެވެ. އެކަމަކު، ފްލެޓުތައް ދޫކުރީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު، މައްސަލަތައް މި ސަރުކާރުގެ ކޮމިޓީއަކުން ބަލަމުން އަންނަ އިރު އެ ލިޔުން ގަބޫލުނުކުރަން ވަނީ ނިންމައިފަ އެވެ.