Roadha Mihaaru
މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟

މާލޭގެ މީހުންނަށް ދޭން މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟

13 ފެބުރުއަރީ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލުފުޅު ކުރައްވާ ހަގީގަތެއް އެބަ އޮތެވެ؛ މާލޭގެ ރައްޔިތުން ބޯހިޔާވަހިކަމަށް ޖެހިފައިވާ މިންވަރާއި އެ މީހުން އުފުލަމުންދާ ތަކުލީފުތަކުގެ ވާހަކަފުޅު ދެއްކުނު މިންވަރާ އަޅާބަލާއިރު އެކަން ހައްލުކުރެއްވުމަށް އެމަނިކުފާނަށް ވެސް ކުރެއްވުނު މަސައްކަތްޕުޅު ކުޑަ ކަމެވެ. މިއީ މާލޭގެ ރައްޔިތުން ވެސް ގަބޫލުކުރާ ހަގީގަތެކެވެ. މި ދައުރު ނިމެން ބާކީ ދެން އޮތީ ދޮޅު އަހަރެއްހާ ދުވަހެވެ. އަޅަން ބުނިހާ ފްލެޓެއްގެ މަސައްކަތް ދަނީ ލަސް ދުވެލީގަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލުފުޅު ކުރައްވާ ހަގީގަތެއް އެބަ އޮތެވެ؛ މާލޭގެ ރައްޔިތުން ބޯހިޔާވަހިކަމަށް ޖެހިފައިވާ މިންވަރާއި އެ މީހުން އުފުލަމުންދާ ތަކުލީފުތަކުގެ ވާހަކަފުޅު ދެއްކުނު މިންވަރާ އަޅާބަލާއިރު އެކަން ހައްލުކުރެއްވުމަށް އެމަނިކުފާނަށް ވެސް ކުރެއްވުނު މަސައްކަތްޕުޅު ކުޑަ ކަމެވެ. މިއީ މާލޭގެ ރައްޔިތުން ވެސް ގަބޫލުކުރާ ހަގީގަތެކެވެ. މި ދައުރު ނިމެން ބާކީ ދެން އޮތީ ދޮޅު އަހަރެއްހާ ދުވަހެވެ. އަޅަން ބުނިހާ ފްލެޓެއްގެ މަސައްކަތް ދަނީ ލަސް ދުވެލީގަ އެވެ.

އެކަމަކު ރައީސް ވިދާޅުވަނީ މާލޭގެ ރައްްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހި ކަމުގެ މައްސަލައިގެ ނުތަނަވަސްކަން އެމަނިކުފާނު ފިލުއްވައިދެއްވާނެ ކަމަށެވެ. މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ވެސް ރައީސް ދެއްވީ މި ޔަގީންކަމެވެ. މި ދައުރު ނިންމަވާލައްވާނީ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމާ އަދި ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށް ފަހު ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ މިހާރު ވެސް ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި އިތުރު 2000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ފަށާނެ ކަމަށް ވިދާޅުވިފަ އެވެ. އެކަމަކު އެ މަސައްކަތް ވެސް ފެށޭނެ ދުވަހެއް ނޭނގޭއިރު މި ސަރުކާރުން ނިންމީ އެންމެ 7،000 ހައުސިން ޔުނިޓް އަޅާކަށެއް ނޫނެވެ.

ކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ މާލޭގައި 13،000-15،000 ފްލެޓް އެޅުން ކަމަށެވެ. އެކަމަކު މިހާރު ފަށާފައި ހުރި މަޝްރޫއުތައް ވެސް އެހާ ލަސް ކަމުގެ ޝަކުވާ ބޮޑުއިރު މި އަދަދަށް ފްލެޓް އެޅުމުގެ މަސައްކަތް ކުރެވޭނެތޯ ވެސް ސުވާލު އުފެދެ އެވެ.

މީގެ ދެ އަހަރު ކުރިން އަސްލަމ (ވ) އާއި އޭރުގެ ހައުސިން މިނިސްޓަރު އާތިފާ އަދި ސައިނޯ ހައިޑްރޯ ގްލޯބަލްގެ ނައިބު ރައީސް، ހުޅުމާލޭގައި 1،700 ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވަނީ: މި މަޝްރޫއުގެ ފަންޑު ހަމަނުޖެހޭތީ އަދިވެސް މަޝްރޫއު ނުފެށޭ-- މިހާރު ފައިލް ފޮޓޯ

މީގެ ދެ އަހަރު ކުރިން އަސްލަމ (ވ) އާއި އޭރުގެ ހައުސިން މިނިސްޓަރު އާތިފާ އަދި ސައިނޯ ހައިޑްރޯ ގްލޯބަލްގެ ނައިބު ރައީސް، ހުޅުމާލޭގައި 1،700 ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވަނީ: މި މަޝްރޫއުގެ ފަންޑު ހަމަނުޖެހޭތީ އަދިވެސް މަޝްރޫއު ނުފެށޭ-- މިހާރު ފައިލް ފޮޓޯ

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް:

- އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ހަދާ 2000 ފްލެޓް

- އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ހަދާ 2000 ފްލެޓް

- ދިވެހި ކުންފުންޏެއް ކަމަށްވާ އެޕޯލޯ އިން ހަދާ 1000 ފްލެޓް

- ހުޅުމާލޭގައި 1،700 ހައުސިން ޔުނިޓު އަޅަން ބިން އެޅި. ފަންޑު ހަމަނުޖެހޭތީ މަޝްރޫއު އަދި ނުފެށޭ

ބޯހިޔާވަހިކަމުގެ ވައުދު ވާނީ ބިލާހަކަށް؟

މި ސަރުކާރުގެ މަޝްރޫއުތައް ލަސްކަމަށް އިދިކޮޅުން ތަކުރާރުކޮށް ބުނަމުންދެ އެވެ. ވަކިން ހާއްސަކޮށް ރައްޔިތުންނަށް ވައުދުވި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް "ބިމުން މައްޗަށް" ނާރާ ކަމަށް ބުނެ ފާޑުކިޔުން ވެސް އިތުރެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައަށްވާއިރު އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން އެބައޮތް ކަމަަށެވެ. މަސައްކަތްތައް ލަސްވެފައި، ދައުރު ނިމޭއިރު ވެސް ގެދޮރުގެ މަސައްކަތްތައް ނިމޭނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"ސަރުކާރުން ފްލެޓަށް ވައުދުވިތާ ތިން އަހަރުވެއްޖެ. އެކަމަކު އެއްވެސް ވައުދެއްގައި އެ ވިދާޅުވާ އަދަދަކާ ގާތަށް ވެސް ފްލެޓެއް/ ގޯއްޗެއް ވެސް ނުދެވޭ. މިއަދާ ހަމައަށް އައިއިރު ވެސް އެކަން ނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އެންމެ ފަހު ދެ ސަރުކާރުގައި ހަތް އަހަރު ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަސައްކަތް ކުރުމަށް ސަރުކާރުގައި އެދެމުން އައި ނަމަވެސް އެ ކަންކަމަށް ވެސް ނުބަލާ ކަމަށެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއެއް--. ފޮޓޯ:ނިޝާން އަލީ/މިހާރު

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއެއް--. ފޮޓޯ:ނިޝާން އަލީ/މިހާރު

މި ސަރުކާރުން ކުރާ ކަމަކީ އެތައް އުއްމީދެއް ރައްޔިތުންނަށް ދިނުން ކަމަށާއި އެއްވެސް ވަރެއްގެ ހަގީގީ ކުލަވަރެއް ނުފެންނަ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔުން އަމާޒުކުރެއްވި އެވެ. ސަރުކާރާ މެދު ހިޔާލުތަފާތުން އޮތް ނަމަވެސް އޭނާ ވިދާޅުވަނީ ގެދޮރުގެ މައްސަލައިގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ގެނެވޭނީ ސަރުކާރަށް. ކައުންސިލުން ވެސް މިއޮތީ ސަރުކާރަށް އެއްބާރުލުން ދޭން ގެދޮރުގެ މައްސަލައިގައި. ސަރުކާރުން އަޅުގަނޑުމެންނާ ހަވާލުކުރާ ކަމެއްވިއްޔާ ނޫނީ ކުރާ ކަމެއްގައި ވިއްޔާ ފުރިހަމަ އެއްބާރުލުން ލިބޭނެ -- މުއިއްޒު

މުއިއްޒު ވިދާޅުވި ގޮތުގައި މިހާރު ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ދަނީ ކުރިން ފެށިފައިވާ މަޝްރޫއުތަކެވެ. އާ މަޝްރޫއުއަކަށް ހިނގަނީ ހަމައެކަނި އެޕޯލޯއާ ހަވާލުކޮށްގެން އަޅާ 1000 ފްލެޓްކަމަށް އޭނާ ވިދާޅުވެ އެވެ.

"އަލަށް ފެށުނީ އެންމެ މަޝްރޫއުއެއް. އެއީ އެޕޯލޯއާ ހަވާލުކުރި 1000 ފްލެޓްގެ މަޝްރޫއު. ދެން އެ ވިދާޅުވާ 5000 ޔުނިޓަކީ ވެސް ކުރިން ފެށިފައި ހުރި މަޝްރޫއުތަކެއް. އާ ނަމެއް ދީފައި ވިނަރެސް ކިޔަސް."

"މިހާރު މިދާ ސްޕީޑުގައި ދާކަމަށްވާ ނަމަ، ހިޔެއް ނުވޭ ދެބައި ކުޅަ އެެއްބައި ވެސް ނިމޭނެހެން. އެކަމަކު މަސައްކަތްތައް އަވަސްކޮށް، މިކަމަށް ދޭ ސަމާލުކަން އިތުރުކޮށްފިއްޔާ ނިމިދާނެ. އެކަމަކު އަވަސްކުރުމުގެ ކުލަވަރެއް ނުފެނޭ"

އޭނާ ވަނީ ކައުންސިލުން ވެސް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ވަރަށް ބޮޑަށް ބޭނުންވާތީ ފްލެޓް އެޅުމުގެ ހުއްދައަށް އެދިފައިވި ނަމަވެސް އެކަމަށް ޖަވާބެއް ނުލިބޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު ކައުންސިލުން އެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ވެސް ސަރުކާރަށް ލިބޭނެ ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ކަންތައްދާ ގޮތުން އެކަން ކުރެވޭނެ ކަމުގެ މާބޮޑު އުއްމީދެއް ނެތް. އެކަމަކު އަޅުގަނޑުމެން މިތިބީ މިކަމުގައި ބައިވެރިވާން،" ކައުންސިލް ބާކީ ނުކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ އަނެއް ކަންބޮޑުވުމަކީ އޭނާ ތަކުރާރުކޮށް ވިދާޅުވާ ކަމެކެވެ. ގުޅީފަޅު މާލޭގެ ރައްޔިތުންނަށް ހާއްސަކުުރުމުގެ ބަދަލުގައި އެތަނުގައި ޕޯޓު އަޅާތީ ނުރުހުން ފާޅުކުރައްވައި އޭނާ ވިދާޅުވީ ރައީސްއާ ބައްދަލުކުރައްވާ އެކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވި ކަމަށާއި އަދި ގުޅީފަޅުގެ ޕްލޭންގެ މަޝްވަރާކުރާނީ ކައުންސިލާ ގުޅިގެން ކަމަށް ވިދާޅުވިތާ އަށް މަސްވިއިރު ވެސް އެކަން ނުހިނގާ ކަމަށެވެ.

މާލޭގެ ރަށްވެހިންނަށް ގޯތި/ ފްލެޓް ދޭން ސަރުކާރުން ނިންމި ގޮތުގެ ތަފްސީލު:

- މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެެގެން 1،000 ގޯތި

- ޕޯޓު އެޅިޔަސް ގުޅީފަޅުން މަދުވެގެން 2،000 ގޯތި

- ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި މާލޭ

- ހުޅުމާލޭގައި އަދި އިތުރު 2000 ފްލެޓް އަޅާނެ ކަމަށް ރައީސް ވިދާޅުވި

ދައުރު ނިމެންވާއިރަށް ވައުދު ފުއްދޭނެ!

މި މަޝްރޫއުތައް މާބާރު ސްޕީޑެއްގައި ކުރިއަށް ނުދާތީ ދައުރު ނިމޭއިރު ވައުދުވި އަދަދަށް ފްލެޓްތައް ނިމިދާނެތޯ އިދިކޮޅުން އުފައްދާ ސުވާލުތަކަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، "މިހާރު" އަށް ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ދަނީ ވަރަށް ބޮޑަށް ރޭވިގެން ރަނގަޅު ސްޕީޑެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ ފްލެޓްތަކަކީ ރައްޔިތުންނަށް އަގު ހެޔޮކޮށް ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ގޮތަކަށް ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށެވެ. އަދި ދައުރު ނިމޭއިރު ރައީސް ވިދާޅުވާ ގޮތަށް މަސައްކަތްތައް ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ވިނަރެސްގެ ޓަވަރުތަކެއް-- ފޮޓޯ؛ ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ވިނަރެސްގެ ޓަވަރުތަކެއް-- ފޮޓޯ؛ ފަޔާޒު މޫސާ/ މިހާރު

"މި މަޝްރޫއު ހިޔާ ފްލެޓްތަކަށް ވުރެ އަގު ހެޔޮވެފައި ތަނަވަސްވާނެ. ރަައީސްގެ ސިޔާސަތުގެ ދަށުން މިހާރު ކުރެވޭ މި ކަންކަމަކީ ރައްޔިތުންނަށް ތަނަވަސްކޮށް ދިރިއުޅެވޭނެ ގޮތަކަށް ފްލެޓާއި ގޯތި ދޫކުރުން. ގޯތި ދޫކުރުމުގެ އުސޫލު ހެދުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. މި ތަންތަން އަގުހެޔޮވާނެ ސަބަބަކީ މިއީ މިކަން ކުރާ ބައެއްގެ ޖީބަށް ފައިސާ ވަންނަ ގޮތަކަށް މަސައްކަތްނުކުރާތީ،" އިދިކޮޅަށް ފާޑުވިދާޅުވަމުން އަކްރަމް ވިދާޅުވި އެވެ.

މި މަޝްރޫއު ހިޔާ ފްލެޓްތަކަށް ވުރެ އަގު ހެޔޮވެފައި ތަނަވަސްވާނެ. ރަައީސްގެ ސިޔާސަތުގެ ދަށުން މިހާރު ކުރެވޭ މި ކަންކަމަކީ ރައްޔިތުންނަށް ތަނަވަސްކޮށް ދިރިއުޅެވޭނެ ގޮތަކަށް ފްލެޓާއި ގޯތި ދޫކުރުން. ގޯތި ދޫކުރުމުގެ އުސޫލު ހެދުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން-- އަކްރަމް

މިހާރު މިދާ ގޮތަށް ގޮސްގެން، 13000-15000 ފްލެޓް މާލޭގައި ދައުރު ނިމޭއިރަށް ނޭޅުނަސް އެ މަޝްރޫއުތަކުގެ ބޮޑު ބައެއް ނިންމުމުގެ އަމާޒު ހިފާފައިވާ ކަމަށް ކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވެ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް އެބަގެންދެ އެވެ. ސަރުކާރުގެ ބޭނުމަކީ ފްލެޓް އަޅައި އަސާސީ ހިދުމަތްތައް ގާއިމްކޮށްދީ ދަތުރުފަތުރުކުރުމުގައި ލުއި ފަސޭހަތަކެއް ހޯދައިދޭނުމުން މާލޭގެ ތޮއްޖެހުމަށް ހައްލެއް ގެނެސްދިނުމެވެ.