Roadha Mihaaru
ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000 އާއިލާ!

ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000 އާއިލާ އެބައުޅޭ: އަސްލަމް

06 ޖުލައި 2020

މާލޭގައި، ދިރިއުޅެން ކަމުނުދާ ވަރުގެ ކުދި ތަންތަންކޮޅުގައި، 21،000 އާއިލާ އެބަތިބި ކަމަށާއި އެ އާއިލާތަކަށް ގެދޮރުވެރިކަން ހޯދައިދިނުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގައި، ދިރިއުޅެން ކަމުނުދާ ވަރުގެ ކުދި ތަންތަންކޮޅުގައި، 21،000 އާއިލާ އެބަތިބި ކަމަށާއި އެ އާއިލާތަކަށް ގެދޮރުވެރިކަން ހޯދައިދިނުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ބައްދަލު ކުރައްވައި އަސްލަމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާ އަށް މާލޭގައި އޮތް އިރު، އެކަމުގެ ހައްލަަށް ހިސާބުތަކެއް ވެސް ޖައްސަވާފައިވާ ކަމަށެވެ. އެ ހައްލުތައް ވިދާޅުވީ، ކުރީގެ މަޝްރޫއުތަކުން ފްލެޓާއި ގޯއްޗަށް އެދުނު މީހުންގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަމެއް ނުލިބި ތިބި މީހުން ވެސް ހިމަނައިގެންނެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އެ ހިސާބުގައި މާލޭގައި ދިރިއުޅެން ކަމުނުދާ ތަންތަނުގެ ގޮތުގައި ބެލީ 600 އަކަ ފޫޓަށް ވުރެން ކުދި ތަންތަންކޮޅެވެ.

މިނިސްޓަރުގެ ވިސްނުމުގައި، އާއިލާއެއް ދިރިއުޅޭ ކަމަށް ވާ ނަމަ، އެ ތަން 600 އަކަ ފޫޓަށް ވުރެ ބޮޑުވާން ޖެހޭނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ވެސް މި މިންގަނޑަށް ނުފެތޭ ކަމަށް ވިދާޅުވި އެވެ.

ދެ ކޮޓަރީގެ އެ ފްލެޓުތަކުގެ ބޮޑު މިނަކީ 572 އަކަ ފޫޓެވެ.

"އެހެންވީމާ 21،000 އާއިލާ އަށް ހައުސިން ޕްރޮވައިޑް ކޮށްދިނުން ޓާގެޓަކީ. އެއީ ކޮންމެހެން އަލަށް ފަށާ މަޝްރޫއުތަކުގެ ވާހަކައެއް ވެސް ނޫން މި ދަންނަވަނީ، މިއަދުގެ ހާލަތުގައި ނުވަދެވި ތިބި 21،000 އާއިލާގެ ވާހަކަ،" އަސްލަމް ވިދާޅުވި އެވެ.

މި އާއިލާތަކަށް ގެދޮރުވެރިކަން ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިސާބުތައް އެބަހުރި އަޅުގަނޑުގެ ފޮތުގައި. ނަމަވެސް މި ހިސާބުތައް ޓެކްނިކަލް ބޭފުޅުންނާ އެކީގައި ރަނގަޅަށް މި މަޝްވަރާތައް ފައިނަލައިޒް ކޮށްފައި ނޫނީ ނުދަންނަވަން ކަމަށް މި ހުންނަނީ."

އަސްލަމް ވިދާޅުވި ގޮތުގައި މާލޭގެ އާބާދީގެ 15 ޕަސެންޓު އާއިލާތައް ފަގީރެވެ. މާނައަކީ އާއިލާގެ ކޮންމެ މީހެއްގެ ބޮލަކަށް ދުވާލަކަށް 74ރ. ނުޖެހޭ އާއިލާތައް ތިބުން ކަމަށް ވިދާޅުވި އެެވެ.

މިނިސްޓަރު ވިދާޅުވީ އެއީ، މި ސަރުކާރުން އަމާޒު ހިފާފައިވާ ކައުންސިލް ހައުސިން އަށް ވަންނަން ޖެހޭ އާއިލާތަކެވެ. ކައުންސިލް ހައުސިންއަކީ އެހެން ގައުމުތަކުގައި ވެސް މީހުން މަގުމަތިވިޔަ ނުދޭން ވަންނަ ތަންތަން ކަން ފާހަގަކުރެއްވި އެވެ.

ކައުންސިލް ހައުސިން އަށް ވަންނަން ޖެހޭ 3،152 އާއިލާ މާލޭގައި އެބައުޅޭ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ޖައްސަވާފައިވާ ހިސާބުތައް:

- ކައުންސިލް ހައުސިން އަށް 15 ޕަސެންޓް އާއިލާ.

- އަމިއްލަ އަށް ފައިސާ ދެއްކުމުގެ ފުދުންތެރިކަން ހުރީ 24 ޕަސެންޓް އާއިލާގައި.

- މެދު ފަންތީގެ ހައުސިން އަށް ވަދެވޭނެ 33 ޕަސެންޓް އާއިލާ އެބައުޅޭ.

- ތަނަވަސް ހިޔާވަހިކަމަށް ގާބިލް 28 ޕަސެންޓް އާއިލާ އެބައުޅޭ

"މި އަދަދުތަކާ އެކު 21،000 ބެހިފައި އޮތް ގޮތް ވެސް އަޅުގަނޑުމެންނަށް އެނގޭ،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުރިހާ ގިންތިއަކަށް ވެސް ބޯހިޔާވަހިކަން ބޭނުންވާ ކަމަށާއި ހައުސިން މިނިސްޓްރީން ކުރާނެ ކަމަކީ މާކެޓުގައި އެ އަދަދަށް ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަަމަޖެއްސުމާއި އެންމެ ނިކަމެތި ފަރާތްތައް މަގުމަތިވިޔަ ނުދިނުމަށްޓަކައި ކައުންސިލް ހައުސިން މާލެ އާއި އަތޮޅުތަކުގައި ހެދިފައި ހުރިކަން ޔަގީންކުރުން ކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އަތޮޅުތަކުގައި ބޯހިޔާވަހިކަމަށް ޕްރޮޖެކްޓްތަކެއް ހުރިއިރު ގިނަ ރަށްތަކުން ގޯތި ދޫކުރުމުގެ ހުއްދަ އަށް ވަނީ އެދިފަ އެވެ. އެ ރަށްތަކުން ގޯތި ލިބޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.