Roadha Mihaaru
މާލޭގައި މީހުން އުޅެނީ ކިހާ ޖާގައެއްގަތޯ ބެލިފައެއްނެތް

މާލޭގައި މީހުން އުޅެނީ ކިހާ ޖާގައެއްގައިތޯ ބެލިފައެއް ނެތް: މިނިސްޓަރު

13 ޖުލައި 2020

މާލޭގައި އާއިލާތައް ދިރިއުޅެމުން ދަނީ ކިހާ ޖާގައެއްގައިތޯ ބަލަމުންދާ ކަމަށާއި އެ ފަދަ މައުލޫމާތު، މިހާތަނަށް އެކަށީގެންވާ ގޮތެއްގައި ސަރުކާރަށް ހޯދިފައި ނުވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭގައި އާއިލާތައް ދިރިއުޅެމުން ދަނީ ކިހާ ޖާގައެއްގައިތޯ ބަލަމުންދާ ކަމަށާއި އެ ފަދަ މައުލޫމާތު، މިހާތަނަށް އެކަށީގެންވާ ގޮތެއްގައި ސަރުކާރަށް ހޯދިފައި ނުވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގެދޮރާއި އެކި މަޝްރޫއުތަކުގެ ކުރެހުންތައް އޮންލައިންކޮށް ބަލައިގަތުމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ތައްޔާރުކުރި "ފަރުމާ އީ ސަބްމިޝަންޕޯޓަލް" އިފްތިތާހުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އަސްލަމް ވިދާޅުވީ ކުރިން ދެ މިނިސްޓްރީއެއްގެ ގޮތުގައި ހިންގި، ހައުސިން އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލުމަށް ފަހު، މާލޭގައި އާއިލާތައް ދިރިއުޅެމުން ދާ ގޮތް ބަލަމުން އަންނަ ކަަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 600 އަކަފޫޓަށް ވުރެ ކުޑަކޮށް ހުރީ ކިތައް ގޯތިކަން އެނގުނު ނަމަވެސް، އެތަންތަން އިމާރާތްކޮށްފައި ހުރި ގޮތެއް ނޭނގެ އެވެ. އެގޮތުން ކުޑަ ތަންކޮޅުގައި ގެ އިމާރާތްކޮށްފައި ހުރީ ކިތައް ބުރިއަށް ކަމެއް، އަދި އެ ތަންތަން ހަދާފައި ހުރީ ކިތައް އާއިލާއަށް ދިރިއުޅެވޭނެ ގޮތަށްތޯ ކަމެއް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ކުރިން ވިދާޅުވެފައިވާ ގޮތުގައި މާލޭގައި، 600 އަކަފޫޓަށް ވުރެ ކުޑަތަންތަންކޮޅުގައި 21،000 އާއިލާ އެބަތިއްބެވެ. އެއީ ދިރިއުޅެން އެންމެ އެކަށީގެންނުވާ ތަންތަންކަން ސިފަ ކުރައްވަމުން އަސްލަމް ވަނީ އެ އާއިލާތަކަށް ގެދޮރު ހޯދައިދިނުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާ އަށް މާލޭގައި އޮތް އިރު، އެކަމުގެ ހައްލަަށް ހިސާބުތަކެއް ވެސް މިހާރު ޖައްސަވާފައިވާ ކަމަށެވެ. އަދި ހައްލުތައް ހޯއްދެވީ، ކުރީގެ މަޝްރޫއުތަކުން ފްލެޓާއި ގޯއްޗަށް އެދުނު މީހުންގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަމެއް ނުލިބި ތިބި މީހުން ވެސް ހިމަނައިގެން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ 21،000 އާއިލާ އަށް ހައުސިން ޕްރޮވައިޑް ކޮށްދިނުން ޓާގެޓަކީ. އެއީ ކޮންމެހެން އަލަށް ފަށާ މަޝްރޫއުތަކުގެ ވާހަކައެއް ވެސް ނޫން މި ދަންނަވަނީ، މިއަދުގެ ހާލަތުގައި ނުވަދެވި ތިބި 21،000 އާއިލާގެ ވާހަކަ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ އާބާދީގެ 15 ޕަސެންޓު އާއިލާތައް ފަގީރެވެ. މާނައަކީ އާއިލާގެ ކޮންމެ މީހެއްގެ ބޮލަކަށް ދުވާލަކަށް 74ރ. ނުޖެހޭ އާއިލާތައް ތިބުމެވެ. މިނިސްޓަރު ވިދާޅުވީ އެއީ، މި ސަރުކާރުން އަމާޒު ހިފާފައިވާ ކައުންސިލް ހައުސިން އަށް ވަންނަން ޖެހޭ އާއިލާތަކެވެ. ކައުންސިލް ހައުސިންއަކީ އެހެން ގައުމުތަކުގައި ވެސް މީހުން މަގުމަތިވިޔަ ނުދޭން ވަންނަ ތަންތަން ކަން އޭނާ ފާހަގަކުރެއްވި އެވެ. އަސްލަމް ވިދާޅުވި ގޮތުގައި ކައުންސިލް ހައުސިން އަށް ވަންނަން ޖެހޭ 3،152 އާއިލާ މާލޭގައި އެބައުޅެ އެވެ.