Roadha Mihaaru
ފްލެޓްތަކުގެ ފިނިޝިންއާއެކު ޔުނިޓެއް 66،000ޑޮލަރަށް

މިސަރުކާރުން ތިން ކޮޓަރީގެ ފްލެޓް އަޅަނީ ފިނިޝިންއާ އެކު، ޔުނިޓެއް 66،000 ޑޮލަރަށް

18 ޖޫން 2021

މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓްތައް އަޅަނީ ފިނިޝިން މަސައްކަތްތައް ހިމެނޭ ގޮތަށް ޔުނިޓެއް 62،000-66،000 ޑޮލަރާ ދެމެދުގެ އަގަކަށް ކަމަށް ރައީސް އޮފީހުން އިއްޔެ ބުނެފި އެވެ. މި އަދަދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި ހިޔާ މަޝްރޫއުގެ ދެ ކޮޓަރީގެ ފްލެޓްތަކުގެ ޔުނިޓަކަށް ގާތްގަނޑަކަށް ޖެހޭ އަގެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓްތައް އަޅަނީ ފިނިޝިން މަސައްކަތްތައް ހިމެނޭ ގޮތަށް ޔުނިޓެއް 62،000-66،000 ޑޮލަރާ ދެމެދުގެ އަގަކަށް ކަމަށް ރައީސް އޮފީހުން އިއްޔެ ބުނެފި އެވެ. މި އަދަދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި ހިޔާ މަޝްރޫއުގެ ދެ ކޮޓަރީގެ ފްލެޓްތަކުގެ ޔުނިޓަކަށް ގާތްގަނޑަކަށް ޖެހޭ އަގެވެ.

ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓް އެޅުމަށް ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފްލެޓްތަކުގެ ފިނިޝިން މަސައްކަތް އެ ކުންފުނިން ނުކުރާނެ އެވެ. އެ މަސައްކަތް ކުރަން ޖެހެނީ އެތަންތަން ލިބޭ މީހުންގެ އަމިއްލަ ހަރަދުގަ އެވެ. އަދި ފްލެޓް އެޅުމުގެ މަސައްކަތް އެ ކުންފުނިން ކުރަނީ ޔުނިޓަކަށް 62،000 ޑޮލަރުގެ އަގުގަ އެވެ.

ރައީސް އޮފީހާއި އެޗްޑީސީ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި ސަރުކާރުން ތިން ކޮޓަަރީގެ ފްލެޓް އަޅަނީ ފިނިޝިން މަސައްކަތް ވެސް ހިމަނައިގެން ކަމަށެވެ. އެކަމަކު ހިޔާ މަޝްރޫއުގައި ދެ ކޮޓަރީ ފްލެޓްތައް ހިމެނޭއިރު އެތަން ވެސް އަޅާފައި ވަނީ ބޮޑު އަގުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނަށް ވުރެ [ހިޔާ ފްލެޓް] އަށް ވުރެ ބޮޑުވާނެ، 750 އަކަފޫޓަށް ވުރެ ބޮޑުވާނެ ކޮންމެ ޔުނިޓެއް ވެސް އޭގެ ތިން ކޮޓަރީގެ ޔުނިޓެއް ހަދަން، އެއީ ކުލަލައި ފަންކާ ހަރުކޮށް، ތަށިމުށި ޖަހައި މިހުރިހާ ކަމެއް ކުރީމަ މިސަރުކާރުގެ ތިން ކޮޓަރީގެ އެޕާޓްމަންޓްްތަކަށް މިހާރު އެއްބަސްވެފައިވާ އަގުތައް އުޅެނީ ގާތްގަނޑަކަށް 62،000-66،000 ޑޮލަރާ ދެމެދުގައި،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ހިޔާ ފްލެޓް އަޅަން ހަވާލުކުރީ ތިން ކޮޓަރީގެ އެޕާޓްމަންޓް ހެދުމަށްދާ އަގުގަ އެވެ. އަދި އެފަދަ ބޮޑު އަގެއްގައި ހަދާއިރު އެތަނުގެ އެތެރޭގެ އެއްވެސް މަސައްކަތެއް ހިމަނާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓް އަޅަން ހަވާލުކުރި ކުންފުންޏަކީ އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވެރިކަން ފާޅުކޮށް ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏެވެ.

އެ މަޝްރޫއު ހިންގުމަށް ހަވާލުކުރި ކުންފުނި ފިޔަވައި އެހެން ހުރިހާ ކުންފުންޏަކުން ވެސް ޕްރޮޕޯސަލް އަގުކޮށްފައި ވަނީ ޔުނިޓެއް 50،000 ޑޮލަރު (771،000ރ.) އާއި 52،000 ޑޮލަރު (801،840ރ.) އާ ދެމެދުގަ އެވެ.

"މާލޭގައި ކޮމްޕެޓިޓިވްކޮށް ކޮންސްޓްރަކްޝަން ރަނގަޅަށް ފިނިޝިންއާ އެކު ހަދާ ތަނަކަށް ވުރެ ވެސް އަގު ބޮޑު. އޭރުގެ ސަރުކާރަށް ދެން ހުށަހަޅާފައި ހުރި ހުރިހާ ޕްރޮފޯސަަލްގެ ތެރެއިން ވެސް އެންމެ އަގުބޮޑު ޕްރޮޕޯސަލް. އަދި މިހާރު މި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކާ އަޅާ ކިޔާއިރު މި ސަރުކާރުން އަޅާ ތިން ކޮޓަރީގެ 750 އަކަފޫޓުގެ ފިނިޝިންއާ އެކީ އެޕާޓްމަންޓެއްގެ އަގު މީގެ ޔުނިޓަކަށް އެބަޖެހޭ،" މަބްރޫކް ވިދާޅުވި އެވެ.

މި ސަރުކާރުން އެޕޯލޯ ހޯލްޑިންއާ ހަވާލުކޮށްގެން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ ހައުސިން މަޝްރޫއުގެ ދަށުން 1،000 ފްލެޓް އަޅާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގެ 120 ޔުނިޓާއި އެފޯޑަބަލް ހައުސިންގެ 220 އަދި މިޑްރޭންޖް ހައުސިންގެ 660 ޔުނިޓެވެ. އޭގެ އިތުރުން ވެސް ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް އެބަ ކުރިއަށް ގެންދެ އެވެ.