02 އޮކްޓޯބަރ 2022
ސަރުކާރުގެ އެކި ސްކީމުތަކުން ލިބޭ ފްލެޓަށް ކުލި ނުދައްކާ ބައެއް މީހުން އެ ތަނުގައި އުޅެމުންދާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ކޮންމެ ސަރުކާރެއްގައި އެ ޝަކުވާތައް ކުރިޔަސް ނުވާ ކަމަކީ އެ މީހުންނާ މެދު ފިޔަވަޅެއް އެޅުމެވެ. މަތިމަތިން ޖޫރިމަނާ ކުރިޔަސް ފްލެޓަށް ފައިސާ ނުދައްކައި އެތައް އަހަރެއް ވަންދެން އެ ތަނުގައި އުޅެމުން އެ ދަނީ "ފްލެޓް އަތުލުން" ކަހަލަ ހަރުކަށި ފިޔަވަޅެއް މިހާތަނަށް އެއްވެސް ސަރުކާރަކަށް އަޅާފައި ނުވާތީ ކަމަށް މީހުން ބުނެ އެވެ. އެކަމަކު، އެއީ އެންމެ ހާލުގައި އުޅޭ މީހުންނަށް ބޭއިންސާފެއް ކަމަށް ގަބޫލު ކުރެވެ އެވެ.
ސަރުކާރުގެ އެކި ސްކީމުތަކުން ލިބޭ ފްލެޓަށް ކުލި ނުދައްކާ ބައެއް މީހުން އެ ތަނުގައި އުޅެމުންދާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ކޮންމެ ސަރުކާރެއްގައި އެ ޝަކުވާތައް ކުރިޔަސް ނުވާ ކަމަކީ އެ މީހުންނާ މެދު ފިޔަވަޅެއް އެޅުމެވެ. މަތިމަތިން ޖޫރިމަނާ ކުރިޔަސް ފްލެޓަށް ފައިސާ ނުދައްކައި އެތައް އަހަރެއް ވަންދެން އެ ތަނުގައި އުޅެމުން އެ ދަނީ "ފްލެޓް އަތުލުން" ކަހަލަ ހަރުކަށި ފިޔަވަޅެއް މިހާތަނަށް އެއްވެސް ސަރުކާރަކަށް އަޅާފައި ނުވާތީ ކަމަށް މީހުން ބުނެ އެވެ. އެކަމަކު، އެއީ އެންމެ ހާލުގައި އުޅޭ މީހުންނަށް ބޭއިންސާފެއް ކަމަށް ގަބޫލު ކުރެވެ އެވެ.
އެ ކަންބޮޑުވުންތައް އަނެއްކާ ވެސް ފެންމަތިމިވީ ސަރުކާރުތަކުން މިހާތަނަށް ހިންގާފައިވާ އެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ 31-41 ޕަސެންޓް މީހުން އެ ތަންތަނުގައި އުޅެމުންދަނީ ކުލި ނުދައްކާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވުމާ ގުޅިގެންނެެވެ. މިއީ އާންމުކޮށް ސަރުކާރުތަކުން އެހާ ބޮޑަށް ދައްކާ ވާހަކައެއް ނޫނެވެ. ސޯޝަލް ހައުސިން ސްކީމުތަކުން ފްލެޓް ލިބޭ މީހުން ކުލި ނުދައްކާ ވާހަކަ ތުންތުންމަތިން ދެއްކެވުނަސް މިދިޔަ ސަރުކާރުތަކުގައި އެއީ "ސިއްރު" ކަމެކެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އިމާރާތްކުރި ފްލެޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރެއްވީ އެ މައްސަލަައިގަ އެވެ.
ކުރިން ސަތޭކައެއްހާ ފްލެޓް އިމާރާތްކުރާއިރު އޭގެ ތެރެއިން 40 ޕަސެންޓް މީހުން މަހުން މަހަށް ފައިސާ ނުދެއްކިއްޔަސް ސަރުކާރަށް "ކެތްވާ" ކަމަށް އަސްލަމް ވިދާޅުވި އެވެ. އެއީ އޭރުގެ ހާލަތެވެ. އެހާ ގިނަ ފްލެޓްތައް އޭރު ސަރުކާރުން ނާޅާތީ ދައުލަތަށް ބުރަ ބޮޑު ނުވަނީ ކަމަށް ވެސް ވެދާނެ އެވެ.
އެކަމަކު މިހާރު ހާހުން ފްލެޓް ދޫކުރާއިރު، މަހުން މަހަށް ފައިސާ ނުދެއްކުމުން "ދެކޮޅު ޖެއްސޭނެ" ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެ މަޝްރޫއުތައް ގެންދެވޭނީ އެންމެން ވެސް ގަވާއިދުން ފައިސާ ދައްކައިގެން ކަމަށް މިހާރުގެ މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
ހިތާމައާ އެކީ ދަންނަވަން ޖެހެނީ އެކި ނަން ނަމުގައި ސަރުކާރުން ހިންގާފައި ހުރި މަޝްރޫއުތަކަށް މަހުން މަހަށް ދައްކަން ޖެހޭ ލާރި، 31 ޕަސެންޓާއި 41 ޕަސެންޓާ ދެމެދުގެ މީހުން، ހަމައަށް ގަވާއިދުން ދައްކަމުން ނުދޭ -- އަސްލަމް
އޭނާގެ އެ ކަންބޮޑުވުންތަކާ އެކު އާންމުން ވެސް އުފައްދަނީ ސުވާލެކެވެ. ވަޒީރަކަށް ނޭޅުއްވުނު ފިޔަވަޅެއް ދެން އެޅޭނީ ވަކި ކޮން ބަޔަކަށްތޯ އެވެ؟ ފްލެޓްގެ އަގަށް އެއްބަސްވެ އެ ތަނަށް ވަނުމަށް ފަހު، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ، އެ ތަން އަތުލުމުގެ ބާރު ދައުލަތަށް އޮންނަން ވާނެ ކަމަށް ގިނަ މީހުން ދެކެ އެވެ.
ސަރުކާރު ސްކީމުތަކުން ފްލެޓް ލިބުނު 41 ޕަސެންޓް މީހުން ގަވާއިދުން ކުލި ނުދައްކާ: އަސްލަމް https://t.co/U4U9R72Dhx
— Mihaaru (@Mihaarunews) October 1, 2022
މިނިސްޓަރުގެ ކަންބޮޑުވުން "މިހާރު" ގައި އިއްޔެ ޝާއިއުކުރުމާ އެކު، އެ ޚަބަރަށް ކޮމެންޓްކުރި ގިނަ ބަޔަކު ވަނީ ފްލެޓަށް ފައިސާ ނުދައްކާ ނަމަ، ފްލެޓަށް ދެން ކުރިމަތިލި އެހެން މީހުންނަށް އެ ތަންތަން ދޭން ޖެހޭ ކަމަށް ބާރު އަޅައި ވާހަކަ ދައްކައިފަ އެެވެ. އެ މީހުންގެ ކަންބޮޑުވުމަކީ ދަތިހާލުގައި އުޅޭ އެތައް ބަޔަކު ވެސް އެ ތަނަށް ކުލި ދައްކައިގެން އުޅެން ތިއްބައި، ކުލި ނުދައްކާ މީހުންނާ މެދު ހަމަ އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލާފައި އޮންނަ އޮތުމެވެ.
ސަރުކާރުގެ ހައުސިން ސްކީމުގެ ތެރެއަށް އުސޫލުގެ ތެރެއިން ނަމަ ވަންނާނީ ބޮޑު ކުލި ދެއްކުމުގައި އުނދަގޫ ވެފައިވާ މީހުންނެވެ. ވަރަށް ދަތި ހާލުގައި އުޅޭ އާއިލާތަކެވެ. އެ މީހުން ސަރުކާރުގެ ސްކީމުން ޖާގަ ހޯދާނީ ކުޑަ ކުއްޔެއްގައި ހަޔާތް ވެއަތު ކުރުމަށެވެ. ނަމަވެސް އެ ތަން ލިބުމަށް ފަހު، އެ ކުޑަ ކުލި ވެސް ނުދައްކާ ނަމަ އެއީ މިހާރު ހާލުގައި އުޅޭ އަދި ކުލި ބޮޑުވެގެން ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމަށް ފެންބޮވައިގެންފައިވާ މީހުންނަށް ހަޖަމު ކުރެވޭނެ ކަމެއް ނޫނެވެ. އެ ކަން ވާނީ ވެސް އެހެންނެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެއް ބަޔަކު ބާރު އަޅާފައި ވަނީ ދައްކަން ޖެހޭ ފައިސާ ނުދައްކާ މީހުންނާ މެދު ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށެވެ. ސަބަބަކީ ފިޔަވަޅު ނާޅައި، ދޫކޮށްލާފައި އޮތުމުން ކުލި ނުދައްކާ މީހުން އިތުރުވެ، ސަރުކާރަށް ބޮޑު ބުރައަކަށް ވެދާނެތީ އެވެ.
"ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާ މެދު އަވަހަށް ފިޔަވަޅު ނާޅައިފި ނަމަ މިކަން އިތުރަށް ފުޅާވަމުންދާނެ އަދި ކުލި ނުދައްކާ މީހުން ވަކި ވަރަކަށް ވުރެ އިތުރު ވެއްޖިއްޔާ އެ މީހުންނާ މެދު ފިޔަވަޅެއް އެޅުމަކީ ވެސް ވަރައް އުނދަގޫ ކަމަކަށް ވާނީ. އޭރުން އެ ފައިސާ ދައްކަން ޖެހޭނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސްތަކުން އަދި އެ ދުވަހަކުން އިތުރު ފްލެޓް ދިނުމަކީ އެއްވެސް ސަރުކާރަކަށް ފަސޭހަ ކަމަކަށް ނުވާނެ، "މިހާރު"ގައި ޝާއިއުކުރި ޚަބަރަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.
"އެެހެން ގައުމުތަކުގައި ރެޑް ނޯޓިސް ތަތްކޮށްފައި ބޮޑުތަޅު އަޅުވާ. ސަރުކާރު މި އަށް ވުރެ ރަނގަޅަށް ހިންގަން ޖެހޭ.
ރާއްޖޭގައި މިހާތަނަށް ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއްގައި ފައިސާ ނުދެއްކިޔަސް ފްލެޓް އަތުލެވިފައެއް ނެތެވެ. އެހެންވެ، މަތިމަތިން ޖޫރިމަނާ ކުރިޔަސް ފްލެޓް ބީނުވާނެ ކަމުގެ ޔަގީންކަން އޮންނާތީ އެ މީހުން ފައިސާ ނުދައްކައި އުޅެން ވެސް ފަސްނުޖެހެނީ އެވެ.
އެކަމަކު މާލޭގައި ކުޑަ ތަންކޮޅެއްގެ ތެރޭގައި ބޮޑު ކުލި ދައްކައިގެން އުޅެންޖެހޭތީ އެ ހާލުން މިންޖުވެ، ސޯޝަލް ހައުސިން ސްކީމުގެ ތެރޭގައި ހަމަޖެހިލުމަށް ފްލެޓަށް ކުރިމަތިލާއިރު އެ ތަންތަނަކީ މާލޭގައި ކުއްޔަށް އުޅެމުންދާ ތަންތަނަށް ވުރެ މާބޮޑަށް ވެސް ކުލި ހެޔޮ ތަންތަނެވެ. އެކަމަކު ފްލެޓް ލިބޭ ހިސާބުން ގަވާއިދުން ކުލި ނުދައްކާ، ޖޫރިމަނާ ބޮޑުވަމުންދެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވަނީ ކީއްވެތޯ ސުވާލުކުރުމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފިޔަވަޅު އަޅާނެ "ޕޮލިސީއެއް ނެތް" ކަމަށެވެ.
"އެހެންވީމާ މިހާތަނަށް އެއްވެސް ސަރުކާރަކަށް ފިޔަވަޅެއް ނޭޅޭ،" އަކްރަމް ވިދާޅުވި އެވެ.
ގޯތިގެދޮރާ ބެހޭ ވަޒީރުގެ ކަންބޮޑުވުން އިއްޔެ ބަންޑުން ކޮށްލެއްވިޔަސް ކުލި ނުދައްކާ މީހުންނާ މެދު އަޅާނެ ފިޔަވަޅެއް ނުވަޔަ ޕޮލިސިއެއް ވުޖޫދު ވާނެ ކަމެއް ސާފެއް ނުވި އެވެ.
ކުރީގެ ދެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ފްލެޓަށް ފައިސާ ނުދައްކާ މީހުންނާ މެދު އަމަލުކުރާނެ ގޮތެއްގެ ޕޮލިސީއެއް ކަނޑައަޅާފައި އޮތުމަކީ މުހިއްމު ކަމެކެވެ.
"ޕޮލިސީއެއް ނޯވޭ މިހާތަނަށް ހެދިފައެއް ފައިސާ ނުދައްކާ މީހުންނާ މެދު އަމަލުކުރާނެ ގޮތެއްގެ. އެކަމަކު އަޅުގަނޑު ވެސް ގަބޫލުކުރަން އެއީ ވަރަށް މުހިއްމު ކަމެއް. ގަވާއިދެއް އެއްޗެއް ހެދިފައި އޮތުން. ނޫނީ ހަމަ އޭގެ ނާޖާއިޒު ފައިދާ ނަގާ މީހުން ވެސް އުޅޭނެ ކަމަށް ގަބޫލުކުރެވޭ،" އިދިކޮޅު ޕީޕީއެމްގެ އިސް މެމްބަރު މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ޑރ. މުއިއްޒު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެހާ މުހިއްމު މަސައްކަތެއް ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވާ ނުކުރެއްވީ ކީއްވެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އޭރު ވެސް ދެތިން ސާވޭއެއް ހެދި ކަމަށާއި އެކަމަކު ސޯޝަލް ހައުސިން ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކަކަށް ވާތީ ކޮންމެ ސަރުކާރަކަށް ވެސް ދޫދެވެނީ ކަމަށެވެ.
"ދެ ސާވޭއެއް ހެދިން އޭރު ވެސް. ކުލި ދައްކަނީ ކޮން ބައެއްތޯ އާއި ކުއްޔަށް ދިނީ ކޮން ބައެއްތޯ ބެލުމަށް. މުޅިން ފައިނަލް ނުކުރެވި އޮތީ އޭރު ވެސް އަޅަންވީ ފިޔަވަޅުތައް. ފްލެޓް އަތުލެވޭނެ ހާއްސަ އުސޫލެއް ކަނޑައަޅަންޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.
"އެކަމަކު ސޯޝަލް ހައުސިން ސްކީމު ވީމާ ވަރަށް ހާލުގައި އުޅޭތީ ފްލެޓް ލިބިފައި މި ހުރީ. އެ މީހުންނަށް ބޯހިޔާވަހިކަން ވެސް ލިބެން ވާނެ. ދައުލަތަށް ފައިސާ ވެސް ލިބެން ވާނެ."
ހުޅުމާލޭގެ ކަންކަން ބަލަހައްޓާ ކުންފުނި، އެޗްޑީސީން ވަނީ އެ ތަނުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ފްލެޓްތަކަށް ފައިސާ ނުދައްކާ މީހުން އެކި ފަހަރު މަތިން ޖޫރިމަނާކޮށްފަ އެެވެ. ނަމަވެސް ކުއްޔާ އެކު ޖޫރިމަނާ ފައިސާ މައްޗަށް އަރަމުން ދިޔަޔަސް ކުރާނެ ކަމެއް ނެތެވެ.
ފައިސާ ނުދައްކާ އެތައް މަހެއް ވުމުން އެޗްޑީސީ އާއި ހައުސިން މިނިސްޓްރީން ވަނީ އެތައް އިންޒާރެއް ދީ، ބައެއް މީހުންގެ މައްސަލަ ޝަރުއީ މަރުހަލާ އަށް ގެންގޮސްފަ އެވެ. އެކަމަކު ދާއިމީ ހައްލެއް ނުލިބުނެވެ.
އެ މައްސަލައާ ގުޅިގެން މުއިއްޒު ވިދާޅުވީ ބައެއް މީހުންނަށް ކުލި ނުދެއްކިގެން އުޅެނީ ފްލެޓްގެ ކުލި ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އެޗްޑީސީން ޖޫރިމަނާ ދެއްކުމުގައި ވެސް ގެންގުޅެނީ ހަރުކަށި ގޮތްތަކެއް ކަމަށާއި ކުލި އަދި ސާވިސް ފީ ބޮޑުވުމުގެ ސަބަބުން ހާލުގައި އުޅޭ މީހުންނަށް ފައިސާ ދައްކަން ދަތިވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފްލެޓްގައި އުޅޭ ގިނަ މީހުންނަކީ އާމްދަނީ ކުޑަކޮށް ލިބޭ މީހުން. އަދި ކުލި ދައްކާފައި އެހެން ހަރަދުތައް ވެސް ބަލާފައި އެފޯޑަބަލް ނުވާތީ ފޭސް އެކެއްގައި ވެސް ބައެއް މީހުން އެ އުޅެނީ އެއް ކޮޓަރި ކުއްޔަށް ދީގެން އާމްދަނީ ހޯދައިގެން. އެހެންވީމާ ސަރުކާރުން އެ މީހުންނަށް ޖޫރިމަނާ ދެއްކޭނެ ގޮތްތަކަކާއި ހެޔޮ އަގުތަކެއް ހޯދައިދޭން ޖެހޭނީ،" މުއިއްޒު ވިދާޅުވި އެވެ.
ފިނިޝިންގެ މުއްދަތު އިތުރުނުކޮށްދީގެން ހިޔާ ފްލެޓްތައް ކައިރީގައި މުޒާހަރާ ކުރަނީ.
މުއިއްޒު ވިދާޅުވިގޮތުގައި، ފްލެޓަށް ފައިސާ ދެއްކުމުގައި އޭނާ ދެކޮޅެއް ނޫނެވެ. އެކަމަކު އެ މީހުންގެ ހާލަތާ އެއްވަރަށް އެ މީހުންނަށް ލުއި ގޮތްތަކެއް ފަހިކޮށްދީގެން، ދައުލަތަށް ފައިސާ ހޯދޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވަ އެވެ.
"ދެކޮޅަށް ވެސް ފައިދާވާންޖެހޭ. އެ މީހުންނަށް ބޯހިޔާވަހިކަން ލިބިފައި ދައުލަތަށް ފައިސާ ވެސް ލިބޭނެ ގޮތަކަށް ލުއި ކޮށްދީގެން ދެކޮޅަށް ފައިދާވާނެ ގޮތަކަށް ކުރެވޭނީ،" މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުން ފްލެޓް ލިބި ބައެއް މީހުން އެ ތަންތަން ބޮޑު އަގުގައި ކުއްޔަށް ދީގެން މާލޭގައި ކުއްޔަށް ވެސް އުޅެމުން އެބަދެ އެވެ. އަނެއް ބަޔަކު އެ ސްކީމުގައި ލައްވާ ނުލައިގެން މާލޭގައި ގަނަތެޅެމުން އެބަދެ އެވެ. އެހެންވީމާ، އެ ސްކީމުގެ އެއްބަސްވުމާ އެއްގޮތަށް ކުޑަ އަގެއް ދައްކައިގެން އެ ތަނުގައި އުޅެން ބޭނުންވާ އެތައް ހާސް ބަޔަކު ތިއްބާ، ފްލެޓަަށް ކުލި ނުދައްކާ ބަޔަކަށް އެ ތަން ދޫކޮށްލުން އެއީ އެންމެ އިންސާފުވެރި ގޮތްތޯ ސުވާލު އުފެދެ އެވެ. މިހާރުގެ ސަރުކާރުގެ ކަމާ ގުޅޭ ވަޒީރު އެ ވާހަކަ އެހާ ފާޅުގައި ދެއްކެވުމުން އެ މައުލޫއު ނުހުޅުވޭނެ ގޮތެއް ނެތެވެ.
ސަރުކާރުން ސާވޭއެެއް ހަދައިގެން ވިޔަސް އެ ތަނުގައި އުޅޭ މީހުންގެ ހާލަތު ބަލައި ސްކީމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވައި، ސޯޝަލް ސްކީމުތަކުގެ ފައިދާ ކުރާނެ ގޮތަކަށް އުސޫލުތައް ހަރުދަނާ ކުރަން ޖެހެ އެވެ. ހަމައެކަނި އިންޒާރަކުން ހައްލެއް ނެތެވެ. އެހެން ނޫނީ ދަތި ހާލުގައި، ބޮޑު ކުލީގައި އުޅޭ މީހުންނަށް ލިބެނީ ދެރަ އެވެ. އަނެއްކޮޅުން ސަރުކާރު ވީމާ އޭގެ ނާޖާއިޒު ފައިދާ ނެގުން ވާނީ އިތުރެވެ.
ފްލެޓްގެ ފިނިޝިންއަށް ޕެންޝަން ފައިސާ ބޭނުންކުރެވެންޖެހޭ
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
މާލޭގައި މީހުން އުޅެނީ ކިހާ ޖާގައެއްގަތޯ ބެލިފައެއްނެތް
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
"އުސޫލާ ހިލާފަށް އެއްވެސް ބަޔަކަށް ފްލެޓް ނުދެވޭނެ"
"ގޯތި ފޯމުތަކުގެ އިވެލުއޭޝަން ޖޫން ކުރީކޮޅު ނިމޭނެ"
ވިނަރެސް ބާކީ ފްލެޓަށް ހުޅުވާލާނީ މަރުހަލާތައް ނިމުނީމާ
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
ގަމުގައި 100 ފްލެޓް އިމާރާތްކުރަން އެސްޖޭ އަށް