Roadha Mihaaru
"އުސޫލާ ހިލާފަށް އެއްވެސް ބަޔަކަށް ފްލެޓް ނުދެވޭނެ"

ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އެއްވެސް ބަޔަކަށް ފްލެޓް ނުދެވޭނެ: އަސްލަމް

26 އެޕްރީލް 2023

ސޯޝަލް ހައުންސިން ފޯރުކޮށްދޭން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އެއްވެސް ބަޔަކަށް ފްލެޓް ނުދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސޯޝަލް ހައުންސިން ފޯރުކޮށްދޭން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އެއްވެސް ބަޔަކަށް ފްލެޓް ނުދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ހުުޅުމާލޭގެ ކަންކަން ހިންގައި ބަލަހައްޓާ ކުންފުނީގެ ބައެއް ވެރިންނަށާއި ބައެއް މުވައްޒަފުންނަށް ގަވާއިދާ ހިލާފަށް ފްލެޓްތަކެއް ދިން މައްސަލަ ފެންމަތި ވެފައި ވަނިކޮށް، އެކަމާ ބެހޭގޮތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވީ، އާބަންކޯ އަށް ވެސް އެ އުސޫލު ހިއްސާކޮށް، އެ ގަވާއިދުގެ ތެރެއިން ނުނީ ނުދެވޭނެކަން އަންގާފައިވާނެ ކަމަށެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ --- ފޮޓޯ: މަޖިލިސް

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ --- ފޮޓޯ: މަޖިލިސް

"ކުންފުނިތަކުން އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތްކުރާ ފްލެޓްތައް ކަމަށް ވިޔަސް އެ ކްރައިޓީރިއާތަކަށް ފެތެން ޖެހޭނެ. އަޅުގަނޑަށް މައްސަލައެއް ނެތް ކުންފުންޏެއްގެ ހަރަދުގައި އަޅާ އިމާރާތެއްގައި އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ކުރުމުގައެއް. އެ ކްރައިޓީރިއާ އަށް ފެތެންޖެހޭނެ،"އަސްލަމް ވިދާޅުވި އެވެ.

"ކުންފުނީގެ މުވައްޒަފަކަށް ވިޔަސް ސޯޝަލް ހައުސިން ކެޓަގަރީ އަށް ފެތޭ މީހަކަށް ސޯޝަލް ހައުސިން ކެޓަގަރީން ދޭން ޖެހޭނީ. އަދި ފްލެޓެއް ހުރި މީހަކަށް ވެސް ފްލެޓެއް ލިބިގެން ނުވާނެ."

އަސްލަމް ވިދާޅުވިގޮތުގައި، އެކަން ވަރަށް ސާފުކޮށް ކުންފުނިތަކަށް އަން ވާނެ އެވެ. އެއާ ހިލާފަށް ބަޔަކު ކަމެއް ކުރީމާ ބަލަން ޖެހޭ ބެލުންތައް ބަލައި ފިޔަވަޅު ވެސް އަޅުއްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ މިހާރު ތިޔަ ޒާތުގެ ކަމެއް ފެންމަތިވެގެން އުޅޭކަން،" އެޗްޑީސީގެ މައްސަލަ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމުން އެކަމަށް އިޝާރާތް ކުރައްވައި އަސްލަމް ވިދާޅުވި އެވެ.

"ފުރަތަމަ އެ މައްސަލަ ޖެހުނީމާ ވެސް އަޅުގަނޑު ދެންނެވި ނޫނެކޭ އަޅުގަނޑުމެން ކަނޑައަޅާފައި އޮތް އުސޫލާ އެއްގޮތަށޭ ކުރިއަށް ގެންދާން ވާނީ. އެ ގޮތަށޭ ދޭން ޖެހޭނީ."

އާބަންކޯ އިން އެ ކުންފުނީގެ މުވައްޒަފުންނަށް ދޫކުރާ ފްލެޓުތަކުގެ ތެރެއިން 34 ފްލެޓެއް ބައެއް ވެރިންނަށް ދޭން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިސްޓަކީ ހަގީގަތެއް ނެތް އެއްޗެއް ކަމަށް އެ ކުންފުނިން ވަނީ ކުރިން ބުނެފަ އެވެ.