Roadha Mihaaru
ފްލެޓްތަކުގެ ފިނިޝިން އަށް ލޯނު ދޫކުރާނެ: ޔޫނިއަން

ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތްތަކަށް ލޯނު ދޫކުރާނެ: ޔޫނިއަން

05 ޖުލައި 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ އިންޓީރިއާ ފިނިޝިން އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ލޯނު ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ހިޔާ ފްލެޓް ޔޫނިއަނުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ އިންޓީރިއާ ފިނިޝިން އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ލޯނު ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ހިޔާ ފްލެޓް ޔޫނިއަނުން ބުނެފި އެވެ.

ހިޔާ ފްލެޓްތަކުގެ މައްސަލައިގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދުގެ އިތުރުން ރައީސް އޮފީހުގެ ކަމާ ގުޅޭ އިސްބޭފުޅަކާއެކު އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހު، ހިޔާ ފްލެޓު ޔޫނިއަނުން ބުނީ، ބީއެމްއެލާއި އެޗްޑީއެފްސީ މެދުވެރިކޮށް، ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ބޭނުންވާ ލޯނު ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެއީ ސަރުކާރު މެދުވެރިވެގެން ދޫކުރާ ލޯނެއް ނޫން ކަމަށް ވެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް އާއި އެޗްޑީއެފްސީ އިން ރަސްމީކޮށް އަދި މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ. ޔޫނިއަނުން ބުނެފައިވާ ވާހަކަތަކުގެ ހަގީގަތެއް އެހާ ސާފު ނުވި ނަމަވެސް ހިޔާ ފްލެޓުގެ ފިނިޝިންގެ މަސައްކަތްތަކަށް ލޯނު ދޫކުރަން ބައެއް ބޭންކުތަކުން ނިންމާފައިވާ ކަމަށް ވެ އެވެ.

ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނުނިންމައި، އެ ތަންތަން ހަވާލުކުރާތީ ގިނަ ބަޔަކު ވަނީ އެކަމުގެ ޝަކުވާކޮށްފަ އެވެ. ފްލެޓް ލިބުނު މީހުންގެ އަމިއްލަ ހަރަދުގައި ބޮތްކާއި ފަންކާ އާއި ތަށިމުއްޓާއި އަދި ދޮރާއިދޮރުފަތް ހަރުކުރުމާއި ބަދިގެ ސެޓް ޖެހުމުގެ ހަރަދުތައް ކުރަން ޖެހޭއިރު އެ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތެއް ހޯދައިދިނުމަށް ވެސް ކުރިން ގޮވާލާފައިވެ އެވެ.

ހައުސިން މިނިސްޓަރާ އެކު ޔޫނިއަނުން ބޭއްވި ބައްދަލުވުމުގައި ފްލެޓްތަކުގެ އަގު ކުޑަކުރުމަށް މަޝްވަރާކުރިއިރު، މާލީ ހާލަތު ދަށް މީހުންނަށް ދައުލަތުން ސަބްސިޑީ ހަމަޖައްސައި ކުލި ކުޑަކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި ކަމަށް ޔޫނިއަނުން ހިންގާ ވައިބާ ގުރޫޕްގައި އެ ޖަމާއަތުން ބުންޏެވެ.

ހިޔާ ފްލެޓް ޔޫނިއަނުން ބުނީ، އެންސްޕާ މެދުވެރިކޮށް ސޯޝަލް ހައުސިން ބެނެފެޝަރީގައި ރަޖިސްޓަރީވުމަށް މިނިސްޓަރު އަސްލަމް އެދިވަޑައިގަތް ކަމަށާއި އޭގެ ދަށުން ސަބްސިޑީ ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށެވެ.

އަނެއް ކަމަކީ ޔޫނިއަނުން އެދުނު ގޮތަށް "ގާބޭޖް ޝޫޓް" ގާއިމުކުރެވޭނެ އޮތް ގޮތެއް ބަލައި އެކަން ކުރުމަށް އެޗްޑީސީ އަށް އެންގުމެވެ. އަދި ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އިންޓީރިއާ ފިނިޝިން ނުނިންމޭ މީހުންނަށް ގްރޭސް ޕީރިއެޑް އިތުރުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު އަސްލަމް ދެއްވި ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

އެކަމަކު މިކަމާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، ގޯތިގެދޮރު ހޯދައި ދިނުމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއުގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގެ ފިނިޝިން އަށް ބޭނުންވާ ލޯނު ދިނުމަށް މާލީ އެކި އިދާރާތަކުން މަޝްވަރާ ކުރާ ކަމަށެވެ. ނަމަވެސް އެކަމުގައި އަދި ގޮތެއް ނިމިފައިވާ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ހިޔާ ފްލެޓްތައް ލިބުނު މީހުންނާ އެކު މި މަހުގެ 14 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާއިރު އޭގައި ސޮއިކުރާނީ ފަހަރަކު ޓަވަރަކުން ޓަވަރަކުން ނިންމައިގެންނެވެ. ކޮންމެ ދުވަހަކު ވެސް މަދުވެގެން 300 އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.

"އީދު ބަންދު ދުވަސްތަކުގައި ހައްޖު ދުވަހާއި އީދު ދުވަސް އަދި ވަޅު އީދު ދުވަސް ފިޔަވައި ބާކީ ދުވަސްތަކުގައި ވެސް ސޮއިކުރުން ކުރިއަށް ގެންދިއުމަށް މިނިސްޓަރު އެޗްޑީސީ އަށް އެންގެވި. އެހެންވީމާ އެ ދުވަސްތަކުގައި ވެސް ސޮއިކުރުން ކުރިއަށް ދާނެ. ޖުމުލަ 30 ދުވަހުން އެގްރީމެންޓްގެ ސޮއިކުރުމުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން [މިނިސްޓަރު] އެރުވި،" ފްލެޓް ޔޫނިއަންގެ ވައިބާ ގުރޫޕުގައި ވެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި 6،720 ފްލެޓްތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 25 އަހަރަށް ބަހާލައިގެން މަހަކު 7،500ރ. އަދި ސާވިސް ފީ އަށް 1.000ރ. އެވެ.