Roadha Mihaaru
އެފްޑީސީގެ ފްލެޓްތައް ހާއްސަކުރަނީ މާލޭގެ މީހުންނަށް

އެފްޑީސީން އިމާރާތްކުރާ 4،000 ފްލެޓް ހާއްސަ ކުރަނީ މާލޭގެ މީހުންނަށް

23 ނޮވެމްބަރ 2021

މި ސަރުކާރުން އުފެއްދި ބޯހިޔާވަހިކަމުގެ ކުންފުނި، ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އިމާރާތް ކުރަމުން އަންނަ ފުރަތަމަ 4،000 ފްލެޓުގެ ބޮޑު ބައި ހާއްސަ ކުރާނީ މާލޭގެ ރައްޔިތުންނަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުން އުފެއްދި ބޯހިޔާވަހިކަމުގެ ކުންފުނި، ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އިމާރާތް ކުރަމުން އަންނަ ފުރަތަމަ 4،000 ފްލެޓުގެ ބޮޑު ބައި ހާއްސަ ކުރާނީ މާލޭގެ ރައްޔިތުންނަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އެ ފްލެޓްތައް ދޫކުރާނީ މާލޭގެ ރައްޔިތުންނާއި ދަފްތަރުގައި 15 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ހައުސިން ޔުނިޓްތައް ދޫކުރާނެ ގޮތުގެ ތަފުސީލަށް މެމްބަރަކު އެދިވަޑައިގަތުމުންނެވެ.

އެސްއޯއީ ކޮމިޓީގައި އަސްލަމް އިއްޔެ ވިދާޅުވި ގޮތުގައި އެ ފްލެޓްތަކުގެ ބޮޑު ބައި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ގިނަ ދުވަސްވީ މީހުންނަށް ހާއްސަ ވަނީ އެއްވެސް ގޮތެއް ނެތިފައި މި ވަގުތު ވެސް މާލޭގެ 5،000 އާއިލާ ތިބުމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެ އާއިލާތަކަށް އިސްކަންދޭން ސަމާލުކަން ދެއްވާނެ ކަމަށެވެ.

"އެހެން އެއްވެސް ބަޔަކަށް އެއްޗެއް ނުދޭނެ ވާހަކައެއް ނޫން. އެހެން ވިޔަސް 5،000 މީހުންގެ ކަންތަކުގައި ސަރުކާރުން އިސްކަންދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ރާއްޖޭގެ އާދަކާދަ ފެށުނީއްސުރެ ވެސް އަމަލުކުރާ ގޮތަކީ އެ ރަށަކަށް އުފަން މީހުންނަށް ބިން ދިނުން ކަމަށެވެ. މާލޭގެ މީހުންނަށް ވެސް އެ އުސޫލުން ބޯހިޔާވަހިކަން ބޭނުންވާ ކަމަށާއި އެކަމަކު މިހާ ޒަމާންވި އިރު ވެސް އެކަން އެގޮތަށް ނުވެ އޮތް ކަމަކީ މާލޭގެ ރައްޔިތުންގެ ޝަކުވާއެއް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެފްޑީސީން ވަނީ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 1،700 ހައުސިން ޔުނިޓުގެ މަސައްކަތް ފަށައިފަ އެވެ. މިއީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓާއި 650 އަކަ ފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމެންޓެވެ. މިދިޔަ އަހަރު ފެށި މި މަޝްރޫއު ނިންމަން އޮތީ ދެ އަހަރުގެ ތެރޭގަ އެވެ.

މީގެ އިތުރުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 2،000 ހައުސިން ޔުނިޓް އިމާރާރް ކުރަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް އަދި 900 އަކަފޫޓުގެ ތިން ކޮޓަރީ ގެ 1،400 ޔުނިޓް އިމާރާތް ކުރަން ވަނީ ނިންމައިފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ އިންޖިނިއަރިން ޕްރޮކިއޯމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އާއި އަޝޯކާ ބިލްޑްކޮން ލިމިޓެޑާ ދެމެދު ވެސް މަޝްރޫއެއްގައި ސޮއިކޮށްފަ އެވެ. މިކޮންޓްރެކްޓުގެ ދަށުން 2،000 ހައުސިން ޔުނިޓް އިމާރާތް ކުރާނެ އެވެ.