Roadha Mihaaru
ދަތި ހާލު އަދަދަތަކުން, އަނެއްކާވެސް ދިގު ކިޔޫއެއް!

ދިރިއުޅޭ ދަތި ހާލު އަދަދަތަކުން, އަނެއްކާވެސް ދިގު ކިޔޫއެއް!

18 އޮކްޓޯބަރ 2022

މާލޭގައި ދިރިއުޅޭ ހިތްދަތި ހާލަތުން އަރައިގަތުމަށް ފޯމު ފުރުމުގައި ގިނަ ބައެއްގެ މުޅި އުމުރު ހޭދަވެއްޖެ އެވެ. ކޮންމެ ސަރުކާރަކުން ހުޅުވާލާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލަ އެވެ. އެކަމަކު ޝަރުތު ހަމަވެ ލިސްޓަށް އަރަނީ މަދު ފަހަރަކު އެވެ. އަމިއްލަ ހިޔާވައްސެއް ލިބިދާނެކަމުގެ އިތުބާރު ގެއްލިފައި ވިޔަސް ފޯމު ހުށަނާޅައި ތިބެވޭހާ ހާލަތު ދަށީ އެވެ. މި ސަރުކާރުގައި އާކޮށްދިން އުއްމީދާ އެކު އޭގެ ތެރެއިން އެތައް ބަޔަކު އަނެއްކާވެސް ބޯހިޔާވަހިކަމުގެ ދިގު ކިޔޫއަށް އަރައިފި އެވެ. ފްލެޓެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތަސް ފޯމު ހުށަހެޅުމަކީ ވެސް ލިބޭ ހިތްހަމަޖެހުމަކަށް ވާތީ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުގެ ވެސް އެންމެ ބޮޑު އެއް ވައުދުގެ ގޮތުގައި އޮތް ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ހުޅުވާލުމުން 40,000 އާ ގާތަށް ފޯމު ހަވާލުކޮށްފި އެވެ. އެއީ މާލެ އިން ދޫކުރާ 2,000 ގޯއްޗަށް 15,164 ފޯމާއި 4,000 ފްލެޓަށް 20,697 ފޯމެވެ.

ހަގީގަތުގައި 4,000 ފްލެޓަކީ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އަދަދާ ބަލާއިރު ނިސްބަތުން ވަރަށް ކުޑަ ޕަސެންޓެވެ.

ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދުން މީހަކު ކުދިންތަކަކާ އެކު ހިނގާފައި ދަނީ: ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް ހަމަޖައްސައި ނުދެވުނަސް ގިނަ ބަޔަކަށް ފްލެޓް ދިނުމަކީ އަމާޒު ކަމަށް ހައުސިން މިނިސްޓްރީން ބުނޭ. -- ފޮޓޯ | މިހާރު

އެ ފްލެޓްތަކަށް ހުޅުވާލުމުގެ ކުރިން ވެސް ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ ގޮތުގައި ބޯހިޔާވަހިކަން ބޭނުންވާ 17,000 އާއިލާ މާލޭގައި އެބަތިއްބެވެ. އޭގެ ތެރެއިން 5,600 މީހުންނަކީ މާލޭގެ ރައްޔިތުންނެވެ. ދެން ތިބީ އެކި ރަށްރަށުން ހިޖުރަކޮށްފައިވާ 11,000 އަށް ވުރެ ގިނަ މީހުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ސޯޝަލް ހައުސިން ސްކީމަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވައިލުމުން ކުރިމަތިލީ ގާތްގަނޑަކަށް 22,000 މީހުންނެވެ. އޭގެ ފަހުން މިވީ މުއްދަތުގައި އުފެދުނު އާއިލާތަކާ އެކު ބޯހިޔާވަހިކަމުގެ ޑިމާންޑް އަނެއްކާވެސް ބޮޑުވެއްޖެ އެވެ. ދަތިކަމުގައި ދިރިއުޅޭ މީހުން ނުވަތަ އަމިއްލަ ބޯހިޔާވަހިކަމެއް ބޭނުންވެގެން މި ފަހަރު ކުރިމަތިލީ އަދަދުން އެކަން ފެންނަން އެބައޮތެވެ.

އެ އަދަދާ ގާތަށް ވެސް މި ސަރުކާރުގައި ފްލެޓް އެބަ އަޅާ ހެއްޔެވެ؟ ފޯމުލާން މި ހުޅުވާލި 2,000 ފްލެޓް ކޮބައި ހެއްޔެވެ؟ ކުރީގެ ސަރުކާރުތަކުގެ ވެސް ސަގާފަތެއްގެ ގޮތުގައި ދަންމަމުން އައި ގޮތަށް ފްލެޓް ނާޅައި ދިގު ކިޔޫއެއްގައި ޖައްސައި ބައިތިއްބާނީ ހެއްޔެވެ؟

ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އަދަދު މިހެން ހުޅުވާލާ ފްލެޓް މަޝްރޫއަކުން ކޮންމެ ސަރުކާރަކަށް ވެސް ސާފުވެ އެވެ.

މައްސަލައަކީ ބޭނުންވާ އަދަދާ ގާތަށް ވެސް ދައުރު ނިމޭއިރު ފުރިހަމަކޮށް ނުދެވުމެވެ. މި ވެރިކަމުގައި ވެސް ފުރަތަމަ ވައުދުވީ ނުވަތަ އަމާޒަކަށް ކަނޑައެޅީ ދައުރުގެ ތެރޭގައި 13,000-15,000 ފްލެޓުގެ މަސައްކަތް ފަށައި ބޮޑު ބައެއް ނިންމުމަށެވެ. އެކަމަކު ކޮވިޑާ އެކު ކުރިމަތިވި އިގްތިސާދީ ލޮޅުމާ އެކު އެ އަމާޒަށް އަދި މަސައްކަތް ނުފެށޭ ކަމަށް ސަރުކާރުން ބުނެ އެވެ.

ގިނަ ބަޔަކަށް ބޯހިޔާވަހިކަން ދެވޭނެ

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރީ ސަރުކާރުތަކާ ތަފާތުވާނެ އެވެ. ރައްޔިތުންނަށް އުފުލަން ޖެހޭ ތަކުލީފު ކުޑަވެފައި އިންސާފުވެރިވާނެ އެވެ.

މިދިޔަ ސަރުކާރުގައި ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލާން ފޯމު ނަގަން ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި. އެފަހަރު 22،000 މީހުން ކުރިމަތިލައި 7،000 އާއިލާ އަށް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި 7,000 ފްލެޓަށް ހުޅުވާލުމުން ގިނަ ބަޔަކު ފޯމު ހުށަހަޅަން ޖެހުނީ ހައުސިން މިނިސްޓްރީ ދޮށުގައި ދިގު ކިޔޫއެއްގައި ޖެހި ފިތި ބާރުވެގެން ތިބެ އެވެ. އެކަމަކު މިފަހަރު އެ އުނދަގޫ ނުޖައްސައި ފަސޭހައިން ފޯމު ހުށަހެޅި ތަފުސީލްތައް ވެސް އެނގޭނެ ކަމަށް ވިދާޅުވި އެވެ.

ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލީ ޕޮއިންޓް ލިބޭނެ އުސޫލް އާއްމުކޮށްފަ އެވެ. އޭގެ ތެރެއިން ބޯހިޔާވަހިކަން ފުރަތަމަ ހަމަޖައްސައިދޭނީ އެންމެ ހާލުގައި އުޅޭ މީހުންނަށް ކަމަށް އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާއްމުކޮށްފައިވާ އިވެލުއޭޝަން ކްރައިޓީރިއާއާ އެއްގޮތަށް ޕޮއިންޓް ދޭން މި ހަފުތާ ތެރޭގައި ފަށާނެ އެވެ. ހައުސިން މިނިސްޓްރީގެ މުވައްޒަފުން އެ މަސައްކަތް ފެށިޔަސް އެ ފްލެޓްތަކުގެ ކަންކަން ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމިޓީއެއް އުފައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީ އުފެދުމުގެ ކުރިން ވެސް އަޅުގަނޑުމެން އިވެލުއޭޝަންގެ މަސައްކަތްތައް ފަށާނަން," އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަހަރުތަކެއް ފަހުން ގޯއްޗަށް ހުޅުވާލުމުން ކުރިމަތިލީ އަދަދުން ވެސް ދަތިކަން އޮތް މިންވަރު އެނގޭ ކަމަށާއި އެ ފޯމުތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބަލާނެ ކަމަށެވެ. ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް ހެދީ ވެސް ވީހާ ގިނަ ބަޔަކަށް ގޮތެއް ހޯދައިދޭން ކަމަށް ވިދާޅުވި އެވެ.

"ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް ހަދާފައި އޮތުމުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭ މިންވަރު ގިނަވާނެ އަޅުގަނޑުމެންނަށް. ވިސްނުމަކީ ވީހާ ވެސް ގިނަ ބަޔަކަށް ދިނުން. ކުރީ ސަރުކާރުގައި ހެދި ގޮތަށް ހިތު ހުރި މީހަކަށް ބަހާލުމެއް ވެސް ނޫން. އެންމެ ހާލުގައި އުޅޭ މީހާއަށް ފުރަތަމަ އިސްކަން ދީގެން ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

އިމާރާތްތަކުން މާލެ ތޮއްޖެހިފައި: ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ވައުދަށް ހައްލު ހޯދައިދޭން މި ސަރުކާރުގެ ވެސް އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައި.

އިމާރާތްތަކުން މާލެ ތޮއްޖެހިފައި: ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ވައުދަށް ހައްލު ހޯދައިދޭން މި ސަރުކާރުގެ ވެސް އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައި.

އަކްރަމް ވިދާޅުވި ގޮތުގައި ފޯމުތަކާއި ނަމްބަރުތައް ބަހާލައި ފަހުން ފްލެޓްތަކުގެ ލިސްޓު ފޯމަށް ނުބަލައި އެކުލަވާލި ގޮތަށް މި ސަރުކާރަކުން އަމަލެއް ނުކުރާނެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަމުގައި އިސްކުރާނީ އިންސާފުވެރިކަމާ އެކު ފްލެޓް ދިނުމުގެ އުސޫލް ކަމަށް ވިދާޅުވި އެވެ.

"ފްލެޓްތައް ވަރަށް އަވަހަށް ދައްކާލާނަން"

ކުރިމަތިލީ ފްލެޓްތައް ކޮބާހޭ އަހާ މީހުންނަށް އަކްރަމްގެ ޖަވާބަކީ މި އެވެ.

"ކުރިމަތިލާން ހުޅުވާލި 4,000 ފްލެޓް އަޅުގަނޑުމެން ދައްކާލާނަން ވަރަށް އަވަހަށް ޓީވީން, މަސައްކަތް ކުރިއަށްދާ ގޮތް. މި ހުރިހާ ފްލެޓްތައް މުޅިއަކުން ނުނިމޭނެ ދައުރު ނިމެންވާ އިރަށް. އެކަމަކު ކޮންމެވެސް ވަރެއް ނިމޭނެ," އޭނާ ވިދާޅުވި އެވެ.

"އެކަމަކު މި ދަންނަވަނީ ގޯތި ކަނޑާފައި ދޭ އުސޫލުން ފްލެޓުތަކުގެ ހަތަރު ފާރު ދެއްކޭނެއޭ މި ދައުރު ނިމުމުގެ ކުރިން."

އިތުރަށް 2,000 ފްލެޓާ އެކު ޖުމްލަ 6,000 ފްލެޓުގެ މަސައްކަތް ހުރީ އެ ހިސާބުގައި ކަމަށް ވިދާޅުވި އެވެ. އެ ތަންތަނުގެ ދެބައިކުޅަ އެއްބައި ނަމަވެސް ނިމޭނެ ކަމަށް އަކްރަމް ޔަގީންކަން ދެ އެވެ.

"މާނައަކީ އެތަން އެ މީހަކަށް ދެއްކޭނެއޭ އަޅުގަނޑުމެންނަށް. ރަޖިސްޓްރީ ކުރެވޭ ހިސާބަށް ގެންދެވޭނެއޭ."

ތެދެކެވެ. އެންމެންނަށް އެއްފަހަރާ ފްލެޓުދީ ބޯހިޔާވަހިކަމުގެ ހާލަތު ބަދަލު ނުކުރެވޭނެކަން ކުރިމަތިލާ ގިނަ ބަޔަކު ވެސް ގަބޫލުކުރާނެ އެވެ.

ސަރުކާރުން ހުޅުވައިލި ދެ ކޮޓަރީގެ ފްލެޓްތަކާއި ތިން ކޮޓަރީގެ ފްލެޓްތަކަށް މި ފަހަރު ވެސް ކުރިމަތިލީ ދިރިއުޅޭ ހާލަތަށް ބަލާއިރު ފްލެޓެއް ކަށަވަރުވާން ޖެހޭނެ ކަމުގެ ޔަގީންކަން އޮތް މީހުންނެވެ. މި ފަހަރު ވެސް އެ ތިބީ އުއްމީދެއްގަ އެވެ. ލިސްޓުގައި ނަން އޮވެ ފްލެޓް ކަށަވަރުވުމެވެ.

ޝަރުތު ހަމަވެ ބާކީވާ މީހުންނަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟