Roadha Mihaaru
ފްލެޓަށް ޕޮއިންޓް ދިންގޮތް ޕޯޓަލް އިން މާދަމާ ފެންނާނެ

ފްލެޓަށް ޕޮއިންޓް ދިން ގޮތް ޕޯޓަލް އިން މާދަމާ ފެންނާނެ

07 ނޮވެމްބަރ 2023

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތަކަށް ޕޮއިންޓް ދީފައިވާ ގޮތް މާދަމާއިން ފެށިގެން ޕޯޓަލް އިން ފެންނަން ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތަކަށް ޕޮއިންޓް ދީފައިވާ ގޮތް މާދަމާއިން ފެށިގެން ޕޯޓަލް އިން ފެންނަން ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ގެދޮރިވެރިޔާ ސްކީމްގެ ދަށުން، މިހާރު ހަދަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނާ އެކި ދާއިމީ ލިސްޓު އާއްމުކުރުމަށް ފަހު، ޝަކުވާ ހުށަހަޅަން ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުއްދަތު ދީފަ އެވެ. ނަމަވެސް، އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕޮއިންޓް ދިން ގޮތްތައް އެނގެން ނެތުމެވެ.

ހައުސިން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ އެ މީހަކަށް ޕޮއިންޓް ދިން ގޮތް ފެންނާނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމުކުރިއިރު ވެސް ހަމައެކަނި ބުނެފައިވަނީ ޝަރުތު ހަމަވާ ކަމަށެވެ. އެ މީހަކަށް ލިބުނު ޕޮއިންޓް ފެންނަނީ ޕޯޓަލުންނެވެ. އެކަމަކު، ދާއިމީ ލިސްޓް އާއްމުކުރިއިރު ކޮންމެ މީހަކަށް ވެސް ލިބުނު ޕޮއިންޓް އާއްމުކޮށްފައިވެ އެވެ. ނަމަވެސް، އެ ޕޮއިންޓު ދޭނެ އުސޫލު އާއްމުކުރިއަސް، ޕޮއިންޓް ދީފައި ހުރި ގޮތެއް ނޭނގެ އެވެ.

"އެއްގޮތަކަށް ވެސް މިނިސްޓްރީއަކަށް ވަކި މީހަކަށް އިތުރަށް މާކްސް ދެވޭނެ އެއްވެސް ގޮތެއް މި ފަހަރުގެ މި ސްކީމަކު ނުހިމަނަން." އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕޯޓަލް އަށް ވަނުމަށްފަހު އެ މީހަކު ބޭނުން ކޮންމެ ވަގުތެއްގައި ވެސް ބޭނުން ޝަކުވާއެއް ހުށަހަޅަންވީ ކަމަށެވެ.

ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، މި ސަރުކާރުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބަޭނެ މީހުން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ 4،000 ފްލެޓް ދެނީ ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

ފްލެޓު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން މިދިޔަ އާދިއްތަ ދުވަހު މިނިސްޓްރީ ދޮަށަށް ވެސް ބަޔަކު ވަނީ އެއްވެފަ އެވެ. އެ މީހުންގެ ޑިމާންޑަކަށް ވީ ޕޮއިންޓް ދިން ގޮތް ހާމަކުރުމެވެ.

ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި ގޮތުގައި މިނިސްޓްރީއަށް އެއްވި މީހުންނަށް، ޕޯޓަލް އިން އެ މީހުންނަށް ޕޮއިންޓް ލިބުނު ގޮތްތައް ދައްކާލުމުން އެކަން ގަބޫލުކުރި ކަމަށެވެ. ޕޮއިންޓް ދިނުމުގައި އެއްވެސް މަކަރެއް ހަދާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.