16 ނޮވެމްބަރ 2023
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ 4،000 ޔުނިޓުގެ ތެރެއިން، އެ މީހަކަށް ލިބޭ ފްލެޓު ކަނޑައެޅީ ދާއިމީ ލިސްޓަކަށް ނޫން ކަމަށް، ފްލެޓަށް މަތިން ޕޮއިންޓް ލިބުނު މީހުން މިއަދު ތުހުމަތުކޮށްފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ 4،000 ޔުނިޓުގެ ތެރެއިން، އެ މީހަކަށް ލިބޭ ފްލެޓު ކަނޑައެޅީ ދާއިމީ ލިސްޓަކަށް ނޫން ކަމަށް، ފްލެޓަށް މަތިން ޕޮއިންޓް ލިބުނު މީހުން މިއަދު ތުހުމަތުކޮށްފި އެވެ.
ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު، އެންމެ ފަހުގެ ލިސްޓު ހައުސިން މިނިސްޓްރީން ރޭ އާއްމުކޮށް، މި ވެރިކަން ނިމެން 24 ގަޑިއިރަށް ވެފައިވަނިކޮށް، އެ މީހަކަށް ލިބޭ ފްލެޓުގެ ގުރުއަތުލުން ވެސް ނަގާފައިވެ އެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ 4،000 ފްލެޓުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓެއް ލިބޭނީ 76 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ މީހުންނަށް ކަމަށެވެ. ގުރުއަތު ނަގާނީ، 76 އަށްވުރެ މަތިން ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓު ދިނުމަށްފަހު، 75 މާކްސް ލިބިފައިވާ މީހުންގެ ތެރެއިން ކަމަށް އިއުލާނުގައި ބުންޏެވެ.
އެ އުސޫލުން ބަލާނަމަ 76 އަށް ގިނަ ޕޮއިންޓް ލިބިފައިވާ މީހުންނަށް އޮންނަން ޖެހޭނީ ކަށަވަރުވެފަ އެވެ. ގުރުއަތުލާން ޖެހޭނީ އެއަށްވުރެ މަދު ޕޮއިންޓް ލިބުނު މީހުންނަށެވެ.
ދެ ކޮޓަރީގެ ފުލެޓުތައް ދޭން ހަމަޖެއްސީ 73 އިން ފެށިގެން މާތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
ނަމަވެސް، ފްލެޓު ލިބޭ ދާއިމީ ލިސްޓް އަވަސް އަވަހަށް އާއްމުކޮށް ރޭ ވަނީ އެ މީހަކަށް ލިބޭ ޔުނިޓު ކަނޑައެޅުމަށް ގުރުއަތުލައިފަ އެވެ.
އެ ތަނުން އެކަކަކީ 97 ޕޮއިންޓް ލިބުނު ނިޝާމާ އެވެ. އޭނާ ބުނީ ފްލެޓުގެ ލިސްޓުތައް ނެރުނުއިރު ވެސް އޭނާއަށް ލިބުނީ 97 މާކްސް ކަމަށެވެ. އެކަމަކު، މިނިސްޓްރީން ރޭ ގުރުއަތު ނެގިއިރު އެއްވެސް ޔުނިޓެއްގައި ލައްވާ ނުލުމުން، އޭނާ ގަބޫލުކުރަނީ ގުރުއަތު ނެގީ އެހެން ލިސްޓަކަށް ކަމަށެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި ޝަކުވާ ހިފައިގެން މީހުން ހައުސިން މިނިސްޓްރީގެ އިދާރާގައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މިނިސްޓްރީން ބުނަނީ 76 އިން ފެށިގެން މަތިން ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓު ޔަގީނޭ. އޭގެ ދަށުން މާކްސް ލިބުނު މީހުންގެ މެދުގައޭ ގުރުއަތު ނަގަނީ. އެކަމަކު، ގުރުނެގުމުގެ ހުރިހާ ކަރުދާހެއް ހުސްވަންދެން ޓީވީ ބަލަން އިނިން. ނެތް އެއްވެސް ކަރުދާހެއްގައި އަޅުގަނޑުގެ ނަމްބަރެއް ނެތް." ކަންބޮޑުވުން ފާޅުކުރަމުން ނިޝާމާ ބުންޏެވެ.
"މި ވަރަށް ޕޮއިންޓް ލިބިފައި، ފްލެޓުގެ ފުރަތަމަ ބުރުން ނުލިބުނީމަ އެނގެނީ ވަކި ބަޔަކަށް ދޭން ވެގެން ކަމަށް މި އުޅުނީ. ދާއިމީ ލިސްޓަކަށް ނޫން ރޭގައި ގުރު ނެގީ. އަމިއްލަ ލިސްޓަށް ނެގީ."
ފްލެޓު ލިބޭ މީހުންނަށް ވެސް ކުރިން އެންގުމަކާ ނުލައި ގުރުއަތު ނެގި އިވެންޓު، "ޔެސް" ޓީވީން ލައިވްކުރި އެވެ. ގާތްގަނޑަކަށް ފަސް ގަޑިއިރަށް ދެމިގެންދިޔަ ލައިވްގައި، ފޮށި ތެރެއިން ކަރުދާސްކޮޅު ނެގުމަށްފަހު އޭގައި އިންނަ ބާކޯޑު ސްކޭންކޮށްލުމުން ލިބޭ ޓަވަރާއި ޔުނިޓު އެނގެ އެވެ.
މިނިސްޓްރީން އާއްމުކުރި އުސޫލުން، ތިން ކޮޓަރީގެ ފްލެޓަކަށް 76 ޕޮއިންޓް ލިބުނު ފިރިހެނަކަށް ވެސް ފުރަތަމަ ބުރުން ފްލެޓެއް ނުލިބެ އެވެ. އޭނާ ވެސް ގަބޫލުކުރަނީ މިނިސްޓްރީން ރޭ އާއްމުކުރި ފްލެޓު ލިސްޓަށް ގުރުއަތު ނެގި ނަމަ، އެންމެ ފުރަތަމަ ނިމޭ 4،000 ފްލެޓުގައި އޭނާ ލައްވާލާނެ ކަމަށެވެ.
"މަތިން ޕޮއިންޓް ލިބުނު މީހާ ޕާސްކޮށްފައި އެހެން މީހަކަށް ލިބިގެން ނުވާނެ. މި ޝަކުވާތައް ހުށަހެޅީމަ ބުނީ އޭސީސީން ހުއްޓުވާފައޭ އޮތީ. އެކަމަކު، ގުރުއަތު ނަގަމުން ދިޔައިރު ވެސް އޭސީސީން އޮތީ އަންގާފައި." އެ ފިރިހެން މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން މިހާތަނަށް ހުޅުވާލި ހައުސިންގެ ކޮންމެ ސްކީމަކަށް ވެސް ފްލެޓު ހުށަހެޅި ކަމަށެވެ. މި ފަހަރު ވެސް އުއްމީދުކޮށްގެން ހުރީ ފްލެޓު ލިބޭނެ ކަމަށް ކަމަށް އޭނާ ބުންޏެވެ.
މާލޭގައި އުޅޭތާ ވިއްސަކަށް އަހަރުވީ އަލީ އެދުނީ ތިން ކޮޓަރީގެ ފްލެޓެއް ހޯދާށެވެ. އެ އުއްމީދުގައި ލިޔުންތައް ހުށަހަޅައިގެން 84 ޕޮއިންޓް ލިބުނެވެ. އެކަމަކު، "މިހާރު" އާ ވާހަކަދެއްކި އެހެން މީހުންނެކޭ އެއްގޮތަށް އޭނާ ވެސް 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ނުހިމެނުނެވެ.
"ހުރިހާ ލިސްޓެއްގައި ނަން އެބައޮތް. އަނެއްކާ މިނިސްޓްރީން މި ބުނަނީ ވެސް ފުރަތަމަ 4،000 ގެ ތެރެއިން ތިން ކޮޓަރި ލިބޭނެއޭ 76 އިން ފެށިގެން މަތިން ލިބުނު މީހުންނަށް. އެކަމަކު، އެގޮތަކަށް ނޫން މި ދިމާވީ." އޭނާ ބުންޏެވެ.
އެ ޝަކުވާތަކާ ގުޅިގެން އޭސީސީން ވެސް ވަނީ ފްލެޓާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލަން މިނިސްޓްރީއަށް އަންގައިފަ އެވެ. އަދި އެއާ އެއްގޮތަށް ހައުސިން މިނިސްޓްރީން ވަނީ އޭސީސީން ވަކި ގޮތެއް އަންގަންދެން ފްލެޓު ހަވާލުކުރުން މި ވަގުތަށް ހުއްޓާލައިފަ އެވެ.
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ
4،000 ފްލެޓް ދޫކުރުމުގެ ތަފުސީލު އަންނަ ހަފުތާގައި
4،000ފްލެޓް ދޫކުރުން ކުރިއަށް ގެންދަން ހުއްދަ ދީފި
ފްލެޓުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފި
ޕޯޓަލް މިނިސްޓްރީއަށް ދީފި،އެކަމަކު އަދިވެސް ނުވަދެވޭ!
"ޕޮއިންޓާ ކުޅުނު ކަމަށް ބުނީ އެކްސެސް ނުދެނީސް"
ފްލެޓު ދިނީ އޭގެ އެންމެ ހައްގުވެރިންނަށް: މިނިސްޓްރީ
ފްލެޓަށް ޕޮއިންޓް ދިންގޮތް ޕޯޓަލް އިން މާދަމާ ފެންނާނެ
ފްލެޓުގެ ޝަކުވާތައް އޭސީސީއަށް، މިއަދު ގޮތެއް ނިންމަނީ
4000 ފްލެޓު ބަހާލަން އުޅޭ ކަމަށް ބުނެ އޭސީސީ އަށް