Roadha Mihaaru
4000 ފްލެޓު ބަހާލަން އުޅޭ ކަމަށް ބުނެ އޭސީސީ އަށް

4،000 ފްލެޓު ބަހާލަން އުޅޭ ކަމަށް ތުހުމަތުކޮށް އޭސީސީ އަށް މައްސަލައެއް ހުށަހަޅައިފި

02 ނޮވެމްބަރ 2023

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ 4،000 ފްލެޓު އުސޫލުން ބޭރުން ބަހާލަން އުޅޭ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ 4،000 ފްލެޓު އުސޫލުން ބޭރުން ބަހާލަން އުޅޭ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ސޯޝަލް ހައުސިންގެ ދަށުން ސަރުކާރުން ހަދާ ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވައިލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. ހައުސިން މިނިސްޓްރީން ވަނީ 13،000 މީހުން ޝަރުތު ހަމަވާ ކަމަށާއި އެ އެންމެނަށް ފްލެޓު ދޭނެ ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މި ހަފުތާގައި ވިދާޅުވީ، މިހާރު ހަދަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ކުރިން ލިޔުން ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

އެހެންވެ، އާންމު ފަރާތަކުން އޭސީސީ އަށް ހުށަހެޅި މައްސަލައެއްގައި ބުނެފައި ވަނީ ފްލެޓު ލިބޭނެ ކަމަށް ކަނޑައެޅި 13،000 މީހުންގެ ތެރެއިން ފުރަތަމަ ހަވާލު ކުރާ 4،000 މީހުން ކަނޑައެޅުމުގެ އެންމެ އިންސާފުވެރި ގޮތަކީ އަދި ރާއްޖޭގައި އަބަދުވެސް ކަން ކުރަމުންދާ ގޮތަކީ ލިބުނު ޕޮއިންޓުތައް ބަލައި ޕޮއިންޓް ތަރުތީބުން އިސްކަން ދީގެން ފްލެޓު ދިނުން ކަމަށެވެ.

ނަމަވެސް ފްލެޓު ލިބޭނެ ކަމަށް ކަނޑައެޅި މީހުންގެ ލިސްޓާއި ޕޮއިންޓް ލިބުނު ގޮތް މިހާތަނަށް ހާމަކޮށްފައި ނުވާ ކަމަށް އެ މައްސަލާގައި ވެ އެވެ.

ސަރުކާރުން ފްލެޓު ހަވާލު ކުރާނީ ދިރިއުޅުމުގެ ހާލަތު ބަލާފައި ކަމަށް ސަރުކާރުން ބުންޏަސް ފްލެޓު ދޭނެ ކަމަށް ކަނޑައެޅި އެންމެންގެ ދިރިއުޅުމުގެ ހާލަތު ބަލަން ގޮސްފައި ނުވާ ކަމަށާއި އެކަން ކުރާކަށް ވަގުތެއް ވެސް ނެތް ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

ޝަރުތު ހަމަވާ 13،000 މީހުންގެ ތެރެއިން ވުޖޫދުގައިވާ 4،000 ފްލެޓު ދޭނެ މީހުން ކަނޑައަޅާނެ ވަކި އުސޫލެއް ވެސް ހާމަ ކޮށްފައި ނުވާ ކަމަށް އޭސީސީ އަށް ހުށަހެޅި މައްސަލާގައި ވެ އެވެ.

އެހެންވެ 4،000 ފްލެޓު ދޭނެ މީހުން ސަރުކާރުން އާންމު އުސޫލާ ހިލާފަށް ސިއްރު އުސޫލެއްގެ ތެރެއިން އިންތިގާލީ މަރުހަލާގެ ފަހު ދުވަސްކޮޅު އިންސާފުވެރިކަމާ އެކީ ކަނޑައެޅޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

އެކަން އެގޮތަށް ކޮށްފި ނަމަ ފަހުން އަންނަ ސަރުކާރަށް އެ މައްސަލަ ހައްލު ކުރަން އުނދަގޫވާނެ ކަމަށާއި އެތައް ބައެއްގެ ހައްގުތަކަށް އަރައިގަނެވޭނެތީ އެ މައްސަލަ ބަލައި ދިނުމަށް އެދޭ ކަމަށް ބުންޏެވެ.

ސަރުކާރުން ދޭން ނިންމާ 4،000 ފްލެޓުގެ މަސައްކަތާ ހަވާލުވެފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ މިހާރު ހަދަމުން އަންނަ ފްލެޓުތަކުގައި މި އަހަރު ނިމުމުގެ ކުރިން ލިފްޓް ހަރުކޮށް، ފެނާއި ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ބުނެފަ އެވެ.