Roadha Mihaaru
ފްލެޓުތަކުގެ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ

ފްލެޓުތައް ނާއިންސާފުން ދޫކުރީ ނާޖާއިޒު ފައިދާއެއް ހޯދަންތޯ ބަލަން ޖިނާއީ ތަހުގީގެއް ހިންގަނީ

05 ފެބުރުއަރީ 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު ގިނަ މީހުން ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ފާހަގަކުރެވިފައިވާއިރު، އެގޮތަށް ފްލެޓް ދޫކުރީ ނާޖާއިޒު ފައިދާއެއް ހޯދުމަށްތޯ ބަލައި، އެކަމުގައި ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު ގިނަ މީހުން ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ފާހަގަކުރެވިފައިވާއިރު، އެގޮތަށް ފްލެޓް ދޫކުރީ ނާޖާއިޒު ފައިދާއެއް ހޯދުމަށްތޯ ބަލައި، އެކަމުގައި ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީން ނިންމައިފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރި ގޮތާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކުގެ ތަހުގީގަށް ފަހު، އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ކުރީގެ ސަރުކާރުން ފްލެޓް ދިނީ ނާޖާއިޒު ފައިދާއެއް ހޯދުމަށްތޯ ބަލާނެ ކަމަށެވެ.

"މި ތަހުގީގުގެ ތެރެއިން ފާހަގަކުރެވުނުކަންކަން މި ހިނގާފައި ހުރީ ގޯސް ނިޔަތެއް އޮވެގެންތޯ ނޫންތޯ ބެލުމުގެ މަސައްކަތް މިދަނީ ކުރަމުން. މިސާލަކަށް ނާޖާއިޒު ފައިދާއެއް ހޯދަ ދިނުމަށްޓަކައިތޯ ނޫނީ ނާޖާއިޒު ފައިދާއެއް ހޯދުމަށްޓަކައިތޯ މިކަން ކޮށްފައި ހުރީ. އޭގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން ދާނީ،" އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުންނާ އެކު ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުންނާ އެކު ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޝާމިލް ވިދާޅުވީ، އެ ފްލެޓްތައް ދޫކުރުމަށް ހައުސިން މިނިސްޓްރީން މަސައްކަތް ކުރަމުން އައި މީހުން އެ މަސައްކަތުން އެކަހެރި ކުރުމަށް ވެސް އެ މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށެވެ. އެކަމުގައި ކުރިން އުޅުނު މީހުން ހާޒިރުކޮށް، ތަހުގީގަށް މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭރު މަސައްކަތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ހަތް ބޭފުޅުންނާ މިނިސްޓްރީ ތެރެއިން ވަނީ ސުވާލުކުރެވިފައި. އިތުރަށް އެ މައުލޫމާތުގެ އަލީގައި ސުވާލުކުރަންޖެހޭ މީހުންނަށް ސުވާލުކުރުމަށް މިދަނީ ތައްޔާރުވަމުން،" ޝާމިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމުގެ ކުށަކީ އޭސީސީގެ މެންޑޭޓަށް ފެތޭ ކުށެއް ނޫން ކަމަށާއި އެކަމަކު މަގާމުގެ ނުފޫޒު ފޯރުވައިގެން ނާޖާއިޒު ފައިދާ ހޯދުމަކީ އެ ކޮމިޝަނަށް ބެލޭނެ މައްސަލަތައް ކަމަށެވެ.

"ޖިނާއީ ތަހުގީގެއް ހިންގުމަށް ތުހުމަތެއް އުފައްދައިގެން ގޮސް ޖިނާއީ މިންގަނޑުން ޝައްކެއް ނެތް މިންވަރަށް މައުލޫމާތު އެއްކުރެވޭ ނަމަ ޑިއުޓީ ޕްރޮޓިކިއުޝަނެއް ދިއުމާ މެދު މަޝްވަރާކުރުން އޮންނާނެ،" އޭސީސީގެ ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާކަން އެނގުނީ އޭސީސީގެ ތަހުގީގުންނެވެ. އެ ކޮމިޝަނުގެ ތަހުގީގުގައި 40،48 ފޯމެއް ބެލި އެވެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ.

ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގަ އެވެ.

ފޯމުތަކުގައި ހުރި މައްސަލަތައް

• 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމުވާ ގިނަ ބަޔަކު ހިމަނާފައިވޭ.

• ފޯމުތަކުގައި ދީފައިވާ މައުލޫމާތު ފުށުއެރުން.

• ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވުން.

• ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުން ހުށަހެޅި.

• ޕޮއިންޓް ދިނުމުގައި އުސޫލާ ހިލާފަށް އިތުރަށް ޕޮއިންޓް ދީފައިވޭ.

• ގިނަ ބައެއްގެ ހައްގު ގެއްލުމުގެ އިހުމާލު އޮތްކަން ފާހަގަކުރެވުނު.