Roadha Mihaaru
ފްލެޓް ދިން ގޮތް ބަލަން އޭސީސީން ހައުސިން އަށް

ފްލެޓްތައް ދިން ގޮތް ބަލަން އޭސީސީގެ ޓީމުތައް ހައުސިން މިނިސްޓްރީގައި

18 އޮކްޓޯބަރ 2017

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓްތައް ބެހީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ ހުށަހެޅި ޝަކުވާތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމެއް ހައުސިން މިނިސްޓްރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓްތައް ބެހީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ ހުށަހެޅި ޝަކުވާތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމެއް ހައުސިން މިނިސްޓްރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓަށް ހުޅުވާލުމުން 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ 661 މީހަކަށް ކަމަށް ބުނެ ހަތަރު އަހަރު ފަހުން ލިސްޓު އާއްމުކޮށްފައި ވަނީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކާ އެކުގަ އެވެ. ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން ކަމެއް ވެސް ނޭނގެ އެވެ. މި މައްސަލާގައި ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

ލުތުފީ "މިހާރު" އަށް ވިދާޅުވީ ފްލެޓް ދިން ގޮތާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަތައް ބަލަން އޭސީސީން ވަކި ޓީމެއް އެކުލަވާލާފައި ކަމަށެވެ. އެ ޓީމު ހައުސިން މިނިސްޓްރީގައި ހަރަކާތްތެރިވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަަމަށް އޭނާ ވިދާޅުވި އެވެ.

"ފްލެޓް ލިބުނު ހުރިހާ ފޯމުތައް ވަކިވަކިން ޗެކްކުރާނެ. އެ ޓީމު މިއަދު ވެސް ހައުސިން މިނިސްޓްރީގައި އުޅެން ވާނެ،" ލުތުފީ ވިދާޅުވި އެވެ.

އާއްމު ނުކުރި އަދި މަޖިލީހަށް ވެސް ދޭން ދެކޮޅު ހެދި ލިސްޓު އޭސީސީ އަށް ލިބިއްޖެތޯ ސުވާލުކުރުމުން، އޭނާ ވިދާޅުވި ގޮތުގައި، ފްލެޓް ލިބުނީ އެންމެ ހައްގުވެރިންނަށްތޯ އަދި ކިތައް ޕޮއިންޓުންތޯ ވެސް ތަހުގީގަށް އެނގޭނެ އެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވަޑައިގަންނަވަނީ.- ފޮޓޯ: އޭސީސީ

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވަޑައިގަންނަވަނީ.- ފޮޓޯ: އޭސީސީ

ލުތުފީ ވިދާޅުވީ ވީހާވެސް އަވަހަށް ފްލެޓް މައްސަލަ ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފްލެޓް ދިން ގޮތާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. ކުރިމަތިލީ އެއް ބަޔަކު ބުނާގޮތުގައި، ފްލެޓް ލިބުނު މީހުން އިއުލާން ކުރުމުގެ ކުރިން، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރަންތޯ އަހަން ޕީޕީއެމްގެ ކެމްޕޭން އޮފީހަކުން ފޯނު ކޯލްތަކެއް އައެވެ. އަދި ފްލެޓްތައް ބަހާފައި ވަނީ އެ ކެމްޕޭން އޮފީހުގެ ނުފޫޒާއެކު ކަމަށައި 100 ޕޮއިންޓް ލިބުނު މީހުން ތިއްބައި އެއަށް ވުރެ މާ މަދުން ޕޮއިންޓް ލިބުނު މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

އެކަމަކު މި ތުހުމަތުތައް ހައުސިން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފްލެޓް ދިނުމުގެ ހުރިހާ ކަމެއް ވެސް ދިޔައީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. މިހެން ބުންޏަސް، ފްލެޓް ލިބުނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށް ކަން ބުނަން އެ މިނިސްޓްރީން ވަނީ އިންކާރުކޮށްފަ އެވެ. އެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުން އެދުމުން އެ މުއައްސަސާ އަށް ވެސް އެ މައުލޫމާތު ހިއްސާއެއް ނުކުރި އެވެ.