16 އެޕްރީލް 2019
"ފޯމުގައި ހަމައެކަނި ނަން ޖަހާލި ކަމަށްޓަކައި ފްލެޓް ދޫކޮށްފައި އެބަހުރި،!"
"ފޯމުގައި ހަމައެކަނި ނަން ޖަހާލި ކަމަށްޓަކައި ފްލެޓް ދޫކޮށްފައި އެބަހުރި،!"
މިއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދޫކުރި ފްލެޓްތަކުގެ ހައްގުވެރިން ހޮވުމަށް މި ސަރުކާރުން ފެށި މަސައްކަތް ލަސްވާ ސަބަބާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ދެންނެވުމުން ރައީސް އޮފީހުގެ އިސް އޮފިޝަލަކު ދެއްވި ޖަވާބެވެ.
ޔާމީންގެ ސަރުކާރުން "ހިޔާ"، އަދި "ގެދޮރުވެރިކަމުގެ" މަޝްރޫއުން ފްލެޓްތައް ދޫކުރީ ބޭއިންސާފުން ކަމަށް ބުނެ އެކަމުގެ ޝަކުވާ ބޮޑެވެ. ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމްކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގަތް ވައުދެކެވެ.
ހައްގުވެރިންނަށް ފްލެޓް ދޫކުރަން އެކުލަވައިލި ކޮމިޓީގެ މަސައްކަތް ހީކުރި ބާރުމިނުގައި ކުރިއަށް ނުގެންދެވި ލަސްވަނީ ބަލަން ޖެހޭ ބެލުންތަކާއި ސާފު ކުރަން ޖެހޭ މައުލޫމާތުތައް ގިނަވުމުން ކަމަށް ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
ކޮމިޓީން ވެސް ބުނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 23،000 އަށް ވުރެ ގިނަ ފޯމުގެ މައުލޫމާތުތައް އަލުން ބަލައި، ފްލެޓް ދީފައި ވަނީ އިންސާފުންތޯ ކަށަވަރު ކުރުމަކީ އުނދަގޫ މަސައްކަތެއް ކަމަށެވެ. މިހާތަނަށް ބެލިބެލުމުން ވެސް ކަންބޮޑުވާ ފަދަ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ކޮމިޓީން ވަނީ ބުނެފަ އެވެ.
ނުހައްގުން ފްލެޓް ދީފައިވޭތޯ ބެލުމުގެ އިތުރުން އެފަދަ މައްސަލަތަކާ މެދު ގޮތް ނިންމުން ވެސް ހަވާލުކޮށްފައި އޮތީ ކޮމިޓީއާ އެވެ. އަދި ކޮރަޕްޝަނަށްވާ ގޮތަށް ފްލެޓް ދޫކުރުމުގެ މަސައްކަތުގައި އުޅުނު މީހުންގެ މައްސަލަތައް ބަލައި އެމީހުންނާ މެދު ވެސް ގޮތެއް ނިންމުމަކީ ވެސް ކޮމިޓީގެ ޒިންމާ އެކެވެ.
"ހީކުރި ވަރަށް ވުރެ ވެސް މާ ކަވި، އުނދަގޫ މަސައްކަތެއް މިއީ. އެކަމަކު އެތައް ބައެއްގެ ހައްގާ ގުޅިފައިވާ މައްސަލައަކަށް ވާތީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އެންމެ ފުރިހަމަކޮށް،" ކޮމިޓީން ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ހިޔާ މަޝްރޫއު" ގައި ފްލެޓް ލިބުނު ކަމުގެ ލިޔުން ހޯދުމަށް ހައުސިން މިނިސްޓްރީ ކައިރި އަށް މީހުން އެއްވެފައި. ---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އޭނާ ވިދާޅުވި ގޮތުގައި އެތައް ރައްޔިތެއްގެ ހައްގާ ގުޅިފައިވާ އެ މަސައްކަތް އަވަސް އަރުވާލައިގެން ނިންމޭކަށެއް ނެތެވެ. ފްލެޓަށް އެދެން ހުޅުވާލުމަށް ފަހު، ކުރީގެ ސަރުކާރުން އެ މަޝްރޫއުތަކުގެ ޝަރުތުތައް ދޭތެރެ ދޭތެރެއިން ބަދަލުކޮށްފައި ވުމަކީ ވެސް އެ މަސައްކަތް ލަސްވާން ދިމާވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފޯމުލާން ހުޅުވާލި ފަހުން، ދޭތެއަކުން ބަދަލު ގެނެސްފައި ވެސް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން މި ޖެހެނީ އެއީ، ކޮން ބަދަލެއްތޯ ބަލައި ތަފްސީލުތައް ހޯދަން،" މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިީ ކޮމިޓީގެ މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ރައީސް އެދިވަޑައިގެންފައިވާ ގޮތަށް، ރައްޔިތުންނަށް އިތުރު ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަށް އިންސާފުން މައްސަލަތައް ނިންމުން ކަމަށެވެ. އެ މަސައްކަތާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ވީހާވެސް އަވަަހަށް ހިއްސާކުރައްވާނެ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
ފްލެޓް ދޫކޮށްފައި ވަނީ އިންސާފުންތޯ ބަލަން އެކުލަވާލި ކޮމިޓީގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
ޔާމީންގެ ސަރުކާރުގައި ފުރަތަމަ ހުޅުވާލި މަޝްރޫއުން 700 ފްލެޓް ދޫކުރީ، މަތިން މާކްސް ލިބުނު މީހުން ބާކީކޮށްފައި، އެ އަށް ވުރެ ދަށުން ލިބުނު މީހުންނަށް ކަން ސާބިތުވާ ލިޔުންތަކާ އެކު ކަމާބެހޭ އިދާރާތަކަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެ މައްސަލަތަކަށް އިންސާފު ނުލިބި ވަނިކޮށް، ދެ ވަނަ މަޝްރޫއުގައި 7،000 ފްލެޓަށް ހުޅުވާލައި، އެ ފްލެޓްތައް ދިނީ ހައްގުވެރިންނަށް ނޫން ކަމުގެ ތުހުމަތު ކުރެ އެވެ.
އެކަމަކު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓްތައް ދޫކޮށްފައި ވާނީ، ހުށަހެޅި މައުލޫމާތުތަކަށް ބަލައި އިންސާފުވެރިކަމާ އެކު ކަމަށެވެ. ދެ މަޝްރޫއުން ފްލެޓް ދީފައިވާ މީހުންގެ އަތުން ފްލެޓް އަތުލުން ވާނީ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފަ އެވެ.
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ފްލެޓް ދޫކުރުމުގައި މިފަހަރު ވެސް "އޮޅުވާލުން"؟!
ހިޔާ މަޝްރޫއަށް 15،000 މީހުން ފޯމު ހުށަހަޅައިފި
ފްލެޓަށް އެދި 5،000 މީހުން ފޯމު ހުށަހަޅައިފި
ފްލެޓުގެ ބޮޑު މަޝްރޫއު ފެށުން ފަސްކޮށްފި
300 ފްލެޓުން ސްޓެލްކޯގެ މުވައްޒަފުންނަށް އުފަލެއް
މައްސަލަ ފުންޏެއް، އޮޅުންބޮޅުމާއި އޮޅުވާލުން ގިނަ!
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ހިޔާ ފްލެޓަށް އިތުރަށް 3.2 ބިލިއަން ދައްކަންޖެހޭ