Roadha Mihaaru
ހިޔާ ފްލެޓަށް އިތުރަށް 3.2 ބިލިއަން ދައްކަންޖެހޭ

ހިޔާ ފްލެޓަށް ސަރުކާރުން އިތުރަށް 3.2 ބިލިއަން ރުފިޔާ ދައްކަން ޖެހޭ: ރައީސް

29 ޖޫން 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ މަޝްރޫއުގެ ފްލެޓެއްގެ އަގަށް މިހާރު ގެނެސްފައިވާ ބަދަލުތަކާ އެކު ވެސް ސަރުކާރުގެ ބަޖެޓުން ލޯނު ދެއްކުމަށް އިތުރަށް 3.2 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ މަޝްރޫއުގެ ފްލެޓެއްގެ އަގަށް މިހާރު ގެނެސްފައިވާ ބަދަލުތަކާ އެކު ވެސް ސަރުކާރުގެ ބަޖެޓުން ލޯނު ދެއްކުމަށް އިތުރަށް 3.2 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބޭއްވި މީޑިއާ ބްރީފިންގައި އެ މަނިކުފާނު ވިދާޅުވީ، ހިޔާ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ޔާމީންގެ ސަރުކާރުން ކޮމާޝަލް ރޭޓެއްގައި ލޯނެއް ނަގައިގެން ކަމަށެވެ. ސަރުކާރުން އޭރު ލޯނު ނަގާފައިވަނީ އަށް ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި 20 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އޭރު ސަރުކާރުން އަގު ކުރިއިރު ފްލެޓެއްގެ އަގު ހުރީ 1.2 މިލިއަން ރުފިޔާ އަށް ކަމަށާއި 20 އަހަރުން އެ އަދަދު ދައްކާ ނަމަ މަހު ކުލީގެ ގޮތުގައި 10،400ރ. އަރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެއީ ބޮޑު އަދަދެއް ކަން. ސޯޝަލް ހައުސިން އެ އަށް ވުރެ އަގު ހެޔޮކޮށް، އަތް ފޯރާ ފަށުގައި ހުންނަން ޖެހޭނެ ކަން. އެހެން ކަމުން އަލުން އެ ރިވިއުކޮށް، އަގު ކުޑަކުރުމަށްޓަކައި އަގަށް ބަދަލު ގެނެސްފައި ވާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، ބިމުގެ އަގާއި މެނޭޖްމެންޓް ފީތައް ކަނޑައިލުމަށް ފަހު، ފްލެޓެއްގެ އަގު އެއް މިލިއަން ރުފިޔާ އަށް ވަނީ ކުޑަކޮށްފަ އެވެ. ފްލެޓް އަޅަން ނެގި ލޯނުގެ އިންޓްރެސްޓް 6.7 ޕަސެންޓަށް ކުޑަކޮށް ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު 25 އަހަރަށް އިތުރު ކުރި ކުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ގެންނަ ބަދަލުތަކަށް ވުރެ އިތުރަށް އަގު ކުޑަ ކުރާ ނަމަ ދައުލަތަށް ވަރަށް ބޮޑު ތަކްލީފެއް ކުރިމަތިވާނެ ކަމަށެވެ

އަދި ވިދާޅުވީ، މިއަށް ވުރެ އިތުރަށް އަގު ކުޑަ ކުރެވޭނެ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް މި ސަރުކާރުން ހަދާ ފްލެޓްތަކުގެ އަގު މި އަށް ވުރެ ކުޑަ ކުރެވޭނެ ކަމަށެވެ.

ހިޔާ ފްލެޓްގެ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮންމެ މަހަކު 7،500ރ. އެވެ. އަންނަ މަހުގެ 15 އިން ފެށިގެން ފްލެޓްތައް ލިބުުނު މީހުންނަށް އެ ހޮުސިތަން ލިބޭނެ އެވެ. އަދި މަރާމާތުގެ މަސައްކަތް ކުރަން ތިން މަހުގެ މުއްދަތެއް ސަރުކާރުން ވަނީ ދީފަ އެވެ.