Roadha Mihaaru
އައިޔޫއެމް ޓަވަރުއަޅަން ހަ ކުންފުންޏަކުން ކުރިމަތިލައިފި

އިސްލާމިކް ޔުނިވަސިޓީގެ ޓަވަރު އަޅަން ހަ ކުންފުންޏަކުން ކުރިމަތިލައިފި

03 ޖެނުއަރީ 2018

ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫއު "ހިޔާ" ގެ ދަށުން އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅާ 14 ބުރީގެ ޓަވަރު އިމާރާތް ކުރުމަށް ހަ ކުންފުންޏަކުން ކުރިމަތިލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫއު "ހިޔާ" ގެ ދަށުން އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅާ 14 ބުރީގެ ޓަވަރު އިމާރާތް ކުރުމަށް ހަ ކުންފުންޏަކުން ކުރިމަތިލައިފި އެވެ.

އެކަން އިއުލާން ކުރައްވައި، އައިޔޫއެމްގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓަވަރު އަޅަން ކުރިމަތިލި ކުންފުނިތަކުގެ ތެރޭގައި ބޭރުގެ ހަތަރު ބަޔަކާއި ދިވެހި ދެ ކުންފުންޏެއް ހިމެނޭ ކަމަށެވެ.

އެކަމަކު އޭގެ ތަފްސީލެއް އޭނާ އަދިއެއް ނުދެއްވަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އައިޔޫއެމް އިން އަޅާ ޓަވަރުގެ ބޮޑުމިނަކީ 14،343.11 އަކަފޫޓެވެ. އަދި އެ ޓަވަރު އަޅާ ބިމުގެ ބޮޑުމިނަކީ 19،369 އަކަފޫޓެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން އެތަނުގައި 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ބައެއް ޓަވަރުތައް ހަދަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން ވަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާން ވެސް ކޮށްފަ އެވެ.

އެކަމަކު ޓަވަރު އެޅުމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަސައްކަތް މިހާތަނަށް ހަވާލުކޮށްފައިވަނީ އެމްޕީއެލް އާއި އެމްޓީސީސީންނެވެ. އެ ދެ ކުންފުނިން އަޅާ ފަސް ޓަވަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏަކާ އެވެ.

ޓަވަރު އެޅުމަށް ރާއްޖޭގެ ގައުމީ ޔުނިވަސިޓީން އެންމެ ފުރަތަމަ ކުރި އިއުލާނަށް އެއްވެސް ބަޔަކު ކުރިމަތި ނުލުމުން ދެ ވަނަ ފަހަރަށް، އެތަނުން ވަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފަ އެވެ.