Roadha Mihaaru
ހިޔާއަށް ކުލި ނުދައްކާ، އެޅޭނެ ފިޔަވަޅެއް ވެސް ނެތް!

ހިޔާ ފްލެޓް: ކުއްޔެއް ނުދައްކާ، އެޅޭނެ ފިޔަވަޅެއް ނެތި ހިތަކަށް ލިބިފައި!

19 މެއި 2023

ހިޔާ ޓަވަރުގެ އެޕާޓްމެންޓެއްގެ އިންފާރު ވައްޓާލައި، ޖެހިގެން ހުރި އެޕާޓްމެންޓާ އެއްކޮށްލައި ފްލެޓް ބަދަލުކޮށްލީ ހަތަރު ކޮޓަރީގެ ލަގްޒަރީ ބޮޑު އެޕާޓްމަންޓަކަށެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ހިޔާ ޓަވަރުގެ އެޕާޓްމެންޓެއްގެ އިންފާރު ވައްޓާލައި، ޖެހިގެން ހުރި އެޕާޓްމެންޓާ އެއްކޮށްލައި ފްލެޓް ބަދަލުކޮށްލީ ހަތަރު ކޮޓަރީގެ ލަގްޒަރީ ބޮޑު އެޕާޓްމަންޓަކަށެވެ.

ދެ އެޕާޓްމެންޓް އެއްކޮށްލުމުން 200،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ދައްކަން ދިން މުއްދަތު ވެސް ފަހަނައަޅައި ދިޔައީ އެވެ. އަދި އިންފާރު ރާނައި ދެ އެޕާޓްމެންޓް އަލުން ވަކި ކުރަން އެންގި ނަމަވެސް އެކަމެއް ވެސް ނުކުރެ އެވެ. އޭގެ ދެ ހަފުތާ ފަހުން އާބަންކޯއިން ދެން ނިންމީ އެގްރިމެންޓް ބާތިލު ކުރާށެވެ. އަދި ދެ ތަން ދެ ހަފުތާގެ ތެރޭގައި ހުސްކޮށް ތަން ހަވާލުކުރަން ވަނީ އަންގައިފަ އެވެ.

އެޕާޓްމެންޓްތަކުން ސަރުކާރަށް މަހަކު ދައްކަން ޖެހޭ ފީ، ނުވަތަ އާންމު ނަމުން ނަމަ މަހު ކުލި ވެސް ނުދައްކާ މައްސަލަ ވަކި ކުޑައެއް ނޫނެވެ. އެކަމަކު ތަން އަމިއްލަ ނުވަނީސް ހިލޭ ކޮށްލައިގެން އެތައް ބަޔަކު މިހާރު ވެސް އެބަތިއްބެވެ.

ވޯލްޑް ބޭންކުން މިދިޔަ އަހަރު އެކުލަވާލި "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓްގައި ބުނެފައިވާ، ގޮތުގައި 7،000 ފްލެޓް ހަދައިފައިވާ ހިޔާ ސަރަހައްދުގެ 2،400 އެއްހާ އެޕާޓްމެންޓުން ގަވާއިދުން ކުއްޔެއް ނުދައްކަ އެވެ.

ހިޔާ ފްލެޓް ދެ އެޕާޓްމެންޓް އެއްކޮށްލަން އިންފާރު ތަޅާލި ދެ އެޕާޓްމެންޓް: އާބަންކޯއިން މިހާރު ވަނީ ދެ އެޕާޓްމެންޓްގެ އެގްރިމެންޓް ބާތިލުކޮށްފަ -- ފައިލް ފޮޓޯ: މިހާރު

ހިޔާ ފްލެޓް ދެ އެޕާޓްމެންޓް އެއްކޮށްލަން އިންފާރު ތަޅާލި ދެ އެޕާޓްމެންޓް: އާބަންކޯއިން މިހާރު ވަނީ ދެ އެޕާޓްމެންޓްގެ އެގްރިމެންޓް ބާތިލުކޮށްފަ -- ފައިލް ފޮޓޯ: މިހާރު

ފައިސާ ނުދައްކާ މީހުންނަށް ފިޔަވަޅު ނާޅަނީ ކީއްވެ؟

ހިޔާ ޓަވަރުގެ އެޕާޓްމެންޓްތައް "ހިލޭ" ކޮށްލައިގެން ތިބޭ ތިބުމަށް ނިމުމެއް ގެންނާކަށް އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނެ އެވެ. އެތަނުން މީހުން ނެރުން، ނުވަތަ ނޯޓިސް ދިނުން ކަހަލަ ކަމެއް މިހާތަނަށް ކޮށްފައެއް ނެތެވެ. އެކަމަކު، ގެދޮރާއި ބިމުގެ ގާނޫނީ މައްސަލަތަކުގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އެކަން ހައްލު ކުރެވޭނެ ގޮތްތައް އިދާރާތަކުގައި ހުންނާނެ އެވެ. އެކަމަކު އޭނާ ވިދާޅުވީ ނެތީ އެކަން ކުރުމުގެ މަގުސަދު ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ މާސް ލެވަލްގައި ކުލި ދައްކަމުން ނުދިއުން. އެހާ ބައިވަރު ބަޔަކު ކުލި ނުދައްކާކަމަށް ވަންޏާ އެތައް ބަޔަކަށް ފިޔަވަޅު އަޅަން ޖެހޭނެ. އެކަމަކު ކުރިމަތީގައި މިއޮތީ ރިޔާސީ އިންތިހާބު ބޯމަތިވެފައި. އެތައް ބަޔަކަށް ފިޔަވަޅު އަޅަން ފަށައިފިއްޔާ ސަރުކާރަށް އެއީ ރިސްކެއް،" އޭނާ ވިދާޅުވި އެވެ.

"އެ ރިސްކު ނަގައިފިއްޔާ ކުލި ނުދައްކާ 2،500 އެއްހާ އެޕާޓްމެޓްތަކުގައި ދިރިއުޅެ ކައިބޮއި ހަދައި ނިދާ ހަދާ އެތައް ބައެއްގެ ޒަރޫރީ ދިރިއުޅުމަށް އެ އަސަރު ކުރަނީ. އެކަން އެގޮތަށް ކޮށްފިއްޔާ އެއީ ސަރުކާރަށް ޑެމޭޖް ވާނެ ކަމެއް. ބޮޑު އިންތިހާބެއް ބޯމަތީގައި އޮންނައިރު ސަރުކާރުން ވިސްނާނެ ކަމެއް އެއީ. އަޅުގަނޑަށް ވިސްނެނީ އެހެންވެއްޖިއްޔާ އެ ފިޔަވަޅު ނާޅަނީ."

އާބަންކޯއިން ބުނީ ކުލި ނުދައްކާ އެޕާޓްމެންޓްތަކަށް ގަވާއިދުން ނޯޓިސް ފޮނުވާ ކަމަށެވެ. އެކަމަކު "މިހާރު" އިން ބެލި ބެލުމުން ކުލި ނުދައްކާ ބައެއް އެޕާޓްމެންޓްތަކަށް، ކުލި ދައްކަން ހަނދާންކޮށް ދީ އެއްފަހަރު ލިޔުމުން ފޮނުވި އެވެ. އޭގެ ފަހުން އާބަންކޯއިން އެފަދަ އެއްވެސް ނޯޓިސްއެއް ވެސް ބައެއް އެޕާޓްމެންޓްތަކަކަށް ފޮނުވާފައެއް ނެތެވެ.

ހިޔާ އެޕާޓްމެންޓްތަކަށް މި މަހުގެ ނިޔަލަށް މެއިންޓަނެންސް ފީއާ އެކު 8،500ރ. ކޮންމެ މަހަކު އާބަންކޯ ދައްކަން ޖެހުނެވެ. ގަވާއިދުން ދައްކާ ބަޔަކު ވިއްޔާ އެވަރު ދައްކަ އެވެ. މި މަހު 11 ވަނަ ދުވަހު ސަރުކާރުން ވަނީ ހިޔާ އެޕާޓްމެޓްގެ ކުލި ކުޑަކޮށްދީ މެއިންޓެނަންސް ފީ އާއެކު 6،300ރ. އަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދުގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެއީ ކުރިއަށް އޮތް ހަތް އަހަރަށް ކޮންމެ މަހަކު ދައްކަންޖެހޭ އަދަދެވެ.

އެކަމަކު، ކުލި ނުދެއްކުމުގެ އާދަ އަށަގެންފައިވާ މާހައުލެއްގައި ކުލި އެވަރަށް ކުޑަކުރިޔަސް ކުލި ދައްކައިފާނެ ކަމާ ދޭތެރޭ ސުވާލު އުފެދެ އެވެ.

"މިއީ އެއްބަސްވުމެއްގެ ދަށުން އާބަންކޯ އިން ވިއްކާފައިވާ ފްލެޓްތަކެއް. ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ މަހުން މަހުން ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް. އެހެންވިއްޔާ އެ ފައިސާ ދައްކަން ޖެހޭނެ. ނުދައްކާ ވާނެ ގޮތެއް ނޯންނާނެ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

"ވަކި ބަޔަކު ކުލި ދައްކާފައި އަނެއް ބަޔަކު ކުލި ނުދައްކާ އިރު އެ މީހުންނަށް ފިޔަވަޅު ނޭޅި އޮތުމަކީ އެހެން މީހުންނަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެއް. އަދި ނުބައި އާދައެއް އެ އަށަގެންނެވެނީ."

ދެން ހެދޭނެ ގޮތަކީ ކޮބާ؟

ކުލި ނުދެއްކިޔަސް އެޕާޓްމެންޓްގެ އެގްރިމެންޓް ބާތިލެއް ނުކުރެވެ އެވެ. އެޕާޓްމެންޓްތަކުން މީހުން ނެރެ މަގުމަތިކޮށްލެވޭކަށް ވެސް ނެތެވެ.

"ދެން ޖެހޭނީ ކޯޓަށް ދާން. ބޭންކަށް ދައްކަން ޖެހޭ ލޯނު ބަރާބަރަށް ނުދެއްކީމަ ބެންކުން އެބަ ދޭ ލޯނު ނެގި މީހާ ގޮވައިގެން ކޯޓަށް. ކޯޓު މަރުހަލާއިން އެ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދީގެން ވެސް އެ މީހާ ފައިސާ ދައްކަން ޖައްސުވާ. އަޅުގަނޑަށް ވެސް ފެންނަނީ އެ ހައްލު މި ކަމުގައި. އެގްރިމެންޓް އޮތިއްޔާ ކޯޓަށް ދެވޭނެ،" ސަރުކާރުން ތަރައްގީ ކޮށްފައިވާ ހައުސިން މަޝްރޫތަކަށް އާންމުން ފައިސާ ނުދެއްކުމުން ދެން އަމަލު ކުރެވޭނެ ގޮތަކާ ބެހޭގޮތުން ވާހަކަ ދެއްކެވި ލޯޔަރަކު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތައް: ގިނަ ބަޔަކު ކުލި ނުދައްކާ އިރު ފިޔަވަޅު ނޭޅި އޮތް މައްސަލަ ބޮޑު -- ފައިލް ފޮޓޯ: މިހާރު

ހިޔާ ފްލެޓްތައް: ގިނަ ބަޔަކު ކުލި ނުދައްކާ އިރު ފިޔަވަޅު ނޭޅި އޮތް މައްސަލަ ބޮޑު -- ފައިލް ފޮޓޯ: މިހާރު

ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު ކުލި ނުދައްކައިގެން މިހާތަނަށް އެއްވެސް އެޕާޓްމެންޓެއްގެ މައްސަލަ ކޯޓާ ހަމައަށް ގޮސްފައެއް ވެސް ނެތެވެ.

ކުރިއަށް ހުރި ހައުސިން މަޝްރޫތަކުގައި އެކަމަށް ސަމާލުކަން ދޭނެ

މި މައްސަލަ އާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ ސަރުކާރުން މިހާރު ތަރައްގީ ކުރާ ހައުސިން މަޝްރޫތަކުގައި ކުލި ނުދެއްކޭ މީހުންނަށް ހައްލުތަކެއް ހޯދައިދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން މަސައްކަތް ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ ސޯޝަލް ހައުސިން ކެޓަގަރީން ދޫކުރާ ފްލެޓްތައް ލިބޭ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ކުލި ނުދެއްކޭ ވަރުގެ އާއިލާއެއް ނަމަ ސަރުކާރުގެ ސޯޝަލް ސްކީމެއްގެ ތެރެއިން އެ އާއިލާ އަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ އިންތިޒާމު ހަމަޖެއްސިދާނެ ކަމަށެވެ.

"އެ ފަދަ އާއިލާތަކުގެ މާލީ ފެންވަރު ދެނެގަނެ އެއީ ކުލި ނުދެއްކޭ ވަރުގެ ބައެއް ނަމަ އެންސްޕާ ކަހަލަ އިދާރާއެއް މެދުވެރިކޮށް އެ މީހުންގެ ކުލި ދައްކައި ދިނުމަށް ލުއި ގޮތްތަކެއް ހޯދައިދެވޭނީ. އެކަމަކު އެފަދަ މީހުންނަށް ފްލެޓް މިލްކެއް ނުވާނެ،" އަކްރަމް ވިދާޅުވި އެވެ.

ފައިސާ ނުދެއްކުމުގެ މައްސަލަ އޮތީ ހަމައެކަނި ހިޔާ ޓަވަރުތަކުގެ އެޕާޓްމެންޓްތަކުގައި އެކަންޏެއް ނޫނެވެ. ވޯލްޑް ބޭންކް ރިޕޯޓްގައިވާ ގޮތުން ހުޅުމާލޭ ފޭސް 1 ގައި ވެސް ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ވެސް ނުދައްކާ މައްސަލަ ބޮޑެވެ.

ރާއްޖޭގައި ހައުސިން ސްކީމްތައް ހިންގަނީ ލޯނު ނަގައިގެންނެވެ. އެއީ ހަމަ އަނބުރާ ދައްކަން ޖެހޭ ފައިސާ އެވެ. ކުލި ނުދައްކާ މީހާ، އެ ފައިސާ ނުދެއްކިޔަސް، ފްލެޓް އިމާރާތް ކުރާ ފަރާތުން އެ ފައިސާ ދައްކަން ޖެހެ އެވެ.