Roadha Mihaaru
ހިޔާ އަށް ބަރާބަރަށް ކުލި ދައްކަނީ 35 ޕަސެންޓް!

ހިޔާ ފްލެޓްތަކަށް ބަރާބަރަށް ކުލި ދައްކަނީ 35 ޕަސެންޓް އެޕާޓްމަންޓުން!

21 ޖޫން 2023

ހުޅުމާލޭގެ ހިޔާ ފްލެޓުތަކުގައި އުޅޭ ގިނަ މީހުން ބަރާބަރަށް ކުލި ނުދައްކާ ކަމަށް އާބަންކޯ އިން އިއްޔެ ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭގެ ހިޔާ ފްލެޓުތަކުގައި އުޅޭ ގިނަ މީހުން ބަރާބަރަށް ކުލި ނުދައްކާ ކަމަށް އާބަންކޯ އިން އިއްޔެ ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ސުވާލުތަކަށް އެ ކުންފުނިން ހިއްސާކުރި މައުލޫމާތު ކަރުދާހުގައިވާ ގޮތުން ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅޭ 6،385 އެޕާޓްމަންޓުގެ ތެރެއިން ބަރާބަރަށް ކުލި ދައްކަނީ 2،273 އެޕާޓްމަންޓަކުންނެވެ. އެއީ ކުލި ދައްކަން ޖެހޭ ޖުމްލަ އާބާދީގެ 35.5 ޕަސެންޓެވެ.

އާބަންކޯ އިން ބުނީ، 3،274 އެޕާޓްމަންޓަކުން ބަރާބަރަށް ކުލި ނުދައްކާ ކަމަށެވެ. އެ ފަރާތްތަކަށް މިހާތަނަށް 390 މިލިއަން ރުފިޔާ ބިލް ކޮށްފައިވާއިރު ދައްކާފައި ވަނީ 205 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާބަންކޯގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެއްގޮތަކަށް ވެސް ކުލި ނުދައްކަނީ 805 އާއިލާއަކުންނެވެ.

އާބަންކޯ އިން ބުނި ގޮތުގައި ހިޔާ ފްލެޓުތަކުން މިހާތަނަށް އެ ކުންފުންޏަށް ލިބިފައި ވަނީ 480 މިލިއަން ރުފިޔާ އެވެ. އިތުރު 281 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރަން ފެށި ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށީ އޭޕްރީލް 2022 ގަ އެވެ. އެ ކޮންމެ އެޕާޓްމަންޓަކުން މަހު ކުލީގެ ގޮތުގައި މިހާތަނަށް ނަގަމުން ދިޔައީ މެއިންޓެނަންސް ފީ އާއެކު 8،500ރ. އެވެ. ނަމަވެސް، އެ އަދަދު މި މަހުން ފެށިގެން ކުރިއަށް އޮތް ހަތް އަހަރަށް ވަނީ 6،300ރ. އަށް ކުޑަކޮށްދީފަ އެވެ.

ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކުން މީހުންނަށް ލިބޭ ފްލެޓުތަކަށް ކުލި ނުދައްކާ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއުތަކުން ދައުލަތަށް ބޮޑެތި ގެއްލުންވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.