Roadha Mihaaru
ހިޔާގެ ފިނިޝިންއަށް ދިޔަ ހަރަދު ދޭނަން: މުއިއްޒު

ހިޔާ ފްލެޓަށް ވަނުމަށް ކުރި ހަރަދު އަނބުރާ ދޭނަން: މުއިއްޒު

12 ސެޕްޓެމްބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރި ހިޔާ ފްލެޓްތައް ލިބުނު މީހުން އެ ފްލެޓްތަކަށް ވަނުމަށް ކުރި ހަރަދު ދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރި ހިޔާ ފްލެޓްތައް ލިބުނު މީހުން އެ ފްލެޓްތަކަށް ވަނުމަށް ކުރި ހަރަދު ދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މިރޭ އޮތް ޖަލްސާގައި ހުޅުމާލޭ ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހިޔާ ފެލެޓް ތަޅާލަން އުޅުނު ކަމަށާއި ނަމަވެސް އެކަން ނުކުރެވުނު ކަމަށެވެ. އެހެންވެ ތިން އަހަރު އެ ތަނުގެ އެއްވެސް މަސައްކަތެއް ނުކޮށް ބެހެއްޓުމަށްފަހު އެ ހުރިގޮތަށް ދިނުމަށް ނިންމީ ކަމަށާއި އެއީ ޕީޕީއެމްގެ ވެރިކަމުގައި ނިންމި ގޮތް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ރައްޔިތުން އަތުން ދިޔަ ހަރަދުގެ އެވްރެޖް އަދަދު އަނބުރާ ދެއްވާނެ ކަމަށާއި ކޮންމެ ފްލެޓެއްގައި އިތުރު ލިފްޓެއް ބަހައްޓާނެ ޖާގަ ހުރި ކަމަށާއި އެ ބަހައްޓައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފެލްޓް ލިބި އެތަނަށް އަލަށް ވަތް އާއިލާއެއްގެ އެޕާޓްމެންޓްގައި.-- ފޮޓޯ: މިހާރު

ހިޔާ ފެލްޓް ލިބި އެތަނަށް އަލަށް ވަތް އާއިލާއެއްގެ އެޕާޓްމެންޓްގައި.-- ފޮޓޯ: މިހާރު

"އަޅުގަނޑުމެން ކަން ކުރާނެ ގޮތަކީ އެވްރެޖް ގޮތެއްގައި އެ ދިޔަ ހަރަދަށް ބަލާފައި އާބަންކޯއިން އެ ކޯސްޓް އޮރިޖިނަލީ ޕްލޭން ކުރި ގޮތަށް، އެ ކޯސްޓް ބެއާކުރާ ގޮތަށް މި ކުރެވުނު ހަރަދު އެވްރެޖްކޮށްފައި އަނބުރާ ދައްކާގޮތަށް. އޭރު ޖެހުނު ހިސާބަށް ބަލާފައި ހަމަ އެ އަދަދަށް އެޗްޑީސީން ލޯނެއް ނަގާފައި ރައްޔިތުން އަތުން ދިޔަ އަދަދު އެވްރެޖް ކޮށްފައި ވަކި އަދަދެއް ކަނޑައަޅާފައި ދޭނަން،" އޭނާ ވިދާޅުވި އެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ އެވްރެޖް އަގެއް ދޭނަމޭ. ދޭނަމޭ މި ވިދާޅުވީ ރައްޔިތުން އަތުން ދެއްކި ހަރަދު އަނބުރާ ރިކަވާ ކުރެވޭ ގޮތް، ވީހާވެސް ރަނގަޅަކަށް ކުރެވޭނެ ގޮތް، އެވްރެޖް އަގެއްގައި. ބައެއް ބޭފުޅުން ވަރަށް އަގުބޮޑުކޮށް އެބަހުރި އެޕާޓްމެންޓްތައް ހަދާފައި، އެހެންވީމަ އެއްކޮށް ކަވާ ނުވެދާނޭ. އެހެން ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމައި އޭރު އަޅުގަނޑުމެން ހެދި ހިސާބުން ބަލާނަމަ އެވްރެޖްކޮށް ދެލައްކަ ރުފިޔާ އެއީ. އެހެންވީމަ އެ އަނބުރާ ދޭނަމެ. ކޮސްޓުން ކަނޑައިދޭނަމޭ."

މުއިއްޒު މީގެ ކުރިން ވަނީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ޖޫރިމަނާ މާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިރޭގެ ކެމްޕެއިން ބަދަލުވުމުގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް

މިރޭގެ ކެމްޕެއިން ބަދަލުވުމުގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް

މިރޭ ވެސް އެ ވާހަކަ ތަކުރާރު ކުރައްވައި ވިދާޅުވީ އެ ޖޫރިމަނާ މާފުކޮށްދެއްވަން ނިންމެވީ ތަކެތީގެ އަގު ބޮޑުކުރުމާއި ގުޅިގެން ރައްޔިތުންނަށް ލިބިފައިވާ ތަންތަނަށް ކުލި ދެއްކުން ދަތި އުނދަގޫ ތައް ހުރުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އަދި ޕީޕީއެމް އިން އަބަދުވެސް ވިސްނަނީ އޯގާތެރި ސަރުކާރެއް ގާއިމް ކުރުމަށް ކަމަށާއި ވެރިކަމަށް އައުމަށްފަހު އެކަން ކޮށްދެއްވަން ނިންމެވީ ވެސް އެ ސަބަބަށްޓަކައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒަށް ވެރިކަން ހޯދައި ދިނުމަށް ޕީޕީއެމާ އެކު މިއަދު ކޯލިޝަން ހެދި އެމްއެންޕީގެ ރައީސް ނާޒިމާއި އެ ޕާޓީގެ ނައިބު ރައީސް އުޝާމް މިރޭގެ ބައްދަލުވުމުގައި.---ފޮޓޯ: ޕީޕީއެމް

ޑރ. މުއިއްޒަށް ވެރިކަން ހޯދައި ދިނުމަށް ޕީޕީއެމާ އެކު މިއަދު ކޯލިޝަން ހެދި އެމްއެންޕީގެ ރައީސް ނާޒިމާއި އެ ޕާޓީގެ ނައިބު ރައީސް އުޝާމް މިރޭގެ ބައްދަލުވުމުގައި.---ފޮޓޯ: ޕީޕީއެމް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކުގެ ފިނިޝިން ނިންމަން މި ސަރުކާރުން ދިނީ ތިން މަހެވެ. އެ މުއްދަތުގައި ނިންމައި މީހުން ދިރިއުޅެން ފަށަން ޖެހޭ ގޮތަށް ވެސް އޭރު ހެދި އެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ނިންމަން ދީފައި ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓު އުސޫލުން މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގަ އެވެ.

ނަމަވެސް މި އަހަރުގެ މޭ މަހު ހިޔާގެ ކުލި 6،300ރ. އަށް މި ސަރުކާރުން ހަމަޖައްސައި، އެ ފްލެޓުތަކަށް އަގު ދައްކަން ޖެހޭ މުއްދަތު އާބަންކޯ އިން ވަނީ އިތުރުކޮށް ދީފަ އެވެ.