Roadha Mihaaru
ހިޔާ ފްލެޓުގެ ކުލި 5،600ރ. އަށް ކުޑަކޮށްދޭނަން

ހިޔާ ފްލެޓުގެ ކުލި 5،600ރ. އަށް ކުޑަކޮށްދޭނަން: މުއިއްޒު

15 ސެޕްޓެމްބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމި ގޮތަށް، ހިޔާ ފްލެޓުގެ ކުލި ކުޑަކޮށްދިނުމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމި ގޮތަށް، ހިޔާ ފްލެޓުގެ ކުލި ކުޑަކޮށްދިނުމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ހިޔާ ސަރަހައްދަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ވިދާޅުވީ މި ސަރުކާރުން ފުރަތަމަ މަސައްކަތްކުރީ ހިޔާ ފްލެޓުތައް ތަޅާލުމަށް ކަމަށެވެ.

ނަމަވެސް، އެކަން ނުވުމުން 25 ބުރިއަށް ހެދި 15 ޓަވަރު ނިންމައި ހަވާލުކުރީ ވަރަށް އިހާނެތި ގޮތަކަށް ކަމަށް ވިދާޅުވެ، އޭރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވަނީ އޭނާ ވެރިކަމަށް ހޮވައިފިނަމަ ފްލެޓުތަކުގެ ފިނިޝިންނަށް ކުރި ހަރަދު އަނބުރާ ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ނިންމާފައި އޮތީ ފަސް ޑިޒައިނެއްގެ ތެރެއިން އެ މީހަކު ބޭނުންވާ ޑިޒައިނަކަށް އެޗްޑީސީން އެ ތަން ހަދައިދިނުމަށެވެ. ޕީޕީއެމްގެ ސަރުކާރެއްގައި އަލުން އެކަމަށް ރުޖޫއަވެ، އާބަންކޯއިން ލޯނު ނަގައިގެން ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ނިންމަވާފައިވާ ގޮތަށް 5،600ރ. އަށް އިރާދަކުރެއްވިއްޔާ ކުޑަ ކޮށްދޭނަމޭ. ދެން ކޮންމެ ޓަވަރެއްގައި އިރާދަކުރެއްވިއްޔާ އިތުރު އެއް ލިފްޓް ބަހައްޓައިދޭނަން." މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ހިޔާ ސަރަހައްދަށް ވަޑައިގެން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ކުޑަކުއްޖަކާ ސަލާމްކުރައްވަނީ.-- ފޮޓޯ: ޕީޕީއެމް

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ހިޔާ ސަރަހައްދަށް ވަޑައިގެން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ކުޑަކުއްޖަކާ ސަލާމްކުރައްވަނީ.-- ފޮޓޯ: ޕީޕީއެމް

"މިއީ، އިންޖީނިއަރިން ގޮތުން، ހުރިހާ ގޮތަކުން ވެސް ކުރެވެން ހުރި ކަމެއް."

ހިޔާ ފްލެޓުގެ ސަރަހައްދު ތަރައްގީކުރަން މި ސަރުކާރަށް ވަގުތު ލިބުނު ކަމަށާއި އެކަމަކު، އެ ތަނުގައި މީހުން އާބާދުކުރީ އެއިން ކަމެއް ނުކޮށް ކަމަށް ވެސް ވިދާޅުވި އެވެ. އެއާއެކު، މުއިއްޒު ވަނީ، ދެ ވަނަ ފިޔަވަހިން މި ސަރުކާރުން ކަނޑައަޅާފައިވާ ގޯތިތައް ދީ، ދެން ހުރި ހުސް ޖާގަތައް ތަރައްގީކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

ވިނަރެސް ފްލެޓުން ވެސް، މިހާރު ނަގާ އަގަށް ވުރެ ކުޑަ އަގެއް ނެގޭނެ ކަމަށާއި، ސަރުކާރުގެ ކުންފުނިތަކުން އެ ތަނުގައި ހަދާފައިވާ ފްލެޓުތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ވެސް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯނު ނަގައިގެން ބައެއް މީހުން ފްލެޓުތަކުގެ އަގު ދައްކާފައިވާތީ، ބޭންކުތަކާ ވާހަކަދައްކައިގެން އެ އަގު ކުޑަކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.