Roadha Mihaaru
"މުއިއްޒުގެ ވަޒީރުކަމުގައި އެންމެ ގޯއްޗެއްވެސް ނުދެވޭ"

މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އެންމެ ގޯއްޗެއް ވެސް ދޫނުކުރެވުނު: އިޔާދު

22 ސެޕްޓެމްބަރ 2023

ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު، މާލޭގެ ރައްޔިތަކަށް އެންމެ ގޯއްޗެއް ވެސް ދޫނުކުރެއްވުނު ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު، މާލޭގެ ރައްޔިތަކަށް އެންމެ ގޯއްޗެއް ވެސް ދޫނުކުރެއްވުނު ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު ރޭ ވިދާޅުވެއްޖެ އެވެ.

ހުވަދޫ ޖަގަހައިގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން އިޔާދު ވިދާޅުވީ ހަތް އަހަރު ދުވަހު ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު ހުންނެވި އިރު، މާލޭގެ ރައްޔިތަކަށް އެންމެ ގޯޗެއް ވެސް ދޫކުރެއްވިތޯ ރައްޔިތުން ސުވާލު ކުރަންޖެހޭ ކަމަށެވެ.

އޭގެ ބަދަލުގައި، އިޔާދު ވިދާޅުވި ގޮތުގައި ގާކޮއްޓާއި އަރަބިއްޔާ ފްލެޓުތައް ބޮޑު އަގުގައި ދޫކޮށް، ގުޅިފަޅު ފްލެޓުތައް އެއްވެސް ބަދަލެއް ނުދީ އަތު ލެއްވީ އެވެ.

"ފްލެޓު ލިސްޓަށް ކިހިނެއްތޯ ހެދީ؟ އެތައް ހާސް ރައްޔިތުންނެއް އަވީގައި، އެތައް ގަޑިއިރެއް ކިޔުގައި ޖެހިގެން ފްލެޓަށް އެޕްލައި ކުރީމަ، ވަކި ޖަގަހެއްގަ، ވަކި ބޭފުޅަކު ހެއްދެވި ލިސްޓަކަށް ފްލެޓުތައް ބަހާލީ،" އޭނާ ތުހުމަތު ކުރެއްވި އެވެ.

"ފްލެޓު ހައްގުވާ އެތައް ރައްޔިތުންނެއް ރޮއެ، ކަރުނަ އަޅަ އަޅައި ތިއްބާ، ފްލެޓު ހައްގުނުވާ އެތައް ބަޔަކަށް ނާއިންސާފުން ފްލެޓުތައް ބަހާލީ."

އިޔާދު ވިދާޅުވި ގޮތުގައި، މިއަދު މާލޭ އަދި އަތޮޅު ތެރޭގެ ރައްޔިތުން ވެސް ވިސްނަންވީ، އެ މާޒީއަށް އަނބުރާ ދާނީތޯ ނޫނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުރިއަށްދާނީތޯ އެވެ.

ދެ ކެންޑިޑޭޓުންގެ ތަފާތު ދައްކަވަމުން އިޔާދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން 19،000 ރައްޔިތުންނަށް ގޯއްޗާއި 16،000 އަށް ވުރެ ގިނަ ރައްޔިތުންނަށް ފްލެޓު ކަށަވަރުކޮށްދީފައިވާ ކަން ފާހަގަކުރައްވައިފަ އެވެ.

"މި ހުރިހާ ކަމެއް އެ ކޮށްދެއްވީ، އެންމެ ރައްޔިތަކު ވެސް ކިޔުގައި ޖެހެން ނުޖެހި. ކިޔުގައި މަޑުކުރަން ނުޖެހި. ސިޓިން ރޫމްތަކުގަ އޮންލައިންކޮށް ފޯމު ހުށަހަޅައިގެން،" އިޔާދު ވިދާޅުވި އެވެ.

މީގެއިތުރުން، މާލޭގައި 20 އަހަރު ދިރިއުޅެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ޔަގީންކޮށް ދެއްވާނެ ކަމަށް ރައީސް މިފަހުން ވެވަޑައިގެންނެވި ވައުދަށް އިޝާރާތް ކުރައްވައި، އޭނާ ވިދާޅުވީ އެމަނިކުފާނަކީ ވައުދު ފުއްދަވާ ވެރިއެއް ކަމަށާއި އެކަން ރައްޔިތުން ވެސް ޔަގީންކުރާނެ ކަމަށެވެ.

އަދި އެ ގޯތި ތަކާއި ފްލެޓުތަކަށް ދައްކަންޖެހޭ ފައިސާ ވެސް ލުއި ލޯނުތައް މެދުވެރިކޮށް ރައީސް ހަމަޖައްސަވާނެ ކަމަށް އިޔާދު ވިދާޅުވި އެވެ.