Roadha Mihaaru
ދެ ކެންޑިޑޭޓުންގެ ފޯރިގަދަ ކެމްޕެއިން ނިންމާލައިފި

ދެ ކެންޑިޑޭޓުންގެ ވާދަވެރި، ފޯރިގަދަ ކެމްޕެއިނަކަށް ނިންމާލައިފި

29 ސެޕްޓެމްބަރ 2023

މާދާމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ފޯރިގަދަ އަދި ވާދަވެރި ކެމްޕެއިން ދެ ކެންޑިޑޭޓުން ވެސް ނިންމާލައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާދާމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ފޯރިގަދަ އަދި ވާދަވެރި ކެމްޕެއިން ދެ ކެންޑިޑޭޓުން ވެސް ނިންމާލައިފި އެވެ.

ދެ ވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި އިދިކޮޅު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިނު ނިންމާލުމަށް މާލޭގެ ދެ ސަރަހައްދެއްގައި ހިނގާލުމެއް ވަނީ ބާއްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނުގެ ބޮޑު ހިނގާލުން ކުރިއަށް ދިޔައީ ސޯޝަލް ސެންޓަރުން ފަށައިގެން މަޖީދީ މަގުން އިރަށް އަދި ޖަނަވަރީ މަގުން ލާފައި ހިނގާފައި ގޮސް ހިނގާލުން ނިންމާލީ އުސްފަސްގަނޑުންނެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ނިންމާލުމުގެ ހިނގާލުމުގައި ރައީސް ބައިވެރިވެ ވަޑައިގަންވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ހިނގާލުމުގައި ބައިވެރިވި އެތައް ސަތޭކަ ރައްޔިތުންނާއެކު އުސްފަސްގަނޑުގައި ހުންނަވައި ރައީސް ވިދާޅުވީ، މާދަމާއަކީ ރާއްޖޭގެ މުސްތަގްބަލަށްޓަކައި މުހިންމު ނިންމުމެއް ނިންމާ ދުވަހެއް ކަމަށާއި ފުންކޮށް ވިސްނަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.

"ކަންކަން އިސްލާހުކޮށް މި ދެންނެވި އުފާވެރި އަމާން ރާއްޖެއެއް ހޯދަންތޯ، މާޒީން ފެނުނު އަނިޔާވެރިކަމާއި ބިރުވެރިކަމާއި ހަލަބޮލިކަމަށް ދާންތޯ މާދަމާ މި ނިންމާ ނިންމުމަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެން އިތުރު ބުރެއް، ފުރުސަތެއް ނެތް ކަމަށާއި މާދަމާ ވޯޓު ތިން ނަންބަރަކަށް ނުދީފިނަމަ ކަރުނަ އަޅާ ރޯން ޖެހިދާނެ ކަމަށެވެ.

އިންތިހާބުން ކާމިޔާބުވުމަށް އެދި ހާއްސަ ދުއާއެއް ވެސް އެމްޑީޕީން ވަނީ ކޮށްފަ އެވެ

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ "ދިވެހީންގެ ނިންމުން" ހިނގާލުން ފަށާފައިވަނީ ޕީީޕީއެމް އޮފިސް ދޮރުމަތިންނެވެ. ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފާއި ލީޑަރުންނާއެކު އެތައް ސަތޭކަ ސަޕޯޓަރުން ބައިވެރިވި ހިނގާލުމާ މުއިއްޒާއި އަނބިކަނބަލުން ސާޖިދާ ގުޅިވަޑައިގެންނެވީ އަމީނީ މަގު ސްޓެލްކޯ ކަންމަތިންނެވެ.

މުއިއްޒުގެ ރިޔާސީ ކެމްޕެއިންގެ އެންމެ ފަހު ހަރަކާތުގައި މިއަދު ހަވީރު މާލޭގައި މިހާރު ކުރިއަށް ގެންދާ ހިނގާލުމުގައި އޭނާ އާއި އަނބިކަނބަލުން ސާޖިދާ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މުއިއްޒުގެ ރިޔާސީ ކެމްޕެއިންގެ އެންމެ ފަހު ހަރަކާތުގައި މިއަދު ހަވީރު މާލޭގައި މިހާރު ކުރިއަށް ގެންދާ ހިނގާލުމުގައި އޭނާ އާއި އަނބިކަނބަލުން ސާޖިދާ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަމީނީ މަގުން ގޮސް، ނިކަމަގުން ލާފައި މަޖީދީ މަގުން ހިނގާލުން ނިންމާލާފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ. އާޓިފިޝަލް ސަރަހައްދުގައި ހުންނަވައިގެން ދެއްވި ކެމްޕެއިނުގެ ފަހު މެސެޖުގައި މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ހަގީގީ މިނިވަންކަމާއި ހަމަޖެހުން ޔަގީންކޮށްދެއްވާނެ ކަމަށެވެ.

"ތިބޭފުޅުން އަޅުގަނޑަށް އިތުބާރުކޮށް ދެއްވާ ވޯޓު ވެގެން ދާނީ ހަމަޖެހުމާއި ތަރައްގީއާއި ތަމައްދުނު ޔަގީންވެ ދިވެހީންގެ ރާއްޖެއަކަށް ދިއުން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ދެ ވަނަ ބުރުގެ ކެމްޕެއިނަށް ރާއްޖޭގެ ގިނަ ރަށްރަށަށް ވަޑައިގަންނަވައިފަ އެވެ. އެންމެ ފަހު ދަތުރުގައި އުތުރުގެ ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފަޅު ނިންމާލެއްވީ އައްޑޫއިންނެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ "ދިވެހިންގެ ނިންމުން" ކެމްޕެއިން ނިންމާލުމުގެ ހިނގާލުން މިއަދު ހަވީރު ޕީޕީއެމް އޮފިސް ކުރިމަތިން ފެށިގެން ކުރިއަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ހިނގާލުމަށްފަހު އާޓިފިޝަލް ބީޗަށް އެއްވެ އިންތިހާބުގައި ކާމިޔާބު ލިބޭތޯ ހާއްސަ ދުއާއެއް ވަނީ ކޮށްފަ އެވެ. އިސްވެ މި ދައުވާ ކުރެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމެވެ.

ފުރަތަމަ ބުރާ ހިލާފަށް ރައީސްގެ ކެމްޕެއިނު ގިނަ ހަރަކާތްތައް މިފަހަރު ކުރިއަށް ގެންގޮސްފައިވަނީ މާލެ ސަރަހައްދުގަ އެވެ. މާލޭގެ އެކި ސަރަހައްދުތަކަށް ޑޯޓުޑޯ ހަރަކާތްތައް ހިންގަވައި ކަންމަތީ ޖަލްސާތައް ބޭއްވެވި އެވެ. ރައީސް ވެސް ވަނީ ދެކުނުގެ ތިން ސިޓީއަށް ފަހު ދަތުރަކަށް ވަޑައިގެންފަ އެވެ.

އިންތިހާބުގެ ކެމްޕެއިނު ކުރުން މިއަދު އިރުއޮއްސި 06:00 މަނާވިއިރު، މާދަމާ ވޯޓު ލާން ފަށާނީ ހެނދުނު 08:00 ގަ އެވެ. އިންތިހާބުގެ ވޯޓު ލުން ކުރިއަށް ދާނީ ހަވީރު 05:00 އަށެވެ.