ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޒަމާނުއްސުރެ ވަކާލާތު ކުރައްވަމުން ގެންދަވާ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަޅު މިހާރު އެ ވަނީ އަޅުއްވައިފަ އެވެ. އެއީ ވެރިކަމުގެ ނިޒާމު ރިޔާސީން ބަރުލަމާނީ އަށް ބަދަލުކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން، ނަޝީދު ފަހަތުގައި ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް މަޖިލީހަށް ހުށަހެޅުއްވި ގަރާރެވެ.
20 ސެޕްޓެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޒަމާނުއްސުރެ ވަކާލާތު ކުރައްވަމުން ގެންދަވާ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަޅު މިހާރު އެ ވަނީ އަޅުއްވައިފަ އެވެ. އެއީ ވެރިކަމުގެ ނިޒާމު ރިޔާސީން ބަރުލަމާނީ އަށް ބަދަލުކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން، ނަޝީދު ފަހަތުގައި ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް މަޖިލީހަށް ހުށަހެޅުއްވި ގަރާރެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ގަރާރާ މެދު ބަހުސް ފެށުމުގެ ކުރިން ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ހާލަތްތަކުގައި އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.
އެކަން ކުރުމަށް ފާއިތުވީ ފަސް އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަރޯސާވެގެން ތިބި ތިބުން ނިމުމަކަށް ގެނެސް، ސީދާ މަޖިލީހަށް އެކަން ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"...އެއީކީ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮތް ކަމެއް ނޫން،" ގަރާރު ފާސްކޮށް އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެންގުމުން އެކަން ކުރުން އެ ކޮމިޝަނުގެ މައްޗަށް ލާޒިމުވާނެ ކަމަށް މާނަކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ބައިވެރިވުމެއްނެތި މަޖިލީހުން އަމިއްލައަށް ނިޒާމީ ވޯޓު ނެގޭނެ ކަމަށް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން ގަބޫލުކުރައްވަނީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ.
ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.
އެހެންވެ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) ގެ ދަށުން ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން އެކަން ކުރަން މަޑުކުރާކަށް ނުޖެހެ އެވެ.
އެޖެންޑާގެ ޝަކުވާއާ އެކު އެމްޑީޕީގެ މެމްބަރުން ތަޅުމަށް ވަޑައިނުގަންނަވާތީ، ބަހުސްގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ މަޖިލީހުގެ އާ މައިނޯރިޓީ ޕާޓީގެ ގޮތުގައި ބަލައިގެންފައިވާ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީއަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅައި ޝަރުތުތައް ފާސްކުރަން އެ ޕާޓީގެ މެމްބަރުން އަތް ނަގައިގެން ވޯޓު ލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާ ހުރިހާ ބާރުތަކެއް ޖަމާކުރައްވައިގެން ހުންނެވުމުގެ ހިތިކަން، ފާއިތުވީ 15 އަހަރު ރައްޔިތުން ތަހައްމަލު ކުރަންޖެހުނު ކަމަށް ވިދާޅުވެ ވަރަށް ޖޯޝުގައި އެ މެމްބަރުން ވާހަކަ ދެއްކެވި އެވެ. އަދި މަޖިލީހަށް ރައީސް ޖަވާބުދާރީ ނުކުރެވޭ ނިޒާމެއް މަސައްކަތް ނުކުރާ ކަމަށް ވެސް އެއް އަޑަކުން ވިދާޅުވަމުން ގެންދެވި އެވެ.
ނިޒާމު ބަދަލުކުރުމުގައި ޑިމޮކްރެޓްސްގެ ނިޔަތް ކޮންމެ ގޮތަކަށް މާނަކުރިޔަސް، ރައްޔިތުންގެ ހިޔާލު ހޯދޭ ވޯޓެއް، ރައީސް ބައިޕާސްކޮށްފައި މަޖިލީހަށް ނެގިދާނެކަމާ މެދު ގާނޫނީ ސުވާލެއް ނުވަތަ ސުވާލުތަކެއް އެބަހުއްޓެވެ.
މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި 70 ވަނަ މާއްދާގެ މަފްހޫމަކީ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދުމެވެ. ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގައި ނަގަންޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކަމަށް އުޝާމް ގަބޫލުކުރައްވާ އިރު، އެކަން ކުރުމުގެ ބާރު އޮތީ ހަމައެކަނި ރައީސަށް ކަމަށް ވިދާޅުވި އެވެ.
"ދެ މާއްދާގައި ކޮންމެވެސް ވަރެއްގެ ފުށުއެރުމެއް އޮތް ކަމަށް ފެނުނަސް، މަފްހޫމަކީ ފެންނަ ނުފެންނަ ވޯޓަކަށް އެހޭނީ ރައީސުލްޖުމްހޫރިއްޔާއަށް ކަން،" ކުރީގެ ޑެޕިޔުޓީ އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވި އެވެ.
އެކަމުގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ ވިސްނުން ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގައި އެ ދެ މާއްދާ އޮތީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ރައީސުލްޖުމްހޫރިއްޔާ އަށް އަދި މަޖިލީހަށް ވެސް ނެގޭ ގޮތަށެވެ.
"ބާރުތައް ވަކިވެފައި އޮންނަ ނިޒާމެއްގައި [އާންމު ވޯޓެއް] ދައުލަތުގެ ދެ ބާރަށް ވެސް ނެގޭ ގޮތަށް [ގާނޫނުއަސާސީގައި] މި އޮތީ. އެހެންވީމާ، [ނިޒާމީ ވޯޓެއް] މަޖިލީހުން އަމިއްލައަށް ނެގުމަށް ހުރަހެއް ނެތް ކަމަށް އަޅުގަނޑަށް މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް (ކ) އާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު. -- ފޮޓޯ: މިހާރު
އެކަމަކު، ރައީސް ވިޔަސް މަޖިލީހުން ވިޔަސް، އާޒިމާ ސުވާލުކުރެއްވީ މިއީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ އެވެ.
ރިޔާސީ ނިޒާމަށް 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އާޒިމާ ވިދާޅުވި ގޮތުގައި މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުކޮށްދެއްވުމަކީ ނިޒާމު ބަދަލުކުރަންޖެހޭ ކަމެއް ނޫނެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ނުކޮށް، މުޅި ނިޒާމު ގޯހޭ ބުނުމަކީ އާޒިމާ އަށް ދެކޮޅު ޖެހޭ ކަމަކަށް ނުވެ އެވެ.
"މީގައި މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫން. ގުޑް ގަވަނަންސްގެ މައްސަލައެއް. މިހާތަނަށް ވެރިން ދުސްތޫރީ އޮނިގަނޑު އެބިއުސް ކުރައްވަނީ. [ގާނޫނުއަސާސީ] ތަންފީޒު ކުރާ ނަމަ [ނިޒާމުގެ] އިޝޫ އެއް ނުނިކުންނާނެ،" އޭނާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވި ގޮތަށް، މަޖިލީހުން އަމިއްލައަށް އާންމު ވޯޓެއް ނަގަން ގާނޫނުއަސާސީގައި ހުރަހެއް އޮތް ކަމަށް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރެއްވި އަބްދުﷲ މުއިއްޒު ވެސް ގަބޫލެއް ނުކުރައްވަ އެވެ.
އެކަމަކު ގާނޫނީ މާބޮޑު ބުރަދަނެއް ނެތް ގަރާރެއްގެ ބަދަލުގައި، ނިޒާމީ ވޯޓަކަށް އަހަން އީސީގެ މައްޗަށް މަޖިލީހަށް ވިޔަސް އެންގެންވާނީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލެއްގެ ތެރެއިން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ގަރާރެއްގެ ބަދަލުގައި ކޮންސްޓިޓިއުޝަނަލް އެމެންޑްމަންޓެއް އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް
ނިޒާމީ ވޯޓެއް ނެގުމުގައި އެއީ ވަރަށް މުހިންމު ގާނޫނީ ނުކުތާއެއްގެ ގޮތުގައި މުއިއްޒުގެ ބޭބެ އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވެސް ފާހަގަކުރައްވަ އެވެ. އެކަމަށް ބާރުދެއްވަން، އޭނާ ގާނޫނުއަސާސީގެ 261 ވަނަ މާއްދާއަށް ހަވާލާދެއްވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ މާއްދާގެ ދަށުން، ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ. އެކަމަކު އެފަދަ ގާނޫނެއް ފާސްކުރިޔަސް، ގާނޫނުއަސާސީގައި ބަޔާންކުރާ ތިން ކަމަކަށް ފެތޭ ނަމަ، ރައީސުލްޖުމްހޫރިއްޔާއަށް އެ ތަސްދީގުކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނަގައިގެން ކަން އޭނާ ފާހަގަކުރެއްވި އެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން، އަސާސީ ހައްގުތަކާއި މިނިވަންކަން، މަޖިލީހުގެ އުމުރު، ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަދަލުކުރާ ބިލެއް ރައީސަށް ތަސްދީގުކުރެވޭނީ އާންމު ވޯޓެއް ނަގައިގެން އެކަން ކުރަން ރައްޔިތުންގެ އަޣުލަބިއްޔަތަށް ފެންނަ ނަމަ އެވެ.
މިއީ މިހާރު މި ނަގަން ފައި ވިއްދައިގެން އުޅޭ ނިޒާމީ ވޯޓު ގޮސް ގުޅޭ ހިސާބު ކަމަށް މުއިއްޒު ގަބޫލުކުރައްވަނީ އެހެންވެ އެވެ.
"ދުސްތޫރީ އޮނިގަނޑުގައި ވަކި ތަރުތީބެއް އެބަ އޮވޭ. އެ ތަރުތީބަށް ބަލާއިރު، ނިޒާމު ބަދަލުކުރުން ގުޅިފައި މި އޮތީ ގާނޫނުއަސާސީ އިސްލާހު ކުރުމާ،" މުއިއްޒު ވިދާޅުވި އެވެ.
ނިޒާމީ ވޯޓަކަށް އެހުމުގެ ކުރިން ގާނޫނުއަސާސީ އިސްލާހު ކުރަންޖެހޭ ސަބަބެއް ކަމަށް މުއިއްޒު ފާހަގަކުރެއްވީ، ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާ އިރު، ރައީސުލްޖުމްހޫރިއްޔާގެ ދައުރާއި އިންތިހާބު ކުރާ ގޮތާއި މަޖިލީހުގެ އުމުރަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭނެތީ އެވެ.
"އެހެންވީމާ ޑިމޮކްރެޓްސް ވިޔަސް އެމްޑީޕީ ވިޔަސް އެބަޖެހޭ ނިޒާމު ބަދަލުކުރުމުގެ ކަންކަން ގެންދާނެ ގޮތެއް ކިޔައިދޭން. މިސާލަކަށް ނިޒާމު ބަދަލުކުރަންޏާ ޖެހޭނެ 79 މާއްދާ [މަޖިލީހުގެ އުމުރުގެ ބާބު] އާ ކުޅެން. އަދި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކަށް ވެސް ބަދަލުތަކެއް އަންނާނެ އިރު، އިންތިހާބުކުރާ ގޮތް ވެސް ބަދަލުވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މީހަކު ވޯޓު ލަނީ.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މުއިއްޒު އިޝާރާތް ކުރެއްވި ތަރުތީބު އޮޅުވާލައިފި ނަމަ، ނުކުމެދާނެ އިތުރު މައްސަލައެއް ގާނޫނީ ވަކީލަކު ފާހަގަކުރެއްވި އެވެ.
ނަން ނުޖަހަން އެދި އޭނާ ވިދާޅުވި ގޮތުގައި، މިކަން ފުރޮޅޭ ގޮތަކުން ދެ ފަހަރު އާންމު ވޯޓެއް ނަގަން ޖެހުމުގެ ފުރުސަތު އެބައޮތެވެ.
"މިސާލަކަށް ގަރާރުގެ ދަށުން އާންމު ވޯޓެއް ނަގައި ނިޒާމު ބަދަލުކުރަން ރައްޔިތުން ތާއީދު ކުރިއްޔޯ. އެއާ އެކު ޖެހޭނެ ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނަން. އެކަމަކު 262 ވަނަ މާއްދާގައި އެބަ ބުނޭ ވަކި ކަންކަމެއްގައި ގާނޫނުއަސާސީ އިސްލާހުކުރަން އާންމު ވޯޓެއް ނަގަންޖެހޭ ކަމަށް. އެހެންވީމާ އަނެއްކާ ދެވަނަ ވޯޓެއް ނަގަންޖެހޭނެތޯ މިއީ ވެސް އޮތް ސުވާލެއް،" އޭނާ ވިދާޅުވި އެވެ.
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
މުއިއްޒާ ގުޅޭނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ
މަޖިލީހުގެ ރިޔާސަތުން ދެއްކި ހުތުރު ނަމޫނާ!
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
"ރުހުން ނުދިނުމާ ގުޅެނީ ނަޝީދަށް މަގާމު ގެއްލުން"
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
"ހުވާކުރާ ޖަލްސާގައި ނަޝީދުގެ މައްސަލަ އޮންނަންޖެހޭނެ"
މުއިއްޒު ހުވާކުރާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެނީ