ބަންޑާރަ ނައިބުގެ މަގާމަށް ރުހުން ނުދޭން "ދަ ޑިމޮކްރެޓްސް" އިން ނިންމި ނިންމުން ގުޅެނީ އެ ޕާޓީ އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ގެއްލުމާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
28 ޖެނުއަރީ 2024
ބަންޑާރަ ނައިބުގެ މަގާމަށް ރުހުން ނުދޭން "ދަ ޑިމޮކްރެޓްސް" އިން ނިންމި ނިންމުން ގުޅެނީ އެ ޕާޓީ އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ގެއްލުމާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅުގައި އެކުގައި މަސައްކަތް ކުރާ އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވަނީ ބަންޑާރަ ނައިބު އުޝާމަށް ރުހުން ނުދޭށެވެ. ނަމަވެސް، އޭނާ އަށް ރުހުން ނުދޭން އެ ދެ ޕާޓީން ނިންމި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ އޭނާއަށް ރުހުން ނުދިނުން ފާހަގަ ކުރެވެނީ ވަރަށް ޒާތީ ކަމެއްގެ ގޮތުގައި ކަމަށާއި އެއީ މަގާމަށް ގާބިލްވުމާއި ނުވުމުގެ މައްޗަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. އޭނާ އަށް ރުހުން ނުދޭން ބޮޑަށް ބޭނުން ވެގެން އުޅެނީ ޑިމޮކްރެޓްސް ޕާޓީން ކަމަށާއި އެކަން ގުޅެނީ މަޖިލީހުގެ ކުރީގެ ރައީސް ނަޝީދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
"އެމްޑީޕީގެ ތެރޭގައި ވަރަށް އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން އަޅުގަނޑަށް ގުޅާފައި ވެސް އެބަ ވިދާޅުވޭ މިއީ ކޮންމެހެން ގާބިލްކަމާއި ނޫން ކަމާ ގުޅޭ ކަމެއް ނޫނޭ، މިއީ ހަމަ ޑިމޮކްރެޓްސްގެ ތެރެއިން ބޭނުން ވަނީއޭ އަޅުގަނޑަށް ރުހުން ނުދޭން. ޑިމޮކްރެޓްސް ބޭނުމެއް ނުވެއޭ އޭޖީގެ މަގާމަށް އަޅުގަނޑަށް ރުހުން ދޭކަށް،" އުޝާމް ވިދާޅުވި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބުނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގެ ދެވަނަ ފަހަރަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔައިރު ޑިމޮކްރެޓްސްގެ ފަރާތުން ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ނެގި ނިޒާމީ ނުކުތާއާ އިދިކޮޅަށް އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ވާހަކަ ދެއްކި މީހެއް އަޅުގަނޑަކީ. އެ ބޭފުޅުން ގަބޫލު ކުރަނީ ނަޝީދުގެ މައްސަލަ އެ ދުވަހު އެގޮތަށް ހިނގައިގެން ދިޔައީ އަޅުގަނޑު ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް."
އެ ދުވަހުގެ ޖަލްސާގެ ނިޒާމް ގެއްލިގެން ދިޔުމުން ނަޝީދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ވެސް ދެއްވައިފަ އެވެ.
އުޝާމް ވިދާޅުވީ ޑިމޮކްރެޓްސް އިން ގަބޫލު ކުރަނީ ނަޝީދަށް މަގާމު ގެއްލިގެން ދިޔައީ އެ ދުވަހު އޭނާ ދެއްކެވި ވާހަކަތަކުގެ ސަބަބުން އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ގާނޫނީ ސަބަބެއް ލިބުމުން ކަމަށެވެ.
"އެ ދުވަހު އަޅުގަނޑު ދެއްކި ހުރިހާ ވާހަކަތަކެއް އެމްޑީޕީ އަށް ރަނގަޅު. އެމްޑީޕީ އަށް ރަނގަޅު ހުރިހާ ވާހަކައެއް. އެކަމަކު އެ ދުވަހު އަޅުގަނޑު ދެއްކި ވާހަކަތަކުގެ މައްޗަށް މިއަދު އަޅުގަނޑަށް ރުހުން ނުދޭން މި އުޅެނީ. އެހެންވީމަ އެބަ އެނގޭ މިއީ ކޮންމެހެން އުސޫލެއް ހަމައެއްގެ ތެރެއިން ކުރާ ކަމެއް ނޫންކަން. މިއީ ހަމަ ޒާތީ ކަމެއް ކަން،" އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ އިދިކޮޅުން އަމަލު ކުރަމުން ދަނީ ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ނޫން ކަމަށާއި ގާނޫނުއަސާސީގައި އެއްވެސް ޒާތީ މަސްލަހަތެއް އިސް ނުކޮށް އަމަލު ކުރުމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އުޝާމް ވިދާޅުވީ އޭނާގެ ވަޒީފާގެ ހައިސިއްޔަތުން ޕްރޮފެޝަނަލީ ނިންމާފައި އޮތް އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
"މިއީ ޒާތީ ކަމެއް. ޒާތީ ގޮތުން ޖައްސާލާ ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށި ވެސް ނުކުރެވޭނެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ގަދަކޮށް،" އުޝާމް ވިދާޅުވި އެވެ.
އުޝާމަށް ރުހުން ނުދޭން ދެ ޕާޓީގެ ޕީޖީ ގުރޫޕުން ނިންމާފައިވާއިރު، މިހާތަނަށް އެންމެ ބޮޑު ފާޑުކިޔުމެއް ބަންޑާރަ ނައިބާ ގުޅޭ ގޮތުން އަމާޒުވެފައިވަނީ އެމްޑީޕީގެ ސަރުކާރުގައި އިޓޮލްސް އިން ނިންމި ނިންމުމާ އެކު ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު އަލުން ހޯދުމަށް ކުރާ މަސައްކަތަށެވެ.
އޭގެއިތުރުން މިދިޔަ ސަރުކާރުން ބަދަލު ނަގައިދިނުމަށް ހަދާފައި އޮތް ސެޓެލްމެންޓް ކޮމިޓީ އުވާލަން ބަންޑާރަ ނައިބު އުޝާމް ދެއްވި ލަފާގެ މަތިން، އެ ކޮމިޓީން ރައީސް އުވާލައްވާފައިވާއިރު، ބަދަލު ދިން މީހުންގެ މައްސަލަތައް ވެސް ދަނީ ރިވިއު ކުރަމުންނެވެ.
އެމްޑީޕީން ޕީޖީ ގުރޫޕުން ނިންމާފައިވަނީ އުޝާމްގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށެވެ.
.މިއަދުގެ ޖަލްސާ ފެށުމަށް ބައެއް މެންބަރުން ހުރަސް އަޅަނީ
ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މިހާރު އެމްޑީޕީއާ އެކު މަސައްކަތްކުރާ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ވަނީ އުޝާމާއި ހައިދަރާއި ޝަހީމަށް ރުހުން ނުދޭން ނިންމައިފަ އެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޑިމޮކްރެސްޓްސް އިން ރުހުން ނުދޭން ނިންމި އަނެއް ވަޒީރަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އެކަމަކު، އެމްޑީޕީގެ ލިސްޓުގައި ޒަމީރުގެ ނަމެއް ނެތެވެ.
އޭގެ އިތުރުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ރުހުން ނުދިނުމަށް ވެސް އެ ދެ ޕާޓީގެ ވިސްނުން އެބަހުއްޓެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ.
ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމި ސަބަބުތަކުގެ ތެރޭގައި މާލެ ރައްޔިތުންނަށް ދޫ ކޮށްފައިވާ ގޯތިތައް ނުދީ ހިފެހެއްޓުމާއި އިންޑިއާއާ ގުޅުން ގޯސްވުން ހިމެނެ އެވެ. މިކަމާ ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ވަޒީރުންނަށް މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.
ރުހުން ނުދޭން އުޅެނީ ޒާތީ ކަމެއްގައި: އުޝާމް
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
މަޖިލީހުގެ ރިޔާސަތުން ދެއްކި ހުތުރު ނަމޫނާ!
ކޮމިޓީތަކަށް ބަދަލު ނުގެނެވި، މަސައްކަތް ހުއްޓިފައި!
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ރުހުން ނުލިބޭ ވަޒީރުން އަލުން މަގާމަށް: ބޮޑުުު ސުވާލެއް
އުޝާމާއި ޝަހީމާއި ހައިދަރަށް ރުހުމެއް ނުދިން!
ފުލުހުންނާއި ސިފައިން ޒިންމާއަދާކުރިތޯ ބަލަން ކޮމިޓީއަށް
ރުހުން ދިނުމުގެ ޖަލްސާ މިރޭ ކުރިއަށް ގެންދަނީ
މަޖިލިސް ތެރޭ މާރާމާރީ، ބައެއް މެންބަރުންނަށް އަނިޔާ