30 ޖެނުއަރީ 2024
ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ. އެ ރުހުމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ މިނިސްޓަރަކާއި ބަންޑާރަ ނައިބަކަށް ނުލިބުނެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމްގައިވާ ގޮތުން އެހާ ހިސާބުން އެ ބޭފުޅުންގެ މަގާމު ގެއްލުނީ އެވެ.
ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ. އެ ރުހުމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ މިނިސްޓަރަކާއި ބަންޑާރަ ނައިބަކަށް ނުލިބުނެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމްގައިވާ ގޮތުން އެހާ ހިސާބުން އެ ބޭފުޅުންގެ މަގާމު ގެއްލުނީ އެވެ.
އެކަމަކު، ރައްޔިތުންގެ މަޖިލީހުން އެ ނިންމުން ނިންމިތާ ދެތިން ގަޑިއިރު ތެރޭ ރައީސް ޑރ. މުއިއްޒު ވަނީ ހަމަ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ. އެ ތިން ބޭފުޅުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުވާ ލައިދެއްވުމުން ހުވާ ވެސް ކުރައްވައިފަ އެވެ.
މިއީ ގާނޫނުއަސާސީގެ ރޫހާ ހިލާފުވެ، ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކަށް ވެރިކަން ހިންގާ ބާރުން ގޮންޖެހުން ކަމުގައި ބައެއް ގާނޫނީ ބޭފުޅުން ދެކެ ވަޑައިގަންނަވަ އެވެ.
"މަޖިލީހުން އެއް ފަހަރު ނޫނެކޭ ބުނީމަ ހަމަ އެ މަގާމުތަކަށް އެ ބޭފުޅުން ލައްވާ ގަދަފައި ޖަހައި އަލުން ރުހުން ހޯދަން ފޮނުވުން އެއީ އިދިކޮޅު ޕާޓީ އަށް ގޮންޖެހުމެއް ނޫން. އެއީ ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގޮންޖެއްސެވީ. އެކަން އެހެނެއް ނުކުރެވޭނެ. އަހްލާގީ މިންގަނޑަކުން އެއީ ކުރެވިގެން ވާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ފެހި ގާނޫނުއަސާސީ އެކުލަވާލެއްވި ހާއްސަ މަޖިލީހުގެ މެންބަރު ކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވާން ޖެހުނު ސަބަބުތައް ބައިވަރެވެ. އިބްރާހިމް އިސްމާއިލް ވިދާޅުވީ ދައުލަތުގެ ތިން ބާރު ވަކިކޮށް ރައްޔިތުން މަޖިލީހެއް އެކުލަވާލައި އެ މަޖިލީހުގެ މެންބަރުންނަކީ އިއްޒަތްތެރިން ކަމަށް ކަނޑައަޅާފައިވަނީ އެއީ ރައްޔިތުން އިންތިހާބުކޮށް ފޮނުވާފައި ތިބޭ ބަޔަކަށްވާތީ ކަމަށެވެ. އެ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރާ ނޫނީ ނިންމާ ކޮންމެ ނިންމުމަކީ ރައްޔިތުން އެކަމަކާ ގުޅޭ ގޮތުން އިއްވާ ބަސް ކަމަށާއި އެ ބަސް ބޮލާލައި ޖެހޭނެ އެއްވެސް މީހަކު ވެސް އަދި މުއައްސަސާއެއް ވެސް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދައްކަނީ ޑިމޮކްރަސީގެ އަހްލާގުގެ ވާހަކައެއް. ރައްޔިތުން ނޫނެކޭ ބުނީމަ އެއީ އަދި ކިތަންމެ ރަނގަޅު ކަމެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ އަށް ގަބޫލު ކުރެވުނު ނަމަވެސް ރައްޔިތުން ނޫނެކޭ ބުނީމަ ދެން ޖެހޭނީ އެއަށް އިސްތަށިފުޅު ލަންބުވާފައި ދެން ކޮންމެ ވެސް އެހެން ބަޔެއްގެ ނަން ފޮނުވަންވާނީ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
ނަމަވެސް، މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ކުރީގެ ރައުޔެއްގައި ވިދާޅުވެފައިވާ ގޮތުގައި ކެބިނެޓަށް ރައީސް އައްޔަން ކުރައްވާ މެންބަރުންނަކީ ވެރިކަން ހިންގުމުގެ ބާރު އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް އެހީތެރިވުމަށް އެންމެ އެކަށީގެންވާ ފަރާތްތައް ކަމަށް ބަލަންޖެހެ އެވެ. އަދި އައްޔަން ކުރާ ޝަރުތު ފުރިހަމަވާ މިނިސްޓަރުންނަށް މަޖިލީހުގެ ޖުމްލަ އަދަދުގެ 13 ޕަސެންޓުގެ ރުހުން ނުލިބިގެން މަގާމުގައި ދެމި ނުތިބެވޭ ނަމަ، އެއީ ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށް އެ 13 ޕަސެންޓުން ބާރު ފޯރުވުން ކަމަށް ރައުޔުގައިވެ އެވެ.
"އެފަދަ ފުރުސަތެއް ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ދީފައިނުވާނެ ކަމަށް ގަބޫލުކުރަންޖެހެއެވެ." ފަނޑިޔާރުގެ ރައުޔުގައިވެ އެވެ.
ރުހުން ނުލިބުނު ދެ މިނިސްޓަރުން އަލުން މަގާމާ ހަވާލުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިބްރާޙިމް އިސްމާއިލް ވިދާޅުވީ ރިޔާސީ ނިޒާމެއްގެ ތެރެއިން ޗެކް އެންޑް ބެލެންސްގެ ޖަވާބުދާރީކުރުވަނިވި ނިޒާމެއްގެ ތެރެއިން ރައީސްގެ ކެބިނެޓަށް ރުހުން ހޯދަން މަޖިލީހަށް ދާން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ލިޔެފައިވަނީ މުހިންމު ބޭނުމެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ ކެބިނެޓަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަހާ ބަޔަކު ލާން އޮތް ތަނެއް ނޫން ކަމަށެވެ. މަޖިލީހުގެ ދައުރެއް އޭގަ ބާއްވާފައި އޮތީ ވަޒީރުންގެ ފަސްބައި އޮތީ ކިހިނެއްތޯ ބަލައި، އިތުބާރާ އެކު ދައުލަތުގެ ވުޒާރާއެއް ދޫކޮށްލެވޭ ވަރުގެ ބައެއްތޯ ރައްޔިތުންގެ ފަރާތުން ބަލައި ކަށަވަރު ކުރަން ކަމަށް ވިދާޅުވި އެވެ.
އޭނާ ގަބޫލު ކުރައްވާ ގޮތުގައި ކެބިނެޓަށް މެންބަރުން އައްޔަން ކުރުމާއި މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމާ މާބޮޑު ތަފާތެއް ނެތެވެ. މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރަނީ ރައީސް ނަން ފޮނުއްވުމުން އެ ނަމެއް މަޖިލީހުން ފާސްކޮށްގެންނެވެ. މިނިސްޓަރުންނަށް ވެސް އޮތީ ހަމަ އެ އުސޫލާއި ހަމަ ކަމަށް އިބްރާހިމް އިސްމާއިލް ދެކެވަޑައިގަންނަވަ އެވެ.
"ޑިމޮކްރަސީއެއްގައި ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ އެއްވެސް މީހަކީ އެ މީހާ އަށް މުތުލަގު ޒާތީ ބާރުތަކެއް ލިބޭ މީހެއް ނޫން. ރައްޔިތުންގެ މައްޗަށް ބަސް ބުނަން ހުންނަ މީހެއް ނޫން. އޭނާއަކީ ރައްޔިތުންނަށް ބޯލަނބައިގެން ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ މަޖިލީހުން ހަދާ ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރަން ހުންނަ މީހެއް." އޭނާ ވިދާޅުވި އެވެ.
އިބްރާހިމް އިސްމާއިލްގެ ވާހަކަތަކާ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ މޫސާ ސިރާޖުގެ ވިސްނުން ތަފާތެވެ. އޭނާ ވިދާޅުވީ މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމާ ހިލާފަށް ކެބިނެޓަށް މެންބަރުން އައްޔަން ކުރުމަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ މުތުލަގު ބާރެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ އެ މާއްދާގެ (ޅ)ގައި ބަޔާންކޮށްފައި އޮތީ ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް، މީހުން އައްޔަންކުރުމަކީ ލިބިދޭ ބާރެއް ކަމަށެވެ.
"ވަޒީރުން ކަނޑައަޅާފައި ރުހުން ހޯދަން ފޮނުވަން މި އޮންނަނީ. އެ ރުހުން ހޯދަން ފޮނުވުމަކީ ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ފުރިހަމަވޭތޯ ބެލުން. ރުހުން ދިނުމަށް ފަހު ވަޒީރެއްގެ އިތުބާރު ގެއްލިއްޖެ ނަމަ އެއީ މުޅިން އެހެން އިޖުރާއަތެއް. އެ އިޖުރާއަތް އެ އޮންނަނީ އެހެންވެ،" ސިރާޖު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ނިންމުމަކަށް ރައީސުލްޖުމްހޫރިއްޔާ ގޮންޖެއްސެވީ ކަމަށް ދައުވާ ކުރާ ނަމަ، ރައްޔިތުންގެ މަޖިލީހުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ބާރަކަށް ގޮންޖެއްސެވީ ކަމަށް ބުނެވެން އޮންނާނެ ކަމަށެވެ.
"މަޖިލީހުން ވަޒީރުންނަށް ރުހުން ނުދިނުމަކީ ގާނޫނުއަސާސީން ރައީސަށް މުތުލަގަށް ދީފައި އޮތް ބާރަކަށް ގޮންޖެހުން. ޝަރުތު ހަމަވާ ބޭފުޅުން ވަޒީރުން އައްޔަންކޮށް ރުހުން ހޯދަން ފޮނުވީމަ އަދި ކޮމިޓީން އެކަން ބަލާފައި ރުހުން ދޭން ފެންނަ ނިންމީމަ ދެން ޖެހޭނީ ރުހުން ދޭން. އެއަށް ޗެލެންޖް ކުރާ ނަމަ އެއީ ރައީސަށް ލިބޭ ބާރުތަކަށް ޗެލެންޖް ކުރުން،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ސިރާޖު ވިދާޅުވި އެވެ.
"މީގައި ގޮން މިޖަހަނީ ރައީސެއް ނޫން. ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ރައީސްގެ ބާރުތަކަށް ގޮން މިޖަހަނީ."
ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުންނާ އެކު މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އަލުން އައްޔަން ކުރި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ރުހުން ނުލިބޭ މިނިސްޓަރުން އަލުން މަގާމަށް އައްޔަން ކުރުން މަނާކުރާ ގާނޫނީ މާއްދާއެއް ނެތް ކަމަށާއި އެހެންކަމުން އެކަމަށް ގާނޫނީ އެއްވެސް ހުރަހެއް މިވަގުތު ނެތް ކަމަށެވެ. ނަމަވެސް، ރުހުން ނުދޭ މިނިސްޓަރުން އަލުން އައްޔަން ކުރެވިދާނެތޯ ނުވަތަ ނޫން ކަން ގާނޫނުއަސާސީގައި ސާފުކޮށް ބުނެފައި ނެތުމުން މިއީ ގާނޫނީ ސުވާލެއް އޮތް ކަމެއް ކަން އުޝާމް ގަބޫލު ކުރައްވަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިނިސްޓަރުންގެ ރުހުމާ ގުޅިގެން ހިނގައިދިޔަ ގާނޫނީ ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިން އޭރުގެ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި ވެސް މިކަން ފާހަގަކޮށްފައިވެ އެވެ.
"ރައްޔިތުންގެ މަޖިލީހުން އެ މެންބަރަކަށް ރުހުން ނުދީފި ނަމަ، އެ މެންބަރަކާ ދޭތެރޭ އަމަލު ކުރަންވީ ގޮތެއް ގާނޫނުއަސާސީގެ ނައްސުން އެނގެން ނެތް،" ހުކުމްގައިވެ އެވެ.
ފެހި ގާނޫނުއަސާސީގެ ތެރެއިން އެންމެ ފުރަތަމަ ވެރިކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މިފަދަ ކަމެއް ހިނގި އެވެ. އޭރު ނަޝީދުގެ ކެބިނެޓް އެކީ އެއް ފަހަރާ އިސްތިއުފާ ދެއްވުމަށް ފަހު އަލުން މަގާމުތަކަށް އައްޔަން ކުރި އެވެ.
އަލަށް އައްޔަން ކުރި، ހަމަ ކުރީގެ މިނިސްޓަރުންނަށް ރުހުން ދޭން ނުފޮނުމުން ހިނގި ހިޔާލު ތަފާތުވުންތަކަށް ފަހު އެންމެ ފަހުން ނަޝީދު ކެބިނެޓަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމާ ގުޅޭ ގޮތުން އޭރުގެ މަޖިލީހުން ނިންމީ ފޮނުވި ފަސް މިނިސްޓަރަކަށް ރުހުންދީ، ހަތް މިނިސްޓަރަކަށް ރުހުން ނުދޭށެވެ.
އޭގެ ތެރޭގައި އޭރުގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު ވެސް ހިމެނެ އެވެ. ރުހުން ނުދިން ހަތް މިނިސްޓަރުން ވެސް މަގާމުގައި ދެމި ތިބޭނެ ކަމަށް ސަރުކާރުން ބުނަމުންދާތީ، އޭރުގެ މަޖިލިސް މެންބަރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ހުކުމް ކޮށްފައިވަނީ މަޖިލީހުން މިނިސްޓަރަކަށް ރުހުން ނުދޭން ނިންމާ ހިސާބުން މަގާމުން ވަކިވީ ކަމަށެވެ. އެ ނިންމުމާ އެކު ރުހުން ނުލިބުނު މިނިސްޓަރުން އިސްތިއުފާ ދެއްވި އެވެ. އަދި ނަޝީދު ވަނީ އާ ބޭފުޅުން އައްޔަން ކުރައްވައި ރުހުން ހޯދަން އަލުން ފޮނުއްވައިފަ އެވެ.
ނަމަވެސް، އޭގެ ތެރޭގައި ޑރ. އަހްމަދު އަލީ ސަވާދު ވެސް ހިމެނެ އެވެ. ރުހުން ނުލިބުނަސް އަނެއްކާ ވެސް އޭނާ ހަމަ ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރެއްވި އެވެ. ދެވަނަ ފަހަރަށް ވެސް މަޖިލީހުން ނިންމީ ޑރ. ސަވާދަށް ރުހުން ނުދޭށެވެ. އެހާ ހިސާބުން ނަޝީދު ގޮތް ދޫކުރައްވައި ބަންޑާރަ ނައިބުގެ މަގާމަށް އަބްދުﷲ މުއިއްޒު އައްޔަން ކުރެއްވީ އެވެ.
މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ތެރޭގައި ބޮޑުވުމުން ގާނޫނީ ބައެއް ބޭފުޅުން ފާހަގަ ކުރައްވަން ފެއްޓެވި ކަމަކީ، ކެބިނެޓް އައްޔަން ކުރުމުގެ ތަރުތީބު އޮޅުވާލައި 129 ވަނަ މާއްދާގެ މަގުސަދު ހާސިލް ކުރުމާ ފެޔަށް ޖެހިފައިވާ ކަމެވެ.
ގާނޫނުއަސާސީގެ ދަށުން އެންމެ ފުރަތަމަ ކެބިނެޓެއް އެކުލަވާލެއްވި ރައީސް މުހައްމަދު ނަޝީދު، ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު އެމަނިކުފާނު ކެބިނެޓަށް އައްޔަން ކުރައްވަން ބޭނުންވާ ބޭފުޅުންގެ ލިސްޓް މަޖިލީހަށް ރުހުން ހޯދަން ފޮނުއްވި އެވެ. މަޖިލީހުން އެ މިނިސްޓަރުންގެ ޝަރުތު ފުރިހަމަ ވޭތޯ ބެލުމަށް ފަހު، ހުރިހާ ބޭފުޅުންނަށް އެ ދުވަހުން ދުވަހަށް ރުހުން ދިނެވެ.
އެ ބޭފުޅުން މިނިސްޓަރު ކަމުގެ ހުވާ ކުރެއްވީ ރުހުން ލިބުމަށްފަހު އެވެ. ނަމަވެސް، އެ ވެރިކަން ވެއްޓި ދެން އުފެދުނު ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަށް ފަހު ހުރިހާ ސަރުކާރަކުން ވެސް ކެބިނެޓް ހުވާ ކުރައްވަމުން ގެންދެވީ ރުހުން މަޖިލީހުން ދިނުމުގެ ކުރިންނެވެ.
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވީ ރަނގަޅު އިޖުރާއަތް ކަމަށް ގަބޫލު ކުރެވެނީ ރައީސް މުހައްމަދު ނަޝީދު އަމަލު ކުރެއްވި ގޮތް ކަމަށެވެ. އެއީ، ދިޔާނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް ބެލުމުން މިނިސްޓަރު ކަން ފުރިހަމަވުމަށް ތިން ހަރުފަތެއް އޮތް ކަން އެނގޭ ކަމާއި އެ ތިން ހަރުފަތަކީ؛ މަގާމަށް އައްޔަން ކުރުމާއި މަޖިލީހުން ރުހުން ދިނުން އަދި ހުވާކޮށް މަގާމާ ހަވާލުވުމެވެ.
"މި ކަންކަމުގެ ތަރުތީބާއި ހުވައިގެ އިބާރާތާއި މަސައްކަތަށް ނުކުންނަ ހިނދު މަތިވާ ޒިންމާއާ، ހަވާލުވެވޭ ސިއްރާ މި ކަންކަމަށް ވިސްނުމުން ފެންނަނީ އަމަލު ކުރަންޖެހޭ އިޖުރާއަތަކީ އެއީ ކަމަށް،" ދިޔާނާ ވިދާޅުވި އެވެ.
ދިޔާނާ ސައީދު، ރައީސް ނަޝީދާ އެކު: ވިދާޅުވީ ރަނގަޅު އިޖުރާއަތަކީ ރައީސް ނަޝީދު އަމަލު ކުރެއްވި ގޮތް ކަމަށް
އެހެން ގާނޫނީ ވަކީލަކު ވެސް ވިދާޅުވީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ރުހުން ދިނުމަކީ އެއްވެސް މާނައެއް ނެތް ކަމެއް ކަމަށް މިހާރު މާނަ ކުރެވިގެން އުޅެނީ އިޖުރާއަތުގެ ތަރުތީބު އޮޅުވާލާފައި އޮތުމުން ކަމަށެވެ. މިނިސްޓަރުން މަގާމުގެ ހުވާކޮށް މަސައްކަތާ ހަވާލުވާންވާނީ ރުހުން ލިބުމުން ކަމަށާއި އޭރަށް ގާނޫނުއަސާސީގެ ރުހުން ދިނުމުގެ މާއްދާގެ ބޭނުން ވަރަށް ސާފުކޮށް އެނގެން އޮންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ސުޕްރީމް ކޯޓުން ކުރިން ކޮށްފައި އޮތް ހުކުމްގައި ވެސް ބުނެފައިވަނީ ރުހުން ލިބެންދެން ކެބިނެޓް މިނިސްޓަރުން ތިބޭނީ ޑިފެކްޓޯކޮށް ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ދައްކަމުން ދިޔަ ވާހަކައެއް މިއީ މިގޮތަށް މި އިޖުރާއަތުގެ ތަރުތީބު ބަދަލުކުރުމުން އޭގެ ގޯސް އަދި ފެންނާނެ ކަމަށް. މިއަދު މިއޮތީ އެ ތަން އައިސްފައި،" މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
"ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުމެއް ރައްޔިތުންގެ މަޖިލީހުން ބޮލާލައި ޖަހަން ޖެހޭ ހާލަތަކަށް ދާން ޖެހުން ވެސް އެއީ ވަރަށް ދެރަ ކަމެއް. އެކަން ޕްރިވެންޓް ކުރެވޭނެ ހުރިހާ ގޮތަކަށް ޕްރިވެންޓް ކުރަން ޖެހޭނެ. އެކަމަކު އޭގެ މާނައަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުން އާނއެކޭ ބުނާކަށް ވެސް ޖެހިގެން ނުވާނެ. އެހެންވީމަ އޭގެ ރީތި ގޮތަކީ މަޖިލީހުގެ ބަހަކީ ކޮބައިތޯ ބަލާފައި މިނިސްޓަރުން އައްޔަން ކުރުން."
މަދަނީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ ގާނޫނުއަސާސީގެ މި މާއްދާގެ ބޭނުމަކީ މިނިސްޓަރުންނަށް އައްޔަން ކުރާ ބޭފުޅުންގެ ޝަރުތު ފުރިހަމަވޭތޯ ބެލުމާ އެކު އެ ބޭފުޅުންނަކީ އަހްލާގީ ގޮތުން ވެސް މަގާމަށް އެކަށޭނެ ބޭފުޅުން ކަން ބެލުން ފަދަ ކަންކަމަށް ފަރާވެރިވުން ކަމަށެވެ. ގާނޫނުއަސާސީގައި އެއްވެސް މާނައެއް، ބޭނުމެއް ނެތް މާއްދާއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި ލިޔެފައެއް ނޯންނާނެ ބޭނުމެއް ނެތް މާއްދާއެއް. ކޮންމެ މާއްދާއެއް ވެސް އެއީ ކޮންމެ ވެސް ބޭނުމެއް އޮތީމަ. އެހެންވީމަ އެއްވެސް ބަޔަކަށް އެއީ ބޭނުމެއް ނެތް މާއްދާއެއް ކަމަކަށް ބަލާނެ އެއްވެސް ޖާގައެއް ނޯންނާނެ އަދި ކޯޓަކުން ވެސް،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އިބްރާހިމް އިސްމާއިލް: އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ ނިންމެވުމަކީ މަޖިލީހަށް ގޮންޖެއްސެވުމެއް
ނަމަވެސް، މި އިޖުރާއަތުގައި މިކަން ކޮށްފި ނަމަ ނުކުމެދާނެ ނޭދެވޭ ނަތީޖާއެއްގެ ވާހަކަ ކުރިން ފާހަގަކުރި ސުޕްރީމް ކޯޓުގެ ހުކުމްގައި އަގުލަބިއްޔަތު ނުލިބުނު މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ރައުޔުގައި ފާހަގަކޮށްފައިވެ އެވެ.
ރައުޔުގައި އެމަނިކުފާނު ވިދާޅުވީ މިނިސްޓަރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ މައްޗަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާ ކަމަށާއި އެ މަސައްކަތް ލަސްކޮށް ނުވަތަ ރުހުން ނުދޭން ނިންމައިފި ނަމަ އެ ވާނީ ސަރުކާރުގެ އެންމެ މަތީ ވެރިޔާއަށް ފުރިހަމަ ގޮތުގައި ވެރިކަން ހިނގަން ނުފެއްޓޭނެ ގޮތްވުން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީ އިން ދީފައިވާ ވެރިކަން ހިންގުމުގެ ބާރު މަޖިލީހުގެ ބާރުގެ ދަށަށް ގެނެސް ވަކި މުއްދަތެއް ނެތި ހިފެހެއްޓޭނެ ގޮތަށް ގާނޫނުއަސާސީ މާނަ ކުރުންކަމާއި ރައްޔިތުންގެ މަޖިލީހަށް ވެރިކަން ހިންގުމުގެ ބާރަށް ވެރިކަން ކުރުމުގެ ފުރުސަތު ހަނިކޮށްފައި ނުވަތަ ނުކުރެވޭނެ ގޮތަށް ހިފެހެއްޓޭނެ ގޮތް އެއީ ތިން ބާރު ވަކިކޮށްފައިވާ ގާނޫނުއަސާސީއެއްގެ ރޫހް ކަމަކަށް ނުބެލެވޭނެ،" ފަނޑިޔާރު މުއުތަސިމް ވިދާޅުވެފައިވެ އެވެ.ްމ
މިސާލަކަށް އެ ހާލަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރިމަތިލާން ޖެހިވަޑައިގަތުން ގާތް ހާލަތެކެވެ. އެއީ މިނިސްޓަރުންނަށް ރުހުން ދިނުމުގެ ކަންކަން މަޖިލީހަށް ނިންމޭވަރުވީ ގާތްގަނޑަކަށް ވެރިކަމުގެ ދެ މަސް ފަހުންނެވެ. ފުރަތަމަ ރުހުން ދިނުމުގެ އިޖުރާއަތް ގެންދާ ގޮތަށް މާނަކޮށްފި ނަމަ، ދެ މަހަށް ސަރުކާރު އޮންނާނީ ހުއްޓިފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ދެ މިނިސްޓަރުން ކަމަށްވާ ޑރ. މުހައްމަދު ޝަހީމާއި ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަލުން އެ މަގާމާ ހަވާލުވެ، ހުވާ ކުރައްވަން ބޭއްވި ރަސްމިއްޔާތަށް ސުޕްރީމް ކޯޓުން ފަނޑިޔާރު ފޮނުވުން، އެއީ ބައެއް ބޭފުޅުން ދެކޭ ގޮތުގައި މިކަމުގައި ގާނޫނީ މައްސަލައެއް ނެތް ކަން ސާބިތުވާ ކަމެކެވެ.
މިނިސްޓަރުންނަށް ހުވާލައިދެއްވަން ޖެހެނީ ގާނޫނުއަސާސީގައި ބުނާ ގޮތުން އުއްތަމަ ފަނޑިޔާރު ނުވަތަ އެމަނިކުފާނު އައްޔަން ކުރާ ފަނޑިޔާރެކެވެ. އިއްޔެ ހުވާލައިދެއްވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. މޫސާ ސިރާޖު ވިދާޅުވި ގޮތުގައި ރުހުން ނުދިން މިނިސްޓަރުން އަލުން އައްޔަން ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމަކަށްވާ ނަމަ ސުޕްރީމް ކޯޓުން ފަނޑިޔާރު ވަޑައިގެން ހުވައިލައިނުދެއްވީހެވެ.
"އެހެންވީމަ އަޅުގަނޑަށް މި މައްސަލާގަ ގާނޫނީ ގޮތުން ވިސްނޭ ގޮތޭ ސުޕްރީމް ކޯޓުގެ ބޭފުޅުންނަށް ވެސް އެ ގަބޫލު ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އިބްރާހިމް އިސްމާއިލް ގަބޫލު ކުރައްވާ ގޮތުގައި އިއްޔެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ނިންމަވާނީ ވަރަށް އުނދަގޫ ނިންމުމެކެވެ. ހުވާލައިދެއްވުމަށް ފަނޑިޔާރަކު ފޮނުއްވި ސަބަބެއް ކަމަށް އޭނާ ގަބޫލު ކުރައްވަނީ މީގެކުރިން ވެސް އެގޮތަށް އަމަލުކޮށްފައިވުމާއި ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު މަގާމަށް އައްޔަން ކުރެއްވުމަށް އެކަން އެންގުމުން ހުވާލައިދެއްވުމަށް ފަނޑިޔާރަކު ނުފޮނުވުމަށް ދައްކާނެ އެއްވެސް ގާނޫނީ ހަމައެއް ނޯންނާނެތީ އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން - ފޮޓޯ: ނިޝާން އަލީ / މިހާރު
ސުޕްރީމް ކޯޓުގެ ޕްރެސީޑެންޓަށް ބަލާއިރު މި ބާވަތުގެ ކަންކަމުގައި އެ ކޯޓުން ނަންގަވާފައިވާ ސްޓޭންޑަކީ ދިޔާނާ ސައީދު ވިދާޅުވި ގޮތުގައި، ހުވާ ލައިދެއްވުމަކީ އިދާރީ ފަންކްޝަނެއް ކަމާއި އެއީ ޖުޑީޝަލް ފަންކްޝަނެއް ނޫން ކަމެވެ. އަދި އެ ކޯޓުން އެކަމެއްގެ ލީގަލިޓީއާ މެދު ގޮތެއް ކަނޑައަޅާނީ ހުސޫމަތެއްގެ ސިފައިގައި އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ނޫ ގާނޫނުއަސާސީގެ ދަށުން އައްޔަން ކުރެއްވުނު ރައީސުލްޖުމްހޫރިއްޔާގެ އަށް މެންބަރުން ރައީސް ނަޝީދު ވަކި ކުރައްވާ އާ މެންބަރުން އައްޔަން ކުރެއްވި ހިނދު ވެސް ސުޕްރީމް ކޯޓުން ބޭފުޅުންނަށް ހުވާލައިދެއްވި. އެހެނަސް ކޯޓަށް އެ މައްސަލަ ހުށަހެޅުނު ހިނދު އެ މައްސަލަ ބެލި،" ދިޔާނާ ވިދާޅުވި އެވެ.
އެހެން ވަކީލަކު ވެސް ވިދާޅުވީ ފަނޑިޔާރު ހުވައިލައިދެއްވަން ވަޑައިގެންނެވުމަކީ އެ އައްޔަން ކުރެއްވުން އެންޑޯޒް ކުރެއްވުން ނޫން ކަމަށާއި އެ ބޭފުޅުން ވަޑައިގެންނެވި ހަމައެކަނި ސަބަބަކަށް ވާނީ ރުހުން ނުދިނުމުން ދެން އޭގެ ނަތީޖާއެއް ގާނޫނުއަސާސީގައި ލިޔެފައި ނެތުމުން ކަމަށެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވާ ގޮތުގައި އޭނާ އަށް ރުހުން ނުދިނީ ޒާތީ ގޮތުން ޖައްސާލައި ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގައި ކަމަށާއި ވަޒީފާގެ ހައިސިއްޔަތުން ޕްރޮފެޝަނަލީ ނިންމާފައި އޮތް އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
މޫސާ ސިރާޖު ވެސް ވިދާޅުވީ ބަންޑާރަ ނައިބަށާއި ދެ މިނިސްޓަރުންނަށް ރުހުން ނުދޭން މަޖިލީހުން ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޑީގައި ހުންނަވައި، އެމްޑީޕީގެ މެންބަރުންނަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައި ސިޔާސީ ގޮތުން ބިރު ދައްކައިގެން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސް މާބޮޑަށް ނުފޫޒު ފޯރުވައިގެން ގާނޫނުއަސާސީގައި އެ ބުނާ ރޫހާ ހިލާފަށް ކަންކަން ކުރަން މަޖުބޫރު ކުރަނީ. މަޖުބޫރު ކުރާއިރު މި ދައްކާ އެއް ބިރަކީ ވިޕްލައިންއާ ހިލާފަށް ވޯޓު ދީފި ނަމަ ޓިކެޓް އަތުލާނެ ކަމުގެ ބިރު މި ދައްކަނީ. މި ބިރުގައި ހަގީގަތުގައި މެންބަރުން ވޯޓު މި ދެނީ. ގާނޫނުއަސާސީގެ ރޫހަކީ ރުހުން ދިނުން ކަން އެ މެންބަރުން ވެސް ގަބޫލު ކުރޭ،" ސިރާޖު ވިދާޅުވި އެވެ.
އުޝާމް، ބަންޑާރަ ނައިބުގެ ހުވާ ދެވަނަ ފަހަރަށް ކުރެއްވުމަށް ފަހު، މަގާމުގެ ލިޔުމުގައި ސޮއި ކުރައްވަނީ
ނަމަވެސް، ގާނޫނީ ވަކީލަކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ނިންމުމެއް ނިންމުމުން އެ ނިންމުމާ މެދު ސުވާލު އުފައްދަން ސިރާޖު ދެއްކެވި ވާހަކައަކީ ގަބޫލު ކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ގޮތުން އެއީ ގަބޫލު ކުރެވޭ އޮށްޓަރެއް ހުރި، ހަގީގަތެއް އެކުލެވޭ ވާހަކައަކަށް ވެސް ވެދާނެ ކަމަށާއި ނަމަވެސް މަޖިލީހަށް ލިބިދޭ ހާއްސަ ބާރުގެ ތެރޭން އަގުލަބިއްޔަތުން ނިންމާ ނިންމުމަށް ތަބާވާން ޖެހޭނެ ކަމަށެވެ.
"ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނެ. ދެން އެ ނިންމުމެއް ނިންމި ބަޔަކަށް ސިޔާސީ ގޮތުން ޖަވާބުދާރީވާން ޖެހޭނީ. މިހާރު ވެސް މީހުން އެބަ ބުނޭތާ ވޯޓު ހޯދަން ދެން ނާންނާތީވޭ. އެގޮތަށް ޖަވާބުދަރީވާން ޖެހޭނީ. އެއީ ސިސްޓަމް އޮތް ގޮތަކީ. އޭގެ ބަދަލުގައި މަޖިލީހަށް ގޮންޖަހައި އެއެއް ނޫން އެކަން އޮންނަން ވާނެ ގޮތަކީ،" ވަކީލް ވިދާޅުވި އެވެ.
އެ ވަކީލް މިކަން ފާހަގަ ކުރެއްވީ ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާ މެދު ސުވާލު ނުއުފެއްދޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފައިވާ ނިންމުމަށް ރިއާޔަތްކޮށެވެ.
ނައިބު ރައީސް ކަމުން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިދިނުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން އެކި މަގާމުތަކަށް އައްޔަން ކުރެވިފައިވާ ފަރާތްތައް މަގާމުން ވަކިކުރުމަށް ގާނޫނުއަސާސީން ބާރު ދެމިފައި އޮތުމުގެ މަގުސަދަކީ މަޖިލީހުން ފާރަވެރިވާ ފަރާތްތައް ޖަވާބުދާރީކުރުވައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފުރުސަތު ދިނުމަށް ކަމަށެވެ.
"މިއީ ރައްޔިތުންގެ މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒުގެ ތެރޭގައި ހިމެނޭ ކަމެކެވެ،" ހުކުމްގައިވެ އެވެ.
ހުކުމްގައި ބުނީ ރައްޔިތުންގެ މަޖިލީހުން މި އިމްތިޔާޒުތައް ބޭނުން ކުރުމުގައި ގާނޫނުއަސާސީއާ ހިލާފުވާ ހާލަތެއްގައި މެނުވީ، ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަކީ ނުވަތަ ހިނގާ ކަންކަމަކީ ކޯޓުތަކަށް އެކަމާ މެދު ގޮތް ކަނޑައެޅޭނެ ނިންމުންތަކެއް ނޫނެވެ. އަދި މަޖިލީހުގެ ނިންމުންތަކާ މެދު އެގޮތަށް ކޯޓުން ގޮތް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ބާރު ހަނިވާ ކަމެއް ކަމަށް ހުކުމްގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މި ރައުޔުން އެނގޭ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ނިންމުމަކީ ވެސް އެއީ ގާނޫނުއަސާސީއާ ހިލާފު ނިންމުމަކަށް ނުވާ ނަމަ، އެއީ އެ ބާރުގެ އިމްތިޔާޒުގެ ތެރެއިން ނިންމާފައި އޮންނަ ސައްހަ ގާނޫނީ، އޭގެ މައްޗަށް އަމަލު ކުރަން ޖެހޭ ތަވާބާން ޖެހޭނެ ނިންމުމެއް ކަމެވެ.
"އެހެންވީމަ އިއްޔެ ވަރަށް ހިތާމަވެރި މަންޒަރެއް އެ ފެނުނީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ހަމަތަކުގެ މަތިން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މަޖިލީހުގެ މެންބަރުން ވޯޓު ދީގެން ނިންމި ނިންމުމަކަށް ގޮންޖައްސަވައި ރައިސުލްޖުމްހޫރިއްޔާ އެހެން ގޮތަކަށް އަމަލު ކުރެއްވި ކުރެއްވުން،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި މިކަމުގައި އެންމެ ރަނގަޅު ހައްލަކީ ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް އިސްތިޝާރީ ލަފާއެއްގެ ގޮތުގައި ހޯދުން ނުވަތަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ދިޔުމެވެ.
މިކަމުގައި ގާނޫނުއަސާސީ މަނާ ކުރެވި، ސާފު ހައްލެއް ބޭނުންވެ އެވެ.
ކޯޓާއި މަޖިލިސް ވަކިވާ ހަނި ރޮނގުގެ ފުޅާ ބަހުސް!
އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅު ނިންމަން ދެ ހަފުތާ
ދެ ބާރުގެ ވެރިންނަށް ދާއިމީ ރަސްމީ ގެކޮޅެއް
ދެބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިފި
ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމައެއްނުޖެހޭ
ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް
ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓަށް
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
މުއުތަސިމާއި ސުއޫދު އައްޔަންކުރަން މަޖިލިހުން ރުހުންދީފި
ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކުރުމުގެ ނިޔަތެއް ނެތް:އޭޖީ