Roadha Mihaaru
ދެ ބާރުގެ ވެރިންނަށް ދާއިމީ ރަސްމީ ގެކޮޅެއް

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު އަޅާނެ ބިން ކަނޑައަޅައިފި

26 ޖުލައި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށް ރަސްމީ ގެކޮޅު އިމާރާތްކުރާނެ ދެ ބިމެއް ސަރުކާރުން ކަނޑައަޅައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށް ރަސްމީ ގެކޮޅު އިމާރާތްކުރާނެ ދެ ބިމެއް ސަރުކާރުން ކަނޑައަޅައިފި އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީޖހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު، ދައުލަތުގެ އިސްވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މަޝްވަރާކޮށް، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައި ދޭންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، މަޖިލީހުގެ ރައީސަށް ހާއްސަކޮށް ދާއިމީ ރަސްމީ ގެކޮޅު އިމާރާތްކުރަން ނިންމާފައި ވަނީ މިހާރު ސުޕްރީމް ކޯޓު ހިންގާ ތީމުގޭގެ ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގަ އެވެ. އެ ބިމުގައި މިހާރު ވަނީ ފައިސާ ދައްކައިގެން ވެހިކަލްތައް ޕާކް ކުރެވޭނެ ބޮޑު ޕާކިން ޒޯނެއް ހަދާފައި ނަމަވެސް މަޖިލީހުގެ ރައީސްގެ ގެކޮޅު އިމާރާތް ކުރުމަށްޓަކައި އެ ތަން ހުސްކުރުމަށް ސަރުކާރުން ވަނީ މާލޭ ސިޓީ ކައުންސިލަށް އަންގައިފަ އެވެ.

ދަންޑެހެލު ގެއަކީ އޯކިޑްމަގާއި ފަރީދީމަގަށް ވާ ގޮތަށް އޮންނަ، މާލޭގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ މާފަނުއާގެއިން ބައެއް ދައުލަތަށް ނެގުމަށް ފަހު އެ ބިމަށް ކިޔާ ނަމެވެ.

ދަންޑެހެލުގޭގެ ޕާކިން ޒޯނު މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުސްކުރަން މާލޭ ސިޓީ ކައުންސިލުގައި ސަރުކާރުން ވަނީ އެދިފަ އެވެ. އެ މުއްދަތު މިހާރު ފަހަނައަޅައި ގޮސްފައިވާއިރު އަދިވެސް އެ ބިން ހުސްކޮށްފައި ނުވާ ކަމަށް ޕްލޭނިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އުއްތަމަ ފަނޑިޔާރުގެ ދާއިމީ ރަސްމީ ގެކޮޅު އިމާރާތްކުރަން ނިންމާފައި ވަނީ މެދުޒިޔާރަތް މަގުން މަޖީދީއްޔާ ސްކޫލުގެ ކުރިމަތީގައި ހުންނަ ސްކައުޓް އެސޯސިއޭޝަން ހިންގި ބިމުގަ އެވެ.

"ސަރުކާރުގެ ހަރަދުގައި އެ ދެ ބިމުގައި ގެކޮޅު އިމާރާތް ކޮށްދޭ ގޮތަށް އޮތީ ނިންމާފައި،" އޮފިޝަލް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު އިމާރާތްކުރަން ސަރުކާރުން ކަނޑައެޅީ ސްކައުޓް އެސޯސިއޭޝަން ހިންގި ބިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު އިމާރާތްކުރަން ސަރުކާރުން ކަނޑައެޅީ ސްކައުޓް އެސޯސިއޭޝަން ހިންގި ބިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ވެރިންނަށް ދާއިމީ ރަސްމީ ގެކޮޅު އިމާރާތް ކުރާނެ ބިން ކަނޑައެޅިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މ. މުރައިދޫގެ އަދި އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ރެހެންދި ފްލެޓްގެ އެޕާޓްމެންޓެއް ވަގުތީ ގޮތުން ހަމަޖައްސައިދޭން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެ ތަންތަނުގެ މަރާމާތުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދެ އެވެ

މި ފަހުން ގާނޫނުތަކަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ އަށް ދާއިމީ ގެކޮޅެއް ހަމަޖައްސައިއިދިނުމުގެ އިތުރުން ދައުލަތުން އެ ދެ ބޭފުޅުންނަށް މުވައްޒަފުން ވެސް ހަމަޖައްސައިދޭން ޖެހެ އެވެ. މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް އެ އިސްލާހުތަކުގައިވެ އެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިންއިރު އެ މަނިކުފާނު ދިރިއުޅުއްވީ އާއިލީ ގެކޮޅު ގ. ކެނެރީގޭގަ އެވެ. ހަމަލާ ދިނީ ވެސް ގެކޮޅުން ނުކުންނަވައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށެވެ. އެހެންވެ، ދައުލަތުގެ އިސް ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި އޭރު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަސްމީ ގެކޮޅަކީ މުލީއާގެ ކަމަށް ވާއިރު ނައިބު ރައީސް ފައިސަލް ނަސީމަށް ހަމަޖައްސާފައިވާ ރަސްމީ ގެކޮޅަކީ ހިލާލީގެ އެވެ.