Roadha Mihaaru
ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް

17 މެއި 2021

ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައި، އެ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން އިތުރު ކުރަމަށް ގާނޫނަށް އިސްލާހު ގެނައުމަށް ބަންޑާރަ ނައިބުގެ އޮފީހުން ދެ ބިލެއް އެކުލާވަލައި، ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައި، އެ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން އިތުރު ކުރަމަށް ގާނޫނަށް އިސްލާހު ގެނައުމަށް ބަންޑާރަ ނައިބުގެ އޮފީހުން ދެ ބިލެއް އެކުލާވަލައި، ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހިމާޔަތާއި ރައްކާތެރިކަން އިތުރުކުރަމަށް ކަމާ ގުޅޭ ގާނޫނަށް އިސްލާހުތައް ގެނައުމަށް ދެ ބިލެއް ރައީސް އޮފީހަށް ފޮނުވާފައި ވާނެ ކަމަށެވެ.

މި ދެ ބިލު ރައީސް އޮފީހަށް މި ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދެމުން ގެންދާ ހިމަޔާތާއި ރައްކާތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި، އެ ދެ ބޭފުޅުންނަށް ހާއްސަ ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައި ވަނިކޮށެވެ.

ބަންޑާރަ ނައިބު ރިފްއަތުގެ ޓުވީޓް

ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ދެމުންގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެޓާނީ ޖެނެރަލަށް ރައީސް އެންގެވީ މިދިޔަ ހަފުތާގަ އެވެ. އެ މަނިކުފާނު އެންގެވީ މިހާރު އޮތް ގާނޫނުގެ ތެރެއިން އެކަން ކުރެވެން ނެތް ނަމަ، އާ ގާނޫނެއް އެކުލަވައިލައިގެން ވިޔަސް އެ މަސައްކަތް ކުރިއަށް ގެންދެވުމަށެވެ.

ދައުލަތުގެ އެންމެ އިސްވެރިންގެ ތެރެއިން ރަސްމީ ގެކޮޅެއް ސަރުކާރުން މިހާރު ހަމަޖައްސައިދީފައި ވަނީ ރައީސުލްޖުމްހޫރިޔާ އަށް އެކަންޏެވެ. ރައީސްގެ ރަސްމީ ގެކޮޅަކީ މުލީއާގެ ކަމަށް ވާއިރު ނައިބު ރައީސްގެ ރަސްމީ ގެކޮޅަކީ ހިލާލީގެ އެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ގޮއްވައިލި އައިއީޑީގެ ސަަބަބުން ބޮޑެތި އަދި ފުން ޒަހަމްތަކެއް އެ މަނިކުފާނަށް ވަނީ ލިބިފަ އެވެ. ނަޝީދަށް ފުރަތަމަ ފަރުވާ ދިން އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި މި ހަމަލާގައި އެ މަނިކުފާނުގެ ފުރާނަ އަށް ނުރައްކާވާނެ ކިތަންމެ ޒަހަމްވެއް ލިބުނެވެ. ނަޝީދު އިތުރު ފަރުވާ އަަށް ޖަރުމަނަށް ވަޑައިގަތީ އިމަޖެންސީގައި ކުރި ބޮޑެތި އޮޕަރޭޝަންތަކަކަށް ފަހު ހާލުކޮޅު ރަނގަޅުވާން ފެށުމުންނެވެ.