Roadha Mihaaru
އޭޖީއަށް ރައީސްގެ ފުރިހަމަ އިތުބާރު އެބައޮތް: ސަރުކާރު

އޭޖީ ރިފްއަތަށް ރައީސްގެ ފުރިހަމަ އިތުބާރު އެބަ އޮތް: ސަރުކާރު

23 މެއި 2019

ދައުލަތުގެ ބަންޑާރަނައިބު، އިބްރާހިމް ރިފްއަތު ލަފާ ދެއްވަނީ ދައުލަތުގެ މަސްލަހަތަށް ކަމަށާއި އޭނާއާ ދޭތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތުގެ ބަންޑާރަނައިބު، އިބްރާހިމް ރިފްއަތު ލަފާ ދެއްވަނީ ދައުލަތުގެ މަސްލަހަތަށް ކަމަށާއި އޭނާއާ ދޭތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ކޯޓުތަކުން މި ފަހުން ނިންމި ގިނަ މައްސަލަތަކާއި އެ އޮފީހުން ނިންމި މައްސަލަތަކުގައި ވެސް އޭޖީ ލަފާ ދެއްވާފައި ވަނީ، ދައުލަތުގެ މަސްލަހަތަށް ބެއްލެވުމެއް ނެތި، ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް ކަމަށް ބުނެ އޭނާ އަށް ވަނީ އިދިކޮޅުގެ ފާޑުކިއުން އަމާޒުވެފަ އެވެ. ބައެއް ނިންމެވުންތަކުގައި އަމިއްލަ މަސްލަހަތު އިސްކުރައްވާ ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.

އޭޖީގެ ފަރާތުން ބަސް ބުނަނީ ހުރިހާ މަރުހަލާތަކަކަށް ފަހު. އޭޖީ އެ ވިދާޅުވަނީ އެބޭފުޅާގެ އަމިއްލަފުޅު ވާހަކައެއް ނޫން. އެއީ މުޅި ސަރުކާރުގެ ބަސް. --އަލީ ޒާހިރު

އޭޖީ ދެއްވާ ލަފާތަކާ އެކު ރައްޔިތުންގެ ފައިސާ ބަހަމުންދާ ކަމަށް ކުރަމުންދާ ތުހުމަތާ ގުޅިގެން އަލީ ޒާހިރު "މިހާރު" އަށް ވިދާޅުވީ ދައުލަތުން ބަދަލު ދޭން ޖެހިފައިވާ މައްސަލަތަކުގައި، ބަންޑާރަނައިބާއި ސަރުކާރު ބަދުނާމުކޮށް ވާހަކަ ދައްކަނީ ކަމުގެ ހަގީގަތް ސާފުނުވާތީ ކަަމަށް ވުން އެކަށީގެންވާ ކަމަށެވެ. ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ބަދަލު ނަގައިދެނީ ކުރީގެ ސަރުކާރުތަކުން ގޯސްކޮށް، އުސޫލުން ބޭރުން އެއްބަސްވުންތައް އުވާލާފައިވުމުން ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި ގޮތް ނިންމަނީ އޭޖީ އެކަންޏެއް ނޫނެވެ.

"[ބަދަލު ނަގައިދިނުމާ ހަމައަށް ދަނީ] ވަރަށް ދިގު ޕްރޮސެސްއެއްގެ ތެރެއިން. އެކި ފަރާތްތަކުން ގެއްލުމުގެ ބަދަލު ހޯދަން، ޚާއްސަކޮށް ވިޔަފާރިތައް ފުނޑުފުނޑުކޮށްލާ ކަމަށް ބުނެ މައްސަލަތައް ހުށަހެޅުމުން، އެއީ އެކަކު ދެ މީހަކު ނިންމާ މައްސަލަތަކެއް ނޫން،" އަލީ ޒާހިރު ވިދާޅުވި އެވެ.

އެ މައްސަލަތައް ނިންމަނީ، އޭނާ ވިދާޅުވި ގޮތުގައި، އެ ކަމާ ގުޅޭ ގޮތުން މިނިސްޓީރިއަލް ލެވެލްގެ ކޮމިޓީތަކެއްގައި ވެސް މަޝްވަރާކޮށް، އެކަންކަން ބަލައި، ވަރަށް ދިގު މަރުހަލާއެއް ކަޑައްތު ކުރުމަށް ފަހު އެވެ.

"އޭޖީގެ ފަރާތުން ބަސް ބުނަނީ މި ހުރިހާ މަރުހަލާތަކަކަށް ފަހު. އޭޖީ އެ ވިދާޅުވަނީ އެބޭފުޅާގެ އަމިއްލަފުޅު ވާހަކައެއް ނޫން. އެއީ މުޅި ސަރުކާރުގެ ބަސް. އޭޖީއާ މެދުގައި ސަރުކާރަށް ފުރިހަމަ އިތުބާރު އެބަ އޮތް،" އަލީ ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭޖީ ލަފާ ދެއްވަނީ ދައުލަތުގެ މަސްލަހަތު އިސްކުރައްވަ އެވެ.