Roadha Mihaaru
ކައުންސިލްތަކުގެ މައްސަލާގައި ކުރި ހުކުމް އިސްތިއުނާފަށް

ކައުންސިލްތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށް ކުރި ހުކުމް އޭޖީން އިސްތިއުނާފް ކުރަނީ

09 ސެޕްޓެމްބަރ 2021

ލޯކަލް ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާގޮތުން ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ގާނޫނީ ޝަހްސެކެވެ. އެކަމަކު އދ. ފެންފުށީ ބިމެއްގެ މައްސަލައިގައި ހައި ކޯޓުން އިއްޔެ ނިންމީ ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށާއި ދައުލަތް ތަމްސީލު ކުރެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށެވެ. އެހެންވެ، ރަށެއްގެ ބިމުގެ މައްސަލަތަކުގައި ވެސް ވަކާލާތު ކުރެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށް އެ ހުކުމުގައިވެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ހުސެއިން ހަސަން ވިދާޅުވީ އެކަމާ ބެހޭ ތަފްސީލް ފަހުން ހާމަކުރާނެ ކަމަށެވެ.

ފެންފުށީގެ ބިމަކާ ހެދި، އެ ރަށު ކައުންސިލާ ދެކޮޅަށް ހައި ކޯޓަށް މައްސަލަަ ހުށަހެޅިޔަސް، ކައުންސިލުން ބުނީ، އެ މައްސަލައިގައި ވަކާލާތު ކުރެވޭނެ ވަކީލަކު އެ ކައުންސިލްގައި ނެތް ކަމަށެވެ. އެހެންވެ، ފެންފުށީ ކައުންސިލްގެ ފަރާތުން ޖަވާބުދާރީވާން އެޓާނީ ޖެނެރަލްގެެ އޮފީހަށް ހައި ކޯޓުން އެންގުމުން އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ޖަވާބު ދިނީ ކައުންސިލްތަކަކީ މިނިވަން ގާނޫނީ ޝަހްސަކަށް ވާތީ ކައުންސިލްތައް ތަމްސީލު ކުރުމުގެ ބާރު އެ އޮފީހަށް ނެތް ކަމަށެވެ.

ނަމަވެސް ހައި ކޯޓުން ނިންމީ އެޓާނީ ޖެނެރަލްގެ ފަރާތުން އެ މައްސަލައިގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ހައި ކޯޓުން ކުރިއަށް ގެންދިިޔައީ އެޓާނީ ޖެނެރަލްގެ އޮފީހާއި ފެންފުށި ކައުންސިލް ބައިވެރިކޮށްގެންނެވެ.