Roadha Mihaaru
ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ސުޕްރީމް ކޯޓަށް

ގުޅިފަޅު ހިއްކުން ހުއްޓުވި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ

14 ފެބުރުއަރީ 2024

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓުވާލުމުން ދައުލަތަށް ކޮންމެ ދުވަހަކު އެތައް މިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެތީ، އެކަން ހުއްޓާލަން ހައި ކޯޓުން ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ބަންޑާރަ ނައިބުގެ އޮފީހުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓުވާލުމުން ދައުލަތަށް ކޮންމެ ދުވަހަކު އެތައް މިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެތީ، އެކަން ހުއްޓާލަން ހައި ކޯޓުން ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ބަންޑާރަ ނައިބުގެ އޮފީހުން ނިންމައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގައި ހައި ކޯޓުން ބުނީ، އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފި ނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އެ މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި އަންގާފައިވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ގުޅިފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލަން އަންގާ ކަމަށެވެ.

އެ މައްސަލާގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް "އެކްސް"ގަ އި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުޅިފަޅު ތަރައްގީ ކުރުމަކީ އެތައް ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށެވެ. އެ ތަނުން ހިއްކަން ހަމަޖައްސާފައިވާ ބިމުގެ 80 ޕަސެންޓް މިހާރު ނިމިފައިވާއިރު، ވަކި ހިސާބަކުން އެ މަސައްކަތް ހުއްޓާލުމަކީ ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ. ދައުލަތުގެ ފަރާތުން މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ވާނީ ނިންމާފައި،" އުޝާމްގެ ޕޯސްޓުގައިވެ އެވެ.

އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާއަށް 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ. އެ ތަން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދެ އެވެ.

އެ ވެރިކަމުގައި ފެށި ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިސްކޮށް އުޅުއްވި އޭރުގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އެ މަސައްކަތް ހުއްޓާލާފައި އޮންނަ ކޮންމެ ދުވަހަކަށް ދައުލަތުން ބޮސްކާލިސް ކުންފުންޏަށް ތިން ލައްކައެއްހާ ޑޮލަރު ދައްކަންޖެހޭނެ ކަމަށެވެ.

ގުޅިފަޅު ހިއްކަން ފެށީ ސަރުކާރުން އެތަނުގައި ހަދާ ސަރަހައްދީ ބަނދަރު ނުވަތަ ޕޯޓްގެ މަސައްކަތަށެވެ. އޭގެ އިތުރުން، ކުރީގެ ސަރުކާރުން ވަނީ މާލޭ މީހުންނަށް އެ ތަނުން ގޯތި ވެސް ދީފަ އެވެ.